އިންތިހާބުތަކުގައި ވޯޓު ދޭން ޖެހޭ ކަމަށާއި ވޯޓު ނުދިނުމަކީ ހައްލެއް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެެވެ.
މިއަދު ފެށި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކަންކަން ހިންގުމުގައި ބައިވެރިވެވެނީ ވޯޓުގެ ޒަރިއްޔާއިން ކަމަށާއި އެހެންކަމުން ޥޯޓު ދިނުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި ވޯޓު ނުދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ވޯޓު ނުދީގެން ހައްލެއްވެސް ނުފެންނާނެ ކަަމަށެވެ.
"ކޮންމެވެސް އެއްފަރާތަކަށް ވޯޓު ދިނުން އެއީ ވަރަށް ބޭނުންތެރިކަމެއް. ވޯޓު ނުދީ ތިބުމަކީ އެއްވެސް ހައްލެއް ނޫން ގައުމު ބިނާކުރުުމުގައި. ހިއްސާ ވެވޭނީ ވޯޓުގައި ބައިވެރިވެގެން. އަނެއްކާ ގާނޫނު އަސާސީ ބުނާ ގޮތުގައި ރައްޔިތުންގެ މަސްއޫލިއްޔަތެއް އެއީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދު ވޯޓު ލީ މީހުންގެ އަދަދު މަދުކަމާއި އަދި ވޯޓުލާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ އާންމު ގޮތެއްގައިވެސް ކައުންސިލް އިންތިހާބްގައި މާލޭގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދު ކަމަށެވެ.
"މުޅި ރާއްޖޭގައި 68 ޕަސެންޓް ނުވަތަ 70 ޕަސެންޓް ވަރު ނުކުމޭ. އަޅުގަނޑު ހަންދާންވާ ގޮޮތުން ފުރަތަމަ ފަހަރު 70 ޕަސެންޓް ދެން 68 އަދި ދެންވެސް 68 ޕަސެންޓް. މި ތިން ފަހަރުވެސް މާލޭގައި ނުކުތް އަދަދު ދަށް. އެހެންނަމަވެސް އަޅުގަނޑަށް ލަފާކުރެވެނީ މިފަހަރު އެ އަދަދު ރަނގަޅުވާނެ ކަމަށް މިއަދުގެ އަދި އެބަ އޮތް ބާކީ ވަގުތު ވެސް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހަތަރު ސިޓީގެ މޭޔަރު ކަން ވެސް އެމްޑީޕީން ނަގާނެ ކަމަށެވެ. އަދި ގިނަ ރަށްތަކާއި ގިނަ އަތޮޅުތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީން ނަގާނެ ކަމަށެވެ.