ރިސޯޓު ހަދަން މި ސަރުކާރުން އަނެއްކާ ވެސް އިތުރު 16 ރަށެއް ބިޑަށް ލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ވަޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މަހުގެ 10 ވަނަ ދުވަހު 10:00 އަށް މި މިނިސްޓްރީ އަށް ބީލަން ހުށަހަޅަން ވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މި ފަހަރު ބިޑަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި 16 ރަަށެއް ހިމެނެ އެވެ. އެންމެ ގިނައިން ރިސޯޓު ހަދަން ހުޅުވާލާފައިވަނީ ގއ. އަދި ގދ. އަތޮޅުންނެވެ. އަދި މީގެ އިތުރުން ލ. އަތޮޅު ވެސް ހިމެނެ އެވެ.
ބީމަލަށް ހުޅުވާލި ރަށްތައް
- ހއ. ވެލިފިނޮޅު
- ހއ. އަލިދުއްފަރުފިނޮޅު
- ހދ. ކުޑަފަރުފަސްގަނޑު
- މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
- މ. މާއުސްފުށި
- ތ. ކާއްޑޫ
- ތ. ކަނިމީދޫ އުތުރުން 10 ހެކްޓަރުގެ ބިން
- ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެކު
- ލ. ކަށިދޫ
- ލ. ބޮޑުމުންޏަފުށި
- ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)
- ގއ. މާރެހާ
- ގއ. ފުނަދޫވިލިގިއްޔާ
- ގދ. ކަނޑަހަލަގަލާ
- ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު
- ގއ. ކޮޓަރާ، ދެކާބާ (ފެރޭތަ ވިލިނގެއްލާ) ކޯޑިނޭޝަން 2.97 ރަށް
މި ސަރުކާރުން މީގެ ކުރިން ހަތަރު ރަށެއްގައި ރިސޯޓު ތަރައްގީ ކުރަން އިއުލާނު ކުރި އެވެ. ނަމަވެސް މި ރަށްތަކަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. ސަރުކާރުން ބުނީ އެ ރަށްތައް ވެސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.