ޕީޕީއެމް

ދައުރު ކުރަމުން ދަނީ ފޭކު އެއްބަސްވުމެއް: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މ. އަތޮޅު ކޮޅުފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނާ ލިޔުން ތަކެއް އެ ރަށުގެ ބަޔަކު އަޅަމުން ގެންދާތީ އެކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

އެ ކޯލިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ލިޔުމަކީ އެއްވެސް ހަގީގަތެއް އަސްލެއް ނެތް ލިޔުމެއް ކަމަށެވެ.

"...އެފަދަ އެއްބަސްވުމެއް މި ކޯލިޝަންގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކާއެކު ވެފައި ނުވާނެ ވާހަކަވެސް ދަންނަވަމެވެ. އެ ލިޔުން ހަދާފައިވަނީ ޕީޕީއެމް އުފެދިގެން އެންމެ ކުރީކޮޅުގައި ބޭނުން ކުރަމުން އައި ލެޓާހެޑްގައެވެ. އަދި އެ ލެޓަރހެޑް ބޭނުން ކުރުން ޕީޕީއެމްގެ ފަރާތުން ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ހުއްޓާލާފައެވެ،"

އެ ލިޔުމުގައި ޕީޕީއެމްގެ ފަރާތުން ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަމުގައި ސޮއިކޮށްފައިވާއިރު އެލިޔުމުގައި ވާ ތާރީހުގައި އަބްދުއްރަހީމް އަބްދުﷲ އަކީ ޕީޕީއެމްގެ ނާއިބު ރައީސް ނޫން ކަމާއި އޭރުވެސް އަދި މިހާރުވެސް އަބްދުއްރަހީމް ހުންނެވީ ޕީއެންސީގެ ރައީސް ކަމުގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ކަމަށް ވަނީ ބުނެފައެވެ. މިކަމަކީ މި ކޯލިޝަން ބަދުނާމުކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް މިކަން ހިނގާފައިވާ ގޮތް ތަހުގީގު ކޮށް މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ގޮވާލާފައެވެ.