ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިިންގި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ގުރުއަތުލުމުގެ ބައި މިއަދު ހެނދުނު އެޗްޑީސީއިން ފަށައިފި އެވެ.
ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ދާދި ފަހުން ނެރެފައިވާއިރު 6720 މީހުންނަށް ފްލެޓް ލިބެއެވެ. މިއަދު ގުރުއަތުލުން ކުރިއަށް ގެންދިޔައީ އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީ ނުވަތަ އެޗް-10 ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގަ އެވެ. ގުރުއަތުލުން ކުރިއަށް ގެންދިޔައީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުން ނެވެ. އަދި ގުރުއަތު ނެގިއިިރު ނެގުނު ނެގުނު ފުލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ވަނީ ދައްކައިފަ އެވެ.
ގުރުއަތުލުގެ ބައި "ޔެސް ޓީވީ" އިން ވަނީ ލައިވް ވެސް ކޮށްފަ އެވެ.
ފްލެޓް ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާ އެކު ކޮންމެ މީހަކާ އެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ވަރަށް އަވަަހަށް އިއުލާންކުރާނެކަމަށެވެ.
ސަރުކާރުން ކުރިންވެސް ނިންމާފައިވާ ގޮތަށް ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ. އަދި އެތަންތަނަށް ވަނުމަށް
ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ލިބޭއިރު އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓް ދައްކަން އުދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ އެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.