ކުޑަކުދިން

ކުދިންގެ ކުށް ދައްކާތީ އާކްގެ ކަންބޮޑުވުން

Apr 8, 2021

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ކުށްވެރިވާ ގޮތަށް ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ވެރިން ވާހަކަ ދައްކާ ކަމަށާއި އެ މޭރުމުން މީޑިއާގައި ރިޕޯޓްކޮށްފައި ވާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އަޑުއުފުލާ އެންޖީއޯ، އާކް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާކް އިން ބުނިގޮތުގައި ޒިންމާދާރު ވެރިންނާއި ހަވާލާދީ ކުޑަކުދިންގެ ހިޔާގެ މައްސަލަތައް ބައެއް މީޑިއާގައި ރިޕޯޓް ކޮށްފައި ވަނީ ކުދިން ބަދުނާމުވާ ގޮތަށް ނަމަވެސް އެތަން އެ ހާލަތަށް ވެއްޓުމުގެ ސަބަބަކީ ދައުލަތުގެ އިދާރާތަކަށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުމާއި، މުއައްސަސާތަކާއި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އިހްމާލު ކަމަށެވެ.

އާކުން ބުނީ ކުޑަކުދިންގެ ހިޔާގައި އުޅޭ ގިނަ ކުދިންނަކީ އަޅާލުން ނުލިބި، ބޮޑެތި އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވުމުގެ ސަބަބުން ނުވަތަ އެކުދިންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރު ކޮށްދޭން ދާއުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިން ކަމަށެވެ. އަދި އެ ކުދިންނަށް އަޅާލައި ރަނގަޅަށް ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ހިޔާގައި ދިރިއުޅޭ ކުދިން ސުކޫލަށް ނުފޮނުވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ރަށްރަށުގެ އެފްސީއެސްސީ ތަކުގައި ކުދިން ބައިތިއްބާ ކަމަށާއި ކުދިންނަށް އާއިލާގެ އެހެން ފަރާތަކާއެކު ދިރިއުޅެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށްބުނެ، އެ ރަށުގެ ސްކޫލުގައި ރަޖިސްޓްރީ ނުކޮށް ސްކޫލަށް ނުފޮނުވާ ބައިތިއްބާ ކަމަށާއި އޭގެ ސަބަބުން ކުދިންގެ ކިޔެވުމަށް އެތައް އަސަރުތަކެއް ކުރާ ކަމަށެވެ.

ހިޔާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް ޗިންލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވެސް ވަނީ ޖެންޑާ މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ހިޔާތަކުން ފާހަގަކުރެވުނު 17 މައްސަލައެއް ފާހަގަކޮށް ވަނީ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފަ އެވެ.