(5 އޭޕްރިލް 2021 އާ ގުޅޭ)
"މަންމާ! ހާދަ އަވަސް އަރައިގެން.. ކިހިނެއްތަވީ؟" ވާހިދާގެ އަޑުން ތަފާތު ކަމެއް ފާހަގަ ވުމުން، މަލާކު އަހައިލިއެވެ.
"ނޫން.. ނުވޭ ކަމެއް.. މަންމަ ފެންވަރާ ނިމުނު ތަނާ ވިއްޔާ ދަރިފުޅު ތި ގުޅީ.. އަދި މިއުޅެނީ ރީތި ވެސް ނުވެވި." ވާހިދާ ހަމަޖެހުމުގެ ނޭވާއެއް ލަމުން ވާހަކަދައްކަން ފެށިއެވެ.
"ދަރިފުޅު ކިހިނެއްތަ؟ ކިޔެވުން ރަނގަޅުތަ؟" ވާހިދާ ފޯނު ކަންފަތުގައި ޖަހައިގެން ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ.
"އާނ މަންމާ.. އަހަރެން ރަނގަޅު. މިހާރު ރާއްޖެ ދާ ހިތުން ހުރެވެނީއެއްްނޫން. އެހާ ވެސް ދާ ހިތްވޭ.." މަލާކު ވަރަށް ހެވިލާފައި ބުނެލިއެވެ.
"އަސްތާ! އަނެއްކާ ކިހިނެއްވީ؟ ގައިމު މަންމަ ދެކޭ ހިތުން ތިވަރަށް ނޫޅޭނެ ކަންނޭނގެ!" ވާހިދާ ސަމާސާ ރާގެއްގައި ބުންޏެވެ.
"ހެހެ! ދެން މަންމަ ދައްކާ ވާހަކަ. އޯޯކޭ މަންމާ.. އަހަރެން ދެން ބާއްވަނީ." މަލާކު އެހެެން ބުނެ ފޯނު ބޭއްވުމުން، ވާހިދާ އަނެއްކާ ވެސް އޭނާގެ ހަރަކާތްތަކަށް އަވަސް ކަމެއް ގެނައެވެ. މުޅިގަޔަށް ބޮޑީ ސްޕެރޭ ޖަހައި، ހަންގަނޑު މީރު ވަހަކުން އެއްވަސް ކޮށްލިއެވެ.
***
"މަންމާ. ކޮބާ ޖަނާ؟" ކޮޓަރިން ނުކުންނަމުން، ލަބީބު ނިކަން ހާސްވެފައި ބަލައިލީ ރަޝީދާގެ މޫނަށެވެ. ރަޝީދާ ޖަވާބުގައި ދެކޮނޑު އަރުވައިލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. ރަޝީދާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާން ކަމެވެ.
"އަނެއްކާ ކޮންތާކަށްބާ އެދިޔައީ؟" ފުންކޮށް ނޭވާއެއް ލަމުން ލަބީބު އަހައިލިއެވެ.
"ކޮޓަރީގަ ނެތް ދޯ؟ ނޭނގެ މަންމައަކަށް.." ރަޝީދާގެ ހިތުގައި ހާސްކަން ވެރި ވިޔަސް، ޖަންނަތު އޭނާގެ ނަފުސަށް ގެއްލުމެއް ނުދޭނެ ކަން އޭނާއަށް ޔަޤީނެވެ. އަދި އަމުދުން، ލަބީބާ ގުޅޭ ކަމެއްްގައި ޖަންނަތުގެ ހިތަށް އެކައްޗެއް ވެސް ނާރާނެކަން އެއީ ރަޝީދާ ޤަބޫލު ވެސް ކުރާ ގޮތެވެ. ނަމަވެސް ލަބީބު ދުށް ގޮތް ތަފާތެވެ. ލަބީބު ހީކުރީ، ރޭގަ ކަންތައް ވީގޮތުން ޖަންނަތު ފަހުން ދެރަވެގެން ގެއިން ނުކުމެގެން ދިޔައީ ކަމަށެވެ. ޖަންނަތަށް އެއްވެސް ދެރައެއް ލިބޭތަން ބަލަން ލަބީބަށް ކެތް ނުވާނެތީ، އޭނާ އުޅުނީ ވަރަށް ބޮޑަށް ތެޅިފޮޅެ ގަނެގެންނެވެ.
"ތި ހަމަޖެހިބަލަ! މިކުޑަ ރަށުގަ ވަކި ކޮންތާކަށް ދާނީ؟ ޖަންނަތު އަންނަން ދެން މަޑުކޮށްލަން މަންމައަށް ފެންނަނީ.." ރަޝީދާ ހިފައިލީ ލަބީބުގެ ކަނާއަތުގައެވެ. ލަބީބު މާބޮޑަށް ކަންބޮޑު ވެފައި ހުރުމުންނެވެ.
ދޮރުގައި ޓަކި ދޭން ފެށި އަޑަށް، ވާހިދާ ނިކަން އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރު ކުރިމަތީގައި ހުރީ ވާހިދާގެ ހިތުގެ ޒުވާން ރަސްގެފާނު ކަމަށްވާ ނާއިކެވެ.
"ނާއިކު.." ވާހިދާ ބަލައިލީ ސީދާ ނާއިކުގެ މޫނަށެވެ. އަދި މަޑުމަޑުން ނާއިކުގެ އަތުގައި ހިފައިލަމުން، ވާހިދާއާ ދިމާލަށް، ގޭތެރެއަށް ނާއިކު ދަމައިގަތެވެ.
**
"މަންމާ... ބަލަ މަންމާ.." ނަފީސާގެ ގައިގައި ހިފަހައްޓައިލައިގެން އައިޝާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އެތައް ފަހަރަކު ނާއިކަށް ގުޅި އިރުވެސް، އޭނާގެ ފޯނު އޮތީ ނިއްވާލައިފައެވެ. ނާއިކުގެ ބައްޕަ ހާއިދު ވެސް ފޯނަށް ޖަވާބު ނެދޭތީ އައިޝާގެ ކަންބޮޑުވުން އިންތިހާއަށް ދިޔައެވެ.
"މަންމާ.. ދެލޯ ހުޅުވާލަބަލަ!" ނަފީސާ ވަނީ ޚަބަރު ހުސްވެގެން، ގޭގެ ސިޓިންގރޫމަށް ވެއްޓިފައެވެ. އައިޝާގެ ގާތުގައި އިން ދުންޔާ ވެސް ދޭތެރެ ދޭތެރެއިން "މާމާ"އޭ ކިޔައި ގޮވައިލައެވެ.
ކުއްލިއަކަށް ހަނދާން ވެގެން އައިޝާ އަނެއްކާ ވެސް އޭނާގެ ފޯނު ނެގީ ދާއިންއަށް ގުޅާށެވެ. ދެފަހަރަކު ރިންގުވީ އިރަށް ދާއިން ފޯނަށް ޖަވާބު ދިނެވެ.
"ދާއިން. މިއުޅެނީ ނާއިކުގެ މަންމަ ހޭނެތިގެން ވެއްޓިގެން. ގޭގަ ނެތް އެއްވެސް މީހެއް. ނާއިކު ވެސް ފޯނަށް ޖަވާބެއް ނުދޭ. ނާއިކު ގާތު ބުނެބަލަ ގެއަށް އައިސް ބަލާށޭ!" އައިޝާ ހާސްވެފައި ހުރި ވަރުން، އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.
"މިވަގުތު... ނާއިކު ނެތް އޮފީހުގަ.. މިއުޅެނީ ތިކަމާ.." އެހެން ބުނެ ފޯނު ބޭއްވުމަށްފަހު، ދާއިން ގުޅަން ފެށީ ނާއިކަށެވެ. ނަމަވެސް ނާއިކުގެ ފޯނު އޮތީ ނިއްވާލައިފައެވެ.
"ނާއިކު... ކޮންތާކަށް ވަދެ ތިއުޅެނީ.. ގައިމު އަހަރެން ގާތު ބުނި ގެއަށޭ މިދަނީ.." ދާއިން ހިތްހަމަ ނުޖެހިގެން، އޭނާގެ އަމިއްލަ ނަފުސާ ވާހަކަދައްކަމުން ބުނެލިއެވެ. ކުރަން ހުރި މަސައްކަތްތައް ބަހައްޓަމުން ދާއިން ވަރަށް އަވަސްކޮށް މިސްރާބު ޖެހީ ނާއިިކުގެ ގެއާ ދިމާލަށެވެ.
***
ޒަހީންގެ މޭގެ ތެރޭގައި ޖަންނަތު ބޯ އަޅައިލައިގެން އޮތް އިރު، ޖަންނަތުގެ ގެންދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ.
"އަހަރެން ކިރިޔާ ހަމަ މި ސަލާމަތްވީ.. ރޭގަ އަސްލު ވަރަށް ދެރަވި ޒަހީން ގާތަށް ނާދެވުނީމަ. އެ ލަބީބު ގަނޑާ ހުރެ ރޭގަ ނާދެވުނީ ވެސް.." ޖަންނަތުގެ ޝަކުވާއަކަށް ވީ ލަބީބުގެ ސަބަބުން ޒަހީނާ އެކު ރޭގަ ވަގުތުތައް ހޭދަ ނުކުރުވުމެވެ.
"އެއީ ދެން ނިމިފަ އޮތް ކަމެއްތާ! އެވާހަކަ ނުދައްކަމާ ދޯ؟ ކޮންމެ ގޮތެއް ވިޔަސް ޖަންނަތު މިގަޑީ ތިހުރީ އަހަންނާ އެކު އެއްނު؟" ތުންފަތުގެ އެއްމިޔަކަނުން ހީނލަމުން، ޒަހީން ބުނެލިއެވެ. ޒަހީން ދައްކަނީ ލޯބީގެ ދަޅައެއްކަން އެނގޭ އިރު ވެސް، އެދަޅައިން ލިބޭ ވަގުތީ އުފަލަށްޓަކައި ޖަންނަތު ގެންދިޔައީ ޒަހީނާ އެކު ވަގުތު ހޭދަކުރަމުންނެވެ.
***
ގަޑިން މެންދުރުފަހު 3 ޖަހަން ގާތްވެއްޖެއެވެ. ދާއިން އާއި އައިޝާ ތިބީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ދެމީހުންނާ ތަންކޮޅެއް ދުރުގައި ނާއިކުގެ ބައްޕަ ހުއްޓެވެ. ނަފީސާގެ ހާލު ރަނގަޅު ކަމަށް ބުނެ، ޑޮކްޓަރުން ތައްޔާރު ވަމުން ދިޔައީ ނަފީސާ ދޫކޮށްލުމަށް، ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. ނަފީސާ ވެއްޓުނީ، ލޭމައްޗަށް ގޮސްގެން ބޮލަށް ތަދެއް އަރައިގެންކަމަށް ކަމަށް ޑޮކްޓަރުން ބުންޏެވެ.
"އަދިވެސް ނާއިކުގެ ޚަބަރެއް ނުވޭ.. އައިމް ސޯ ވޮރީޑް." އައިޝާ ހަށިފުރާ ނޭވާއެއް ލަމުން އިސްޖެހިއެވެ. ބުނާނެ އެއްވެސް އެއްޗެއް ދާއިންގެ ސިކުނޑިއަކަށް ނުވަދެއެވެ. ބެސްޓު ފުރެންޑް ސަލާމަތް ކުރަން ދައްކަންވީ ކޮންވާހަކައެއް ކަމެއް ވެސް ދާއިން އަކަށް ނޭނގެއެވެ. އެންމެ ރަނގަޅު، ރައްކާތެރި ގޮތަކީ އަނގަ މަޑުންލައިގެން އިނުން ކަމަށް ދާއިނަށް ވިސްނުނެވެ. އެހެން ނޫނީ ދާއިން ދައްކާ ވާހަކައާ، ނާއިކު ދައްކާނެ ވާހަކަ ދިމާނުވެ، އިތުރު ފަލީހަތެއް ވެދާނެ ތީއެވެ.
"ދާއިން ބުނެބަލަ! މިހާ އިރު ވަންދެން އަޅެ ކޮންތާކަށްތަ ނާއިކު ދާނީ؟ ފޯނު ވެސް ނިއްވާލައިގެން ކޮން އިރެއް. ބައްޕަ ވެސް އެހުރީ ވަރަށް ކަންބޮޑުވެފަ ނާއިކު ކަންތައް އެކުރި ގޮތުން.." އެމީހުންނާ ދުރުގައި ހުރި ހާއިދަށް ބަލައިލަމުން، އައިޝާ ބުންޏެވެ.
"އަދި ނާއިކު ކަމެއް ނުކުރޭ ދޯ؟ ވެދާނެ ދޯ ވަރަށް ބޮޑު ކަމެއް ލައިގަތީ ކަމަށް ވެސް.." ބުނާނެ އެއްޗެއް ނޭނގި ހުރެ، ދާއިން ދޫ ހަރަކާތް ކޮށްލިއެވެ. އައިޝާގެ ފަރާތުން އަތުވެދާނެ އިތުރު ސުވާލަކަށް ވެސް ނުވިސްނާ ހުރެއެވެ.
"ކޮން ކަމެއް ވަކި ލައިގަންނާނީ؟" އައިޝާ އެހެން އަހައިލީ ދާއިން ވިސްނައިގެން ހުއްޓައެއް ނޫނެވެ. ދާއިން ވަގުތު ކޮޅަކު ހުއްޓުން އެރިއެވެ.
"ނޭނގެ އައިޝާ. ހަމަ އެއްގޮތަކަށް ވެސް ނޭނގެ. ނާއިކު އަންނަން ދެން ލެޓްސް ވެއިޓު ދޯ؟" ދާއިން އެހެން ބުނުމުން، އައިޝާ އެއްވެސް އެއްޗެއް ނުބުނެ މޫނު އަނބުރައިލީ އެހެން ދިމާލަކަށެވެ.
***
"ކޮންތާކުތަ ތި އުޅުނީ؟ އަހަރެން ވަރަށް ހާސްވެފަ މިހުރީ.." ޖަންނަތު ކޮޓަރިއަަށް ވަނުމާ އެކު ތެޅިގަންފައި ކަހަލަ ގޮތަކަށް ލަބީބު އަހައިލިއެވެ.
"އަހަންނާ ވާހަކަ ނުދައްކާ.. ވަރަށް ޓައާރޑް.." ޖަންނަތުގެ އަނގައިން ބޭރުވީ އެވަރެވެ. ޖަންނަތުގެ ހިމޭން ކަމުގެ ފަހަތުގައި ވީ ކޮންކަމެއް ކަން ލަބީބަށް ރޭކައިލީ ކޮޓަރިން އޭނާ ނުކުތުމުންނެވެ. އެއީ ޖަންނަތު ގެއަށް އައުމުން ރަޝީދާއާ ކުރިމަތިލާން ޖެހުމުން އައި ހިމޭން ކަމެއް ކަން ލަބީބަށް ޔަޤީން ވިއެވެ.
"މަންމާ އެއްޗެެއް ބުނީތަ؟" ލަބީބު ބަލައިލީ ކޮޓަރިން ބޭރުގައި ހުރި ރަޝީދާ އަށެވެ.
"އާނ. މަންމަ ކީއްވެ ހަނު ހުންނަންވީ؟ މަންމަ މި އަހަނީ ކޮންތާކަށް ގޮސްފަތޯ ތިއައީ.. ހަމަ ހިލާ އަނގައިން ޖަވާބެއް ނުލިބުނޭ.. މީ ދެން ކޮންފަދަ ކަމެއްތަ؟" ރަޝީދާ ހިތްހަމަ ނުޖެހިފައި ވަނީ އޭނާގެ ކޮޓަރިއަށެވެ.
***
"އޯ މައިގޯޑް.." ދެލޯ ހުޅުވައިލުމާ އެކު ނާއިކަށް ފުންމައިގެން ތެދުވެވުނެވެ.
"ކިހިނެއްވީ؟" ނާއިކުގެ ގާތުގައި އޮށޯވެގެން އޮތް ވާހިދާ ވެސް ތެދުވިއެވެ.
"ހަވީރު ވަނީ ދޯ! ޝިޓް.. ވަރަށް ގިނަ ކޯލްތައް ވެސް.." ނާއިކު ފޯނު ހުޅުވައިލުމުން، އޭނާއަށް އައިސްފައިވާ މިސްޑް ކޯލްތަކުން އޭނާގެ ހިތް އަތަށް އައި ކަހަލައެވެ. ދާއިން ވެސް އަދި ބައްޕަ ވެސް އެތައް ފަހަރަކު ގުޅާފައި އޮތުމުންނެވެ. ވާހިދާއާ އެކު އެތައް ވަގުތެއް ހޭދަކުރުމަށްފަހު، އެންމެ ފަހުން ނާއިކަށް ނިދުނީއެވެ.
"އެއީ ދެން އެވަރު ކަމެއްތަ؟ ތި ހަމަ ޖެހިބަލަ!" ނާއިކު ގަޔަށް ޓީޝާޓު ހެޔޮވަރު ކޮށްލަމުން ދިޔަ އިރު ވާހިދާ ބުނެލިއެވެ.
"އަހަރެން ދަނީ އިނގޭ.. މިހާރު ވެސް ވަރަށް ލަސްވެއްޖެ!" ވާހިދާ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ، ނާއިކު ވަރަށް އަވަސްކޮށް ގެއިން ނުކުތެވެ. ވާހިދާގެ ގޭގެ ދޮރު މަތީގައި ޕާރކް ކޮށްފައިވާ ސައިކަލަށް އަރައި، ނާއިކު އެންމެ ފުރަތަމަ ވެސް ބެލީ ދާއިންއަށް ގުޅާށެވެ. އެ ނިޔަތުގައި ފޯނު ކަންފަތުގައި ޖައްސައިލުމާ އެކު ނާއިކު ސިއްސައިގެން ދިޔައީ، އޭނާގެ ފަހަތުން މީހަކު ނާއިކުގެ ކޮނޑުގައި ހިފައިލުމުންނެވެ.
"ނާއިކު.." ފަހަތުން އިވުނީ އަންހެން އަޑެކެވެ. ވަރަށް އަވަސްކޮށް ނާއިކު ފަސް އެނބުރި ބަލައިލިއެވެ. (ނުނިމޭ)