ކުޅިވަރު

ފުޓްބޯޅަ ބަދަލު ކުރަން ރިސްކު ނަގަންޖެހޭ

ދިވެހި ކޯޗުން ރިސްކު ނަގައިގެން، ރާއްޖޭގެ ފުޓްބޯޅައިގެ ގޭމް ސްޓައިލް ބަދަލު ކުރަން ޖެހޭ ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

މާޒިޔާގެ ކޯޗް، ރިސްޓޯ ވިޑަކޮވިޗް އެ ޓީމުގެ ކުޅުމަށް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރަމުން މޯހަން ބުނީ ދިވެހި ކޯޗުންގެ ކިބައިގައިވެސް އެ ބަދަލު ގެނައުމުގެ ފެންވަރު ހުންނާނެ ކަމަށެވެ.

"ކުރިން ނުފެންނަ (ގޭމެއް) ކުޅޭތަން އެބަ ފެނޭ މާޒިޔާގެ ކިބައިން، ކޯޗަށް [ރިސްޓޯ އަށް] އެ ހުރިހާ ކްރެޑިޓެއް ދޭން ޖެހޭނެ،" މޯހަން ވާހަކަ ދެއްކި އެވެ. "މިހާރު ތިރިން ޕާސްކޮށްގެން ކެތްތެރި ކަމާއެކީގައި ބިލްޑްއަޕް ފުޓްބޯޅައެއް ކުޅޭތަން އެބަ ފެނޭ އެޓޭކަށް ދާއިރުގައި. އެއީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ކަހަލަ ސްޓައިލް. އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުފާވޭ. އެ ކޯޗަށްވެސް ހަމަ އެ ޓީމަށް ވެސް ތައުރީފް ހައްގު."

ދެން މިއޮތީ، އެ ގޭމް ބަދަލު ކުރުމަށް ދިވެހި ކޯޗުންނަށް ހުރި ހުރަސްތަކާ ބެހޭގޮތުން މޯހަން ދެކޭ ގޮތެވެ. އޭނާ ބުނީ، ނަތީޖާ ނެރެން ވިސްނާއިރު އެ ރިސްކު ނަގައިގެން ނަތީޖާ ނުނެރެވިދާނެ ކަމުގެ ޕްރެޝަަރު ދިވެހި ކޯޗުންނަށް އޮތުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި ކޯޗުން އިސްކުރާނީ ހަމައެކަނި މެޗުގެ ނަތީޖާތޯ ނުވަތަ ނަތީޖާ އާ އެކު ގޭމްވެސް މޮޅަށް ކުޅެންތޯ ކަނޑައަޅަން ހުރި އުނދަގޫތައްވެސް އެބަ ހުރި ކަމަށް މޯހަން ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ދިވެހި ކޯޗުންވެސް އެގޮތަށް ބަދަލު ކުރަން މަސައްކަތް ކޮށްފިއްޔާ ދިވެހި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނެކަން އެއީ ޔަގީންކަމެއް," މޯހަން ބުންޏެވެ. "އެ ގޭމް ކުޅެން ފަށާއިރު މިސްޓޭކްތައް ހަދާނެ. މިހާރު ޔޫރަޕްގައި ބޮޑެތި ކުލަބުތައް ޕާސިން ގޭމްގައި ޕްރެޝާގައި ކުޅޭއިރު މިސްޓޭކްތައް ހަދާތަން އެބަ ފެނޭ ދެއްތޯ.

"އެ ހޭންޑްލް ކުރަން އެނގެނީ އެގޮތަށް ކުޅެން ފެށީމަ ޕްރެޝާގައި އެގޮތަށް މަޑުމަޑުން ފެށީމަ އެ ގޭމް ކުޅެވެނީ އެހެންވީމަ އެ ގޭމް އަޅުގަނޑުމެން ހުރިހާ ޓީމެއް ކުޅެން ފެށީމަ ނެޝަނަލް ޓީމަށް އޭގެ އެޑްވާންޓޭޖްތަކެއް ހަމަގައިމުވެސް ހުންނާނެ. ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅޭއިރު އެ ގޮތަށް ކުޅެން މަސައްކަތް ކުރަން ޖެހޭނީ. ދިވެހި ކުޅުންތެރިންގެ ފިޒިކް އަދި ހައިޓް ކުރި ގޮތަށް ބަލާއިރު ތިރިން ޕާސިން ގޭމް ނުކުޅެ އަޅުގަނޑަކަށް ހީއެއް ނުވޭ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ހެނެއް."

"އަޅުގަނޑު އެދެނީ އެގޮތަށް ހުރިހާ ދިވެހި ކޯޗުންވެސް އެ ރިސްކު ނަގައިގެން އެ ގޭމް ކުޅެން މަސައްކަތް ކުރުން. އެހެންނަމަވެސް އެ ކޯޗަކަށް އެނގޭނީ އެ ކޯޗަކު ކުޅެން ބޭނުންވާ ގޭމެއް. އެ ކޯޗަކު ވިސްނާ ގޮތެއް. އެއީ އަޅުގަނޑަކަށް ބުނެވޭނެ ކަމެއް ނޫން."

މޯހަން ބުނީ، އެކި މެޗުތަކުގެ މުހިންމުކަން އޮންނާނީ މިންވަރަށް ކަމަށެވެ. އެހެންވެ ހުރިހާ މެޗެއްގައި އެގޮތަށް ކުޅުން މުހިންމު ނޫންކަން އޭނާ ފާހަގަ ކުރި އެވެ. މިދިޔަ ހަފުތާގައި މާޒިޔާ އާ ދެކޮލަށް ސަސް ކުޅުނު މެޗުގައި މޯހަން ބޭނުން ކުރީ ޓައިޓް ޑިފެންސިވް ގޭމެކެވެ. އޭނާ ބުނީ ލީގްގައި ދެން އޮތް ހަތް ޓީމަށް ވުރެ ހުރިހާ ގޮތަކުންވެސް މާޒިޔާ ތަފާތު ކަމަށެވެ. މިރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅޭއިރު މާޒިޔާ އާ ދެކޮޅަށް ކުޅުވި ގޭމް ނުކުޅޭނެ ކަމަށް މޯހަން ބުންޏެވެ.