ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަަހައްޓަން ކ. ގުރައިދޫގައި ހަދާފައިވޡ މަރުކަޒު ބެލެހެއްޓުމުގައި ޒިންމާ އަދާ ނުކުރެވޭ ކަމަށް ޖެންޑާ މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޑޮކްޓަރެއް ނެތި އެތައް ދުވަހެއް ވަނީ ވެފައެވެ. އެހެންވެ އެކަން ނުވެ އޮތް ސަބަބުތަކާއި އެކަމަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޖެންޑާ، ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަށް ހާޒިރު ކޮށް ސުވާލު ކޮށްފަ އެވެ.
ގުރައިދޫއަކީ ހާއްސަކޮށް ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ފަރުވާދީ އެމީހުން ބަލަހައްޓާ ތަނަަކަށް ވިޔަސް މިދިޔަ އަަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެތަނުގައި ސައިކޭޓްރިސްޓެއް ނުހުރެ އެވެ. އަދި މިދިޔަ ޑިސެމްބަރުން ފެށިގެން ޑޮކްޓަރަކު ވެސް ނެތެވެ. އެތާނެގެ ސްޓާފް ނާސް މި އަހަރުގެ ޖެނުއަރީ 17 އިން ފެށިގެން ހުންނެވީ މެޓާނިޓީ ލީވެއްގަ އެވެ. އެހެންވެ ބަލި މީހުންނަށް ބޭސް ވެސް ދެނީ ތަމްރީނެއް ނެތް މީހުން ލައްވަ އެވެ. އެތަނުގައި މިހާރު ހުރީ ހަމައެކަނި ފިޒިއޮތެރެޕިސްޓެކެވެ.
އިއްޔެ މަޖިލީހުގެ ކޮމެޓީގައި މެމްބަރުން ވަނީ ޑޮކްޓަރުންނާއި ސައިކެޓްރިސްޓުން ނުލިބިގެން އުޅޭ ސަބަބުތަކާމެދު ސުވާލު ކޮށްފަ އެވެ. އެކަމުގައި ބަޖެޓުގެ ދަތިކަމެއް ނޫޅޭނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މީހުން ރެކްރޫޓް ކުރަން އުނދަގޫ ވުމުން އައިޖީމްއެޗްއިންނާއި އެހެނިހެން ތަންތަނުން ޑޮކްޓަރުން ހޯދަން މަސައްކަތް ނުކުރީ ކިއްވެގެންތޯ މަޖިލިސް މެމްބަރަކު އިއްޔެ ސުވާލުކުރެއްވި އެވެ.
އޭގެ ޖަވާބުގައި ޖެންޑާގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ޑޮކްޓަރުން ހޯދަން އެދި ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗްގައި ވެސް ކުރިން އެދުނު ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރިސޯޓްތައް ބަންދުވުމުން އެތަނުގައި ތިބި ޑޮކްޓަރުން ހޯދަން އެދުނު ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން އެ ޑޮކްޓަރުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަަށް ބަހާލަން ޖެހުމުން ގުރައިދޫ މަރުކަޒަށް ޑޮކްޓަރުން ހަމަނުޖެހުނީ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެއީ އަނގަބަހުންނާ ލިޔުމުން ރިކުއެސްޓު ކުރީ. ދެން އަޅުގަނޑު ވެސް ގަބޫލްކުރަން އަޅުގަނޑުމެންގެ ޒިންމާ މީގަ އެބައޮތް ކަން. ޖެންޑާ މިނިސްޓްރީން މިހާ ދުވަސްވާއިރު އަޅުގަނޑުމެންނަކަށް ޖެންޑާ މިނިސްޓްރީއަށް ނުވިއޭ ބުނެފަ އެހާ ހަމަ ފަސޭހަ ގޮތެއް ނޫންކަން. އަދި އިތުރަށް މަސައްކަތް ކުރަން ޖެހޭކަން ގަބޫލްކުރަން." ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ގުރައިދޫ މަރުކަޒަށް މީހުން ލިބުމުގައި ހުރި އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި އައިޝަތު ރަޝީދު ފާހަގަކުރެއްވީ ގުރައިދޫގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތިބެން ބޭނުން ނުވުމެވެ. އެހެން ނަމަވެސް ބިދޭސީން އެ މަގާމުތަަކަށް ލިބޭ ކަމަށާއި ނަމަވެސް ކޮވިޑްގެ މިހާލަތުގައި އެންމެ ފަހުން މަގާމުތަކަށް އިއުލާންކުރުމުން މުވައްޒަފުން ރެކްރޫޓްކުުރުމުގައި ދަތިވިކަމަަށް ވިދާޅުވި އެވެ. އެގޮތަށް ދިމާވީ މަގާމުތަކަށް ހުޅުވާލުމުން ޑޮކިއުމަންޓްތައް ގެންނައިރު ފުރިހަމަ މައުލޫމާތު ނެތުމުންކަމަށް މިނިސްޓްރީން ބުނެ އެވެ.