ބޮލީވުޑް

އިންޑިއަން އައިޑޮލް: ޕަވަންދީޕް ޕޮޒިޓިވްވުމުން ލަވަކީ ވީޑިއޯ މެދުވެރިކޮށް

ސޮނީ ޓީވީގެ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަން މިހާރު ކުރިޔަށްދާއިރު މިފަހަރު އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވަނީ ޕަވަންދީޕް ރާޖަން އެވެ. އޭނާގެ ސީދާ ސާދާ ކަމާއި އަޑުގެ ރީތިކަމުން އަދި ލަވަކިޔާލެއް މޮޅުކަމުން ވަރަށް ގިނަ ބަޔަކު އޭނާގެ ފޭނުންނަށް މިހާރު ވަނީ ވެފަ އެވެ.

ނަމަވެސް އިންޑިއަން އައިޑޮލް ސެޓަށް ވެސް މި ފަހަކުން ކޮރޯނާވައިރަހުގެ ނުރައްކާތެރިކަން ފެތުރި ޕަވަންދީޕު ވެސް މިހާރު ވަނީ އެ ބަލީގެ ޝިކާރައަކަށް ވެފަ އެވެ. އެންމެ ފުރަތަމަ އިންޑިއަން އައިޑަލްގެ ސެޓުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޝޯގެ ހޮސްޓް އަދިތުޔާ ނާރަޔަން އެވެ. އަދިތުޔާ ޕޮޒިޓިވްވުމުން އެ ސެޓުގައި މަސައްކަތްކުރާ އެންމެންނާއި ޖަޖުން އަދި ލަވަކިޔުންތެރިން ޓެސްޓް ކުރުމުން ޕަވަންދީޕް ޕޮޒިޓިވް ވެފައި ހުރިކަން އެނގުނީ އެވެ.

އަދިތުޔާ ހޮސްޕިޓަލުގައި އޮތުމުން މި ހަފުތާގައި ދައްކާ ދެ އެޕިސޯޑު ހޯސްޓްކުރާނީ ރިތްވިކު ދަންޖާނީ އެވެ.

ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުންގެ ޖޯޑު ކަލިޔަންޖީ-އާނަންދްޖީ އަށް ޚާއްސަކޮށްފައިވާ އެޕިސޯޑުގައި އާނަންދްޖީ ބައިވެރިވެފައިވާއިރު އާނަންދުޖީ ކުރިމަތީގައި ލައިވްކޮށް ޕާފޯމް ކުރުމުގެ ފުރުސަތެއް ޕަވަންދީޕް އަކަށް ނުލިބުނެވެ.

ޕަވަންދީޕް ކޯވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުގައި ހުރިކަން ރިތުވިކް އިއުލާން ކުރުމުން ޝޯގެ ޖަޖުން ކަމަށްވާ ނެހާ ކައްކަރް އާއި ހިމޭޝް ރޭޝަމްޔާ އަދި ވިޝާލް ދަދްލާނީ އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

ވީޑީއޯ ކޯލް މެދުވެރިކޮށް ޕަވަންދީޕް އާ ގުޅޭ ގޮތް ވުމުން އޭނާ ވަނީ ވަރަށް ޚާއްސަ ކަމަކަށް ޝޯގެ ޖަޖުންގެ ކިބައިން އެދިފަ އެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް އޭނާއަށް ލަވަ ހުށަހަޅައިދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

ޕަވަންދީން އެދުނު ގޮތަށް ޖަޖުން އެއްބަސްވެ އޭނާއަށް ލަވަ ކިޔޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އަދި ކުރިޔަށް އޮތް ހަފުތާގައި ދައްކާ ދެ އެޕިސޯޑުގައި ވެސް ޕަވަންދީޕް ލަވަ ކިޔާނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.
އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ދައްކާ އިންޑިއަން އައިޑޮލްގެ ދެ އެޕިސޯޑުން އެއް އެޕިސޯޑުގައި އާނަންދްޖީ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާއިރު ދެ ވަނަ އެޕިސޯޑުގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވަނީ އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާނެވެ.

އޭ.އާރް ރަހްމާން ޝޯގައި ބައިވެރިވީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުންނާއި ލިޔުންތެރިއެއްގެ ގޮތުން އުފެއްދި ފުރަތަމަ ފިލްމު "99 ސޯންގްސް" ޕްރޮމޯޓް ކުރުމަށެވެ.