ދިއްފުށީގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން 500 އަށް ވުރެ ގިނަ މީހުން ކަރަންޓީނުގައި ތިބުމުން އެ ރަށުގައި ވޯޓުލާ ގަޑިތަކަށް ބަދަލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި އެދިއްޖެ އެވެ.
ގައުމީ ލަފާދޭ ކޮމިޓީގެ ބޭފުޅުންނާ އެކު ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ދިއްފުށީގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 710 މީހުން ކަމަށެވެ. އޭގެ ތެރެއިން 200 މީހުންނަކީ ކަރަންޓީނުގައި ނެތް ނުވަތަ އާންމު ހާލަތުގައި ވޯޓު ލެވޭ މީހުން ކަމަށެވެ. ނަމަވެސް ބާކީ ތިބި 510 މީހުންނަކީ ކަރަންޓީނުގައި ތިބި މީހުން ކަމަށާއި އަދި އޭގެތެރެއިން ބައެއް މީހުންނަކީ ކޮވިޑަށް ޕޮޒިޓިވް މީހުން ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީންގައި ތިބޭ މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވަނީ ހަވީރު 5:00 އިން ފެށިގެން އެއް ގަޑިއިރެވެ. ނަމަވެސް ދިއްފުށީގައި އާންމު ހާލަތު ވޯޓުލާ މީހުންނަށް ވުރެ ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ވޯޓުލާން ކަނޑައަޅާފައިވާ ގަޑީގައި ވޯޓުލާން ޖެހޭ މީހުން ގިނަވުމަކީ ދިމާވާނެ ގޮންޖެހުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމު ހާލަތުގައި ވޯޓުލާ މީހުން ވޯޓުލާން ޖެހޭ ގަޑި މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ކަނޑައެޅުމަށް ގައުމީ ލަފާދޭ ކޮމިޓީގައި އެދިފަ އެވެ.
ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ވަނީ ކޮމިޝަންގެ ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ. ކޮމިޓީގެ މެންބަރުން ވިދާޅުވީ ދިއްފުށި ކައިރީ ގިނަ ރިސޯޓުތަކެއް ހުރި އިރު ރިސޯޓު މުވައްޒަފުންތަކެއް ދިއްފުށީގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެފަދަ މުވައްޒަފުން ދިއްފުށްޓަށް އައުމާއި އަދި އަނބުރާ ދިއުމަށް ވަކި ވަގުތު ތަކަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސާފައި ހުންނާނެ ކަމަށް ބެލެވޭތީ ގަޑިއަށް ބަދަލު ގެނެސްފިނަމަ ބައެއް މީހުންނަށް ވޯޓުލުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ވަގުތަށް ބަދަލު ގެނައުމުގެ ބަދަލުގައި ގައުމީ ލަފާދޭ ކޮމިޓީން ލަފާ ދީފައިވަނީ އާންމު ހާލަތުގައި ވޯޓުލާ މީހުންނާ އެކު ކަރަންޓީނުގައި ތިބޭ މީހުންވެސް ވޯޓުލާ ގޮތް ހަމަޖެއްސުމަށެވެ. އެކަމަކު މިމައްސަލައިގައި އަދި ވަކި ގޮތެއް ނިންމާ އިއުލާންކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00ގެ ފަހުންނެވެ.