އައްޝައިހް މުހައްމަދު ލަތީފް

ޝައިހް ލަތީފުގެ ތާއީދު މުއިއްޒު އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާ ކަމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޝައިހް ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއަށް އާ ދިރުމަކާއި ތާޒާ ކަމެއް ގެނެސް ފަހި މާހައުލެއް ބިނާ ކުރުމަށްޓަކައި ފުރުސަތުގެ ބޭނުން ހިފައި މާލޭގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ފަދަ އިހުލާސްތެރި ބޭފުޅަކު ހޮވަން ޖެހޭ ކަމަށެވެ. މުއިއްޒު އަކީ ކެރޭ، ގާބިލް، ހުނަރުވެރި ގިނަ ކަންކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ޑރ. މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކޮށް މުއިއްޒުއަށް ވޯޓް ދެެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒު އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ.