ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބީ މައްސަލަ ހުށަހަޅާނެ ގަޑިތައް އާންމުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅޭނެ ގަޑިތައް ހައިކޯޓުން އާންމު ކޮށްފި އެވެ.

އެގޮތުން މިމަހުގެ 10، 11 އަދި 12 ވަނަ ދުވަހު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށް ހައިކޯޓުން ބުނެ އެވެ. މިމަހުގެ 12 ވަނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވެއްޖެ ނަމަ އެދުވަހުގެ ހެނދުނު 9:00 އިން 3:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް އެކޯޓަށް ހުށަހެޅޭނެ އެވެ.

އިންތިހާބާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އިންތިހާބާ ބެހޭ ގާނޫނުތައް ބުނާގޮތުގައި އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިގެން ވަނީ ހައިކޯޓަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 713 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި އެއް ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓް ފޮށްޓެވެ.

މި ދެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން، ނަން އަނބުރާ ގެންގޮސްފައިވާތީ އެ އިންތިހާބުގައި މިހާރު ވާދަކުރަނީ 2264 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިހާރު ވާދަކުރަނީ 1670 ކެންޑިޑޭޓުންނެވެ. މި ދެ އިންތިހާބު ވެސް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.