ދުނިޔެ

ލަންކާއިން 17 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަނީ

ލަންކާގެ ކަނޑުގެ ސަރަހައްދު ހުރަސްކުރަނިކޮށް މިދިއަ އަހަރު ސެޕްޓެމްބަރުގައި "އެމްޓީ ނިއު ޑަައިމަންޑް" ތެޔޮ ޓޭންކަރުގައި އަލިފާންރޯވެ ކަނޑަށް ތެޔޮ ލީކުވި ހާދިސާއާ ގުޅިގެން 17.38 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ލަންކާއި ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލް ޑައްޕުލާ ޑީ ލިވާރާ ވިދާޅުވީ ކަނޑަށް ތެޔޮ ލީކުވުމުގެ ސަބަބުން ވެއްޓަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި 40 ކިލޯމީޓަރަށް ފެތުރިގެން ދިއަ ތެޔޮގަނޑުގައި 400 – 480 ޓަން ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ ކަނޑުގެ ދިރުމަށް ނުރައްކާތެރި ހާދިސާއެއް ކަމަށެވެ.

ޓޭންކަރުގައި އަލިފާންރޯވީ ކުވޭތުން 270،000 ޓަނުގެ ތެޔޮ ބަރުކޮށްގެން ލަންކާ ހުރަސްކޮށް އިންޑިއާއަށް ދަތުރުކުރި މަގުމަތީގަ އެވެ. އަލިފާން ނިއްވަން ކުރި މަސައްކަތަށް ޕޯޓޯ އެމްޕޯރިއޯސްއިން އޮކްޓޯބަރުގައި 2.38 މިލިއަން ޑޮލަރު ލަންކާއަށް ދީފައިވެ އެވެ.

އެމްޓީ ނިއު ޑައިމަންޑްއިން އަލިފާން ނިއްވުމުގެ މަސައްކަތްތަކުގައި އިންޑިއާ / ލަންކާ ކޯސްޓްގާޑާއި ސިފައިން ބައިވެރިވި އެވެ. ޓޭންކަރު ކަފުޖަހައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްއަށް ފަހުން ވަނީ ގެންގޮސްފަ އެވެ. ޓޭންކަރަކީ ގްރީކު، "ޕޯޓޯ އެމްޕޯރިއޯސް ޝިޕިންގް" ކުންފުނިން އޮޕަރޭޓްކުރާ އުޅަނދެކެވެ. އުޅަނދުގައި އަލިފާންރޯވި ނަމަވެސް ކާގޯގެ ގޮތުގައި އުފުލި ތެލަށް ބޮޑު ގެއްލުމެއް ނުލިބެ އެވެ.

މިހާދިސާ ހިނގާދިއަ ގޮތުގެ ސައްހަ މައުލޫމާތު އިދާރާތަކަށް ފޯރުކޮށްދިނުން ލަސްކުރި ކަމަށް ބަލައި ކެޕްޓަން 65،000 ޑޮލަރުން ޖޫރިމަނާކުރި އެވެ. އަދި ކަނޑަށް ލިބުނު ގެއްލުން ފޮރުވަން އޭނާ މަސައްކަތްކުރި ކަމަށް ވަނީ ބަލާފަ އެވެ.

ލަންކާއިން މިހާރު މަސައްކަތްކުރަނީ ކުރިން އަންދާޒާކުރި ވަަރަށް ވުރެ ބޮޑު ގެއްލުމެއް ކަނޑަށް ލިބިފައި ވާތީ ބަދަލު ހޯދާށެވެ. އެމްޓީ ނިއު ޑައިމަންޑް އޮޕަރޭޓްކުރާ ޕޯޓޯ އެމްޕޯރިއޯސްގެ ވަކީލުންނަށް މިމައްސަލައިގެ ނޯޓިސް މިހާރު ވަނީ ފޮނުވާފަ އެވެ.