ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާއިން ފައިޒާ-ބަޔޮންޓެކް ހަތްމިލިއަން ޑޯޒް ގަންނަނީ

ފައިޒާ-ބަޔޮންޓެކް ހަތްމިލިއަން ޑޯޒް ގަތުމަށްޓަކައި ލަންކާއިން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޕަވިތުރަ ވައްނިއަރައްޗީ ވިދާޅުވެއްޖެ އެވެ. ޕާލަމަންޓަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ އުންމިދަކީ އަންނަ އަހަރު ފައިޒާ-ބަޔޮންޓެކް ވެކްސިން ސްޓޮކެއް ލަންކާއަށް ގެނައުން ކަމަށެވެ.

ލަންކާއަށް ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އިތުރު ސަޕްލަޔަރުންނާ މަޝްވަރާކުރެވޭ ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ. ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށް ފައިޒާ ކުންފުންޏާ މަޝްވަރާކުރެވެމުން އަންނަ ކަމަށާއި ވިސްނުންފުޅަކީ އެއްބަސްވުމެއްގައި ސޮއިކުރެވޭވަރު ކުރެއްވުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމްބަސީ މެދުވެރިކޮށް މޮޑާނާ އާއި ޖޯންސަން އެންޑް ޖޯންސަންސްއާ ވެސް އެބަ މަޝްވަރާކުރަން،" ޕަވިތުރަ ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ޕްރޮޕޯސަލްއަށް ބައްލަވައި އެކުންފުނިތަކާއެކު ވެސް އެއްބަސްވުމެއް ގާއިމުކުރައްވާނެ ކަމަށެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ދެވޭ ވެކްސިންތަކުގެ ތެރެއިން ފެންވަރު އެންމެ ރަނގަޅު ވެކްސިނަކީ ފައިޒާ-ބަޔޮންޓެކް އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ދަރަޖަ ކަނޑައެޅުމުގައި ފައިޒާ-ބަޔޮންޓެކްއަށް ނަމޫނާއަކަށް ބަލަ އެވެ.

ލަންކާގެ އާބާދިއަށް ފުދޭވަރަށް ވެކްސިން ސްޓޮކް އިތުރުކުރުމަށްޓަކައި ސަރުކާރުން 13 މިލިއަން އެސްޓްރަޒެނެކާ ވެކްސިނަށް އޯޑަރުކޮށްފައިވާ ކަމަށް މީޑިއާ މިނިސްޓަރު ހެކެލިޔާ ރަމްބުކްވެއްލާ ވިދާޅުވި އެވެ. އަދި ރަޝިއާއިން ސްޕްޓްނިކް ވެކްސިން ގަތުމަށްޓަކައި ހަމިލިއަން ޑޯޒަށް ކެބިނެޓުން ހުއްދަދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާގައި އާންމުންނަށް ވެކްސިންދޭން ފަށާފައި ވާއިރު އާންމުކޮށް ދެނީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންނެވެ. މިވެކްސިން އުފައްދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުންނެވެ. ދެކުނުއިރުމަތީ އޭޝިއާ ގައުމުތަކުގައި އެންމެ ގިނައިން ބޭނުންކުރަނީ ވެސް އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނެވެ.