އިނގިރޭސި ވިލާތުގެ ރެބެކާ ރޮބާޓްސް ބަލިވެއިން ކަން އޭނާ އާއި ޕާޓްނަރަށް ޔަގީންވީ ދަރިއަކު ނުލިބިގެން ފަރުވާ ހޯދަމުންދާތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ބަލިވެއިންތޯ ބަލަން އެމީހުން ޓެސްޓްކުރީ ގޭގައި ތިބެގެން ޕްރެގްނަންސީ ޓެސްޓް ކިޓަކުންނެވެ. ނަތީޖާ ޕޮޒިޓިވްކޮށް ދެއްކުމުން އެމީހުން އުފަލުން ގޮސް ފޮޅުނެވެ.
ނަމަވެސް މި މީހުން މިކަން ޔަގީން ކުރަން ބޭނުން ވެގެން އަވަހަށް ޑޮކްޓަރަށް ދައްކައިގެން އަލްޓްރާސައުންޑް ސްކޭނެއް ހެދީ އެވެ. ސޯނޯގްރާމް ސްކްރީނުން އެމީހުންނަށް އެމީހުންގެ ދަރިފުޅު ގަރުބަގަނެފައިވާތަން ފެނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.
ރެބެކާގެ މެޑިކަލް ޗާޓުގައި އޭނާ ދެއްކި ޑޮކްޓަރު ލިޔެފައި ވަނީ އޭނާ ބަލިވެ އިނީ އެންމެ ކުއްޖަކަށް ކަމަށެވެ.
އޭނާގެ ބަނޑުގައި އޮތީ އެންމެ ކުއްޖެއް ކަމަށް ޑޮކްޓަރު ބުނުމުން ރެބެކާ ވަރަށް ހިތްހަމަޖެހިގެން ގެއަށް ދިޔައީ އެވެ.
ނަމަވެސް އޭގެ ފަސް ހަފުތާ ފަހުން ބަނޑަށް 12 ހަފުތާގައި އަނެއްކާވެސް އޭނާ އިތުރު ސްކޭނެއް ހެދި އެވެ. އެ ފަހަރު ސްކޭން ހަދައިދޭން އިން ސޯނޯގްރާފާ އަށް ވަރަށް ހައިރާންވާ ކަހަލަ ކަމެއް ފާހަގަ ކުރެވުނެވެ. ރެބެކާގެ ބަނޑުގައި އިތުރު ކުއްޖެއް އޮތް ކަމެވެ. ބަނޑުގައި އޮތް ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މާ ކުޑަވެފައި އަނެއް ކުއްޖަކު މާ ބޮޑުކަން ވެސް ސްކޭން ކުރި ޑޮކްޓަރަށް ފާހަގަ ކުރެވުނެވެ.
"ސޯނޯގްރާފަރުގެ މޫނަށް އައި ބަދަލު ފެނިފައި އަހަރެން ހީކުރީ ކޮންމެވެސް ކަމެއް ގޯހިއްޔޭ،" ރެބެކާ ބުންޏެވެ.
އޭނާގެ ބަނޑުގައި ދެ ކުދިން އޮތް ކަން އެނގޭތޯ ސްކޭން ޑޮކްޓަރު އެހީ ދެނެވެ. ނަމަވެސް މިއީ އާދައިގެ ގޮތަކަށް އެއްމާބަނޑު ދެބެންނަށް ބަލިވެ އިނުމެއް ނޫނެވެ. މި ގޮތަށް ބަލިވެ އިނުމަށް ކިޔަނީ ސުޕަފީޓޭޝަން އެވެ. ވަރަށް މަދުން ނޫނީ މެދުވެރިނުވާ މި ހާލަތުގައި އަންހެންމީހާ ފުރަތަމަ ބަލިވެ އިންނަނީ އެންމެ ކުއްޖަކަށެވެ. ނަމަވެސް ބަލިވެ އިނދެ އެތައް ހަފުތާއެއް ފަހުން އަނެއްކާވެސް އެހެންކުއްޖަކަށް ބަލިވެ އިންނަނީ އެވެ.
ރެބެކާއަށް ފަރުވާދޭ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑޭވިޑް ވޯކާ ވިދާޅުވީ މިފަދަ ސުޕަފީޓޭޝަން ކޭސްތައް މެޑިކަލް ލިޓްރޭޗާގައި ފާހަގަ ކުރެވިފައިވަނީ ވަރަށް ވެސް މަދުން ކަމަށެވެ.
ސުޕަފީޓޭޝަން އަކީ ވަރަށް މަދުން މެދުވެރިވާ ހާލަތެއްކަމުން އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޑރ. ވޯކާ މަސައްކަތް ކުރައްވާފައިވާ 25 އަހަރު ތެރޭގައި ވެސް މިފަދަ ކޭހެއް މީގެ ކުރިން އޭނާއަށް ފެނިފައެއް ނެތެވެ. އެހެންވެ ރެބެކާގެ މި ހާލަތު ދެނެގަންނަން ވެސް އޭނާއަށް ވަގުތު ނެގި އެވެ.
"މިއީ އާއްމުކަމެއް ނޫންވީމަ ވަރަށް ގިނަ ސްކޭންތައް ކޮށްގެން މި ކަން ޑައިގްނޯސް ކުރެވުނީ،" ޑރ. ވޯކާ ވިދާޅުވި އެވެ.
ޑރ. ވޯކާ ވިދާޅުވި ގޮތުގައި އެންމެ ކަންބޮޑުވާން ޖެހުނު ސަބަބަކީ އެއްމާބަނޑު ދެބެންގެ ތެރެއިން ފަހުން ގަރުބަގަނެފައިވާ ކުއްޖާ އަނެއް ކުއްޖާއަށް ވުރެ މާ ބޮޑަށް ކުޑަވީމަ އެވެ. އެއް ކުއްޖެއްގެ ހެދިބޮޑުވުމުން އަނެއް ކުއްޖާއާ ތިން ހަފުތާ ތަފާތު ވީމަ ސްކޭންތަކުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެން ހުއްޓެވެ.
ސުޕަފީޓޭޝަން އަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ދިމާވާ ހާލަތެއް ނޫނެވެ. ޔޫރަޕިއަން ޖާނަލް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އެންޑް ރިޕްރޮޑަކްޓިވް ބައޮލޮޖީގައިވާ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ ތާރީޚްގައި ވެސް މިފަދަ ގޮތަކަށް ބަލިވެ އިންކަމަށް ރެކޯޑް ކުރެވިފައިވަނީ އެންމެ 10 މީހެކެވެ.
އާއްމުގޮތެއްގައި ބަލިވެ އިންނަ މީހުން ބަލިވެ އިނުމާ ގުޅިގެން ހޯމޯން އާއި ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އިތުރަށް ބަލިވެއެއް ނީނދެ އެވެ. ސަބަބަކީ ބަލިވެ އިނުމަށްފަހު ވިހަންދެން ބިސް އުފެދި ދޫނުވާތީ އެވެ. ނަމަވެސް ރެބެކާ ބަލިވެ އިނދެ ތިން ހަފުތާ ނުވަތަ ހަތަރު ހަފުތާ ފަހުން ބިހެއް ދޫވެ އޭގައި ކުއްޖަކު ގަރުބަގަތީ އެވެ.
ބަލިވެ ނީނދެގެން އެކަމަށް ފަރުވާ ކުރުމުގެ ގޮތުން އިންފާޓިލިޓީ ޑްރަގެއް ރެބެކާ ބޭނުން ކުރަމުން ދިޔަ އެވެ. މިއީ އެ ބޭހުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ޑރ. ވޯކާ އަކަށް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް މިއީ އެތައް ފަހަރަކު ބަލިވެ އިނދެދާނެ ހާލަތެއް ކުރިމަތިކުރުވަފާނެ ކަމަކަށް ވިޔަސް އެވެ.
"އޭނާގެ (ރެބެކާގެ) އެއްފަހަރާ ދެ ބިސް ރިލީޒްވެފައެއް ނެތް. އާންމުކޮށް އިންފާޓިލިޓީއަށް ބޭސް ކާ މީހުންނަށް ދިމާވާ ގޮތަކީ އެއް ބިހަށް ވުރެ ގިނަ ބިސް ރިލީޒްވުން. ރެބެކާގެ އެއް ބިސް ރިލީޒްވެ އޭގައި ކުއްޖަކު ގަރުބަގަނެ އެތައް ހަފުތާއެއް ފަހުން އިތުރު ބިހެއް ރިލީޒްވި އެ ބިހުގައި ވެސް ކުއްޖަކު ގަރުބަގަތީ،" ޑރ. ވޯކާ ވިދާޅުވި އެވެ.
ރެބެކާގެ ދެ ދަރިން ވިހާ ތާރީހު ދައްކަނީ ތަފާތުކޮށް ނަމަވެސް މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު ސިޒޭރިއަން ހަދައިގެން ރެބެކާގެ ދެ ކުދިން ވަނީ ވިއްސާފަ އެވެ. އެންމެ ފުރަތަމަ ނެގި ނޯހްގެ ބަރުދަނުގައި ހަތަރު ޕައުންޑް 12 އައުންސް ހުއްޓެވެ. އޭގެ ދެ މިނިޓް ފަހުން ނޯހްގެ ކޮއްކޮ ރޯޒާލީ އުފަންވިއިރު އޭނާގެ ބަރުދަނުގައި ހުރީ ދެ ޕައުންޑް ހަތް އައުންސެވެ.
ސާޖަރީއަށް ފަހު ރެބެކާއަށް އޭނާގެ ދެ ދަރިން ދައްކާލިނަމަވެސް ކުޑަ ވަގުތުކޮޅަކަށް ފަހު ދެ ކުދިންވެސް ވަނީ ނިއޯނެޓަލް އިންޓެންސިވް ކެއާއަށް ގެންގޮސްފަ އެވެ. އެ ތަނުގައި ބޮޑު ދަރިފުޅު ނޯހް ތިން ހަފުތާގައި އޮތެވެ. ކުޑަ ދަރިފުޅު ރޯޒާލީ ގެއަށް ފޮނުވާނީ 95 ދުވަސް ފަހުންނެވެ.
މި ކުދިންނަށް މިހާރު ހަ މަސް ފުރުނު ނަމަވެސް ރޯޒާލީގެ ހެދިބޮޑުވުން ވެސް ނޯހް އަށް ވުރެ މާ ދަށެވެ. އެހެންކަމުން ނޯހް ވަރަށް ބޮޑުކޮށް އިންނައިރު ރޯޒާލީ އިންނަނީ މާ ކުޑަކުޑަ ކޮށެވެ. ދެބެންނަށް ބަލާފައި އެއީ އެއްމާބަނޑު ދެބެންނޭ ބުނާވަރު ވެސް ނުވެ އެވެ.