ބޮލީވުޑް

އަރްޖުން އާ ރައްޓެހިވީމަ މީހުންނަށް ވަރަށް ބާރުކުރޭ: މަލައިކާ

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރަކީ ދެ ލޯބިވެރިންކަން ސިއްރު ކުރާކަށް މިހާރު އެމީހުންނެއް ނޫޅެ އެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މިކަން ސިއްރު ކޮށްގެން އުޅުމަށް ފަހު ދެ މީހުން މިހާރު އާއްމުންގެ ތެރެއަށް އެކުގައި ނުކުމެ ރޮމެންޓިކް ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ޝެއާކުރަން ވަނީ ފަށާފަ އެވެ. އެހެން ގޮތަކަށް ބުނާނަމަ އެމީހުންގެ ލޯބި އެންމެންނަށް އަންގަން މިހާރު އެމީހުން ޖެހިލުމެއް ނުވެ އެވެ.

މި ދެ މީހުން ލޯބީގެ ގޮތުން ގުޅުމަކީ އެމީހުންގެ ފޭނުން އުފާކުރާ ކަމަކަށް ވިޔަސް މިކަމާ ބާރު ކުރާ ގިނަ ބަޔަކު ވެސް އުޅެ އެވެ. ސޯޝަލް މީޑިއާގައި އެމީހުންނަށް ޓްރޯލް ކުރާ މީހުންނަށް ބަލައިލުމުން މި ގުޅުން ހަޖަމު ނުކުރެވޭ ގިނަ ބަޔަކު އުޅޭކަން ޔަގީންވެ އެވެ.

މަލައިކާ އާއި އަރްޖުން ރައްޓެހިވުމުން މީހުންނަށް އެހާ ބަރެއް ކުރަނީ މަލައިކާއަށް ވުރެ އަރްޖުން 11 އަހަރު ހަގު ވެގެނެވެ. އެމީހުންނަށް މަލާމާތްކުރާ މީހުން މަލައިކާއަށް "މުސްކުޅި އަންހެންމީހާ" އޭ ކިޔައި މަލާމަތް ކުރެ އެވެ.

މަލައިކާ ބުނި ގޮތުގައި މީހުން ކޮންމެ އެއްޗެކޭ ކިޔަސް އޭނާއަށް ވަރިހަމަ އެވެ. ބައެއް ފިރިހެނުން އެމީހުންނަށް ވުރެ އެތައް އަހަރެއް ހަގު އަންހެނުންނާ ވެސް ކައިވެނިކުރާ ކަމަށާއި އެ އުސޫލުން އަންހެނަކު ވެސް މާ ހަގު ފިރިހެނަކާ ރައްޓެހިވުމަކީ އަދި ކައިވެނި ކުރުމަކީ މައްސަލައެއް ކަމަކަށް މަލައިކާ ނުދެކެ އެވެ.

އޭނާ ބުނި ގޮތުގައި ކުރީގެ ފިރިމީހާ އަރްބާޒް ހާން ކައިރިން ވަރިވުމަށް ފަހު އިތުރު މީހަކާ ގުޅެން ބިރުގަތެވެ. އިތުރު މީހަކާ ގުޅި އަނެއްކާވެސް ހިތް ހަލާކު ވެދާނެތީ އެވެ.

"ނަމަވެސް އަހަރެން ވެސް ލޯބިވާން ބޭނުންވި. މީހަކާއެކު ރަނގަޅު ގުޅުމެއް ގާއިމް ކުރަން ބޭނުންވި. އެހެންވެ އަރްޖުން އާ ގުޅުނީ. އެ ގުޅުމުން އަހަރެންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަނީ އިތުރުވެފައި،" މަލައިކާ ބުންޏެވެ. އަދި އަރްޖުން އާ ގުޅެވުނީތީ މިހާރު އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަރްޖުން އާއި އޭނާގެ އުމުރުގައި އެހާ ބޮޑު ފަރަގެއް ހުރުމުން އެ މީހުންގެ ގުޅުމަށް އެއްވެސް ބަދަލެއް އައިތޯ ނޫސްވެރިއަކު މަލައިކާ އާ ސުވާލު ކޮށްފައި ވެއެވެ. ޖަވާބުގައި މަލައިކާ ބުނީ އެ މީހުންގެ އުމުރުގެ ތަފާތަކީ އޭނާ އާއި އަރްޖުން އަށް އެހާ ބޮޑު ކަމެއް ނޫން ކަމަށެވެ. އެމީހުން އެކަމާ ނުވިސްނާ ކަމަށެވެ. ނަމަވެސް އަދިވެސް ސޮސައިޓީގެ މީހުންގެ ވިސްނުން ހުރީ ބޯދާ ޒަމާނުގެ މީހުންގެ ވިސްނުން ހުރި ގޮތަށް ކަމަށާއި އެމީހުން ޒަމާނީ ކަމަށް ހެދިގެން އުޅުނަސް ވިސްނުން އުޅެނީ ވަރަށް މުސްކުޅިކޮށް ކަމަށެވެ.

"މުސްކުޅި ފިރިހެނަކު ޅަ އަންހެންކުއްޖަކާ ރޮމޭންސް ކުރަންޏާ އެންމެންނަށް ވެސް އޯކޭ. އެކަމަށް ތަރުހީބު ދޭނެ. ނަމަވެސް ދުވަސްވީ އަންހެނަކު ޅަ ފިރިހެނަކާ ގުޅިއްޖެނަމަ އެ ދެން ކަންތަކާ ލައިގަތީ. މުސްކުޅިއޭ، އޭއްޗެކޭ މީއްޗެކޭ ކިޔާނެ،" މަލައިކާ ބުންޏެވެ.

މަލައިކާ، 45، އާއި އަރްބާޒްގެ ކައިވެނިން ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. އެ ކުއްޖާ ވެސް މިހާރު ވަނީ ޓީންއޭޖް އުމުރަށް އަޅާފަ އެވެ.

އަރްޖުން އާއި މަލައިކާގެ ގުޅުން އާންމު ކުރިޔަސް އެހާ އަވަހަށް ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މި މީހުން ދެ ލޯބިވެރިންގެ ގޮތުގައި އާންމުންގެ ތެރެއަށް ނުކުތްފަހުން އުޅެނީ ވަރަށް ރޮމެންޓިކް ކޮށެވެ.