ބޭރު ކުޅިވަރު

އިޒްރޭލާހެދި ފަލަސްތީނުގައި ކުޅެން އޮތް ދެ މެޗު ކެންސަލްކޮށްފި

އިޒްރޭލުގެ ދުއްތުރާތަކާހެދި ވޯލްޑް ކަޕް ކޮލިފައިންގައި ސައޫދީ އަރަބިއާ އާއި މެލޭޝިޔާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ފަލަސްތީނަށް މެޗު ކުޅެވޭނެ ނުވެއްޖެ އެވެ.

މި ދެ ގައުމު ފަލަސްތީނުގައި މެޗުތައް ކުޅެން އެއްބަސްނުވީ އިޒްރޭލާއި ފަލަސްތީނުގެ ޒަމާންވި ހަނގުރާމައިގެ ސަބަބުން މިހާރު އިތުރަށް ފަލަސްތީނުގެ މަސްރަހު ގޯސްވުމުންނެވެ.

ސައޫދީ އަރަބިއާ އާއި ފަލަސްތީނުގެ މެޗު މިއަދު މެޗު ކުޅެން ހަމަޖެހިފައި އޮތީ ފަލަސްތީނުގެ ރާމަﷲގަ އެވެ. ނަމަވެސް ސެކިއުރިޓީއާ މެދު ސުވާލު އުފެދިފައިވުމުން މި މެޗު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ފަލަސްތީނުގައި މެލޭޝިޔާ ކުޅެން އޮތް މެޗު ވެސް މިހާރު ވަނީ އެހެން ގައުމަކަށް ބަދަލު ކުރަން ނިންމައިފަ އެވެ. މި ދެ މެޗު ކުޅޭނެ ގައުމެއް އަދި ނުނިންމަ އެވެ.

ސައުދީން ވަނީ ރާމަﷲގެ ބަދަލުގައި ފަލަސްތީނުގެ އެހެން އަވަށެއް ކަމަށްވާ ހިބުރޫހުގައި މެޗު ކުޅެން ކުރިން ހުށަހަޅައިފަ އެވެ. ނަމަވެސް ފަހުން ޝަރުތުތަކަކާއެކު ރާމަﷲގައި މެޗު ކުޅެން އެއްބަސްވި އެވެ. އެއީ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ސެކިއުރިޓީގެ އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ މެޗު ނުކުޅޭނެ ކަމަށް ޝަތުރުކޮށްގެންނެވެ.

ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިއަދު ބުނީ އެ ޖަމާއަތުގެ ސެކިއުރިޓީ އޮފިސަރާއި ފަލަސްތނުގެ ފުޓްބޯޅަ އިދާރާ މަޝްވަރާކޮށް މިހާރު ނިންމާފައިވަނީ މި ދެ މެޗު ވެސް އޭޝިޔާގެ އެހެން ގައުމެއްގައި ކުޅެން ކަމަށެވެ. އެއީ ފަލަސްތީނުގެ ސަރުކާރަށް މެޗު ކުޅޭނެ އަމާންވެއްޓެއް ތަނަވަސްކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތުމުންނެވެ.

1998 ވަނަ އަހަރު ފީފާގެ މެމްބަރަކަށްވި ނަމަވެސް ފަލަސްތީނަށް އިޒްރޭލުގެ ދުއްތުރާތަކުގެ ސަބަބުން އަމިއްލަ ގައުމުގައި މެޗުތައް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ. އަދި އަރަބި ގިނަ ގައުމުތަކުން ވެސް އެ ގައުމުގައި މެޗުތައް ކުޅެން ދަނީ ދެކޮޅު ހަދަމުންނެވެ.