މީޑިއާ ދާއިރާއަށް ނިކުމެ، ރާއްޖޭގެ މީޑިއާގައި ހާއްސަކޮށް ކުޅިވަރުގަައި އާންމުން ބަލައިގަންނަ ނަމަކަށް ސާއިދު ހެދީ އޭނާ އެކަމަށް ބެހެއްޓި ޝައުގުވެރި ކަމާއެކު ކުރި ބުރަ މަސައްކަތުންނެވެ. މަޝްހޫރު ފުޓްބޯޅަ ކޮމަންޓޭޓަރު އަލީ ޝިމްރީގެ އެއްބާރުލުމާއެކު ފުޓްބޯޅަ ކޮމެންޓްރީއަށް ސާއިދު ނުކުތީ އޭނާ އަމިއްލައަށް އެކަމަށް ބެހެއްޓި ޝައުގަކުންނެވެ.
"އެއީ އަހަރެން ޓްރެއިނިން ކުރި ކުއްޖެކޭ،" ޝީމްރީ މިހެން ބުނެލީ ފަހްރުވެރި ކަމާއެކު އެވެ. ކޮމެންޓްރީއަށް ސާއިދު ދާން ފެށިއިރު އޭނާއަކީ ފުޓްބޯޅަ ކޮމެންޓްރީ ދޭން ފެށި އެންމެ ޒުވާން ކޮމަންޓޭޓަރަށް ވާނެ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދޭން ސާއިދު ފެށީ ހިލޭ ސާބަހަށެވެ. ފަހުން ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާ އަށް ބަދަލުވެ، އަޑުގައި މަސައްކަތް ކުރަން ފެށި ނަމަވެސް ފުޓްބޯޅަ ކޮމެންޓްރީއަށް އޭނާ އަގެއް ނުނަގަ އެވެ. އެއީ އެކަމަށް އޮތް ލޯއްބެއްގެ ބޮޑު ކަމުންނެވެ.
އެއީ ސާއިދުގެ ޕެޝަން އެވެ. އެހެންނަމަވެސް އެ ޕެޝަނަށް ގުޑުން އަރާވަރުގެ ޝޮކެއް ސާއިދުއަށް ކުރިމަތި ވި އެވެ. އޭނާގެ އަޑަށް މެދުކެނޑުމެއް އައެވެ. ޖޫން 2018 ގައި އޭނާގެ ދެ ކިޑްނީ ފެއިލުވި އެވެ. ބަލީގެ ދާއިމީ ފަރުވާއެއް ލިބެން އޮތީ ކިޑްނީއެއް ލިބި ކިޑްނީ ޓްރާންސްޕްލާންޓެެއް ހެއްދިގެންނެވެ.
އެކަމަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވެ އެވެ. ސާއިދުއަށް އެހީވުމުގެ ގޮތުން ފުޓްބޯޅަ އާއިލާއިން ވަނީ 300،000 ރުފިޔާގެ ފައިސާގެ އެހީއެއް މިއަދު ވެދީފަ އެވެ. މިއީ ދިވެހި ފުޓްބޯޅަ އާއިލާއަށް ޝުކުރު ހައްގު ކަމެކެވެ. މިކަމުގައި އިސްނަގައި އެފްއޭއެމް ދެއްކި ނަމޫނާ އަށް ތައުރީފެވެ.
ދިވެހި ޕްރިމިއާ ލީގްގައި މިއަދު ކުޅުނު، ދަ ގުރާންޑޭ އާއި ޔުނައިޓެޑް ވިކްޓަރީ މެޗުގެ ކުރިން ބޭއްވި ކުޑަ ހަފުލާއެއްގައި، ސާއިދުއަށް 300،000 ރުފިޔާގެ ރަމްޒީ ޗެކު ހަވާލުކޮށް ދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
އެ ހަފުލާއަށް ފަހު ސާއިދު، އެރީ ކޮމެންޓްރީ ބޮކްސް އަށެވެ. ބަލީގެ ވޭނީ ރިހުމުގައިވެސް އޭނާގެ އަޑުން މިއަދުވެސް ކޮމެންޓްރީ ގެނެސް ދިނެވެ.