ޕީޕީއެމް

ތަކުރާރުކޮށް އެކެއްގެ ނަމުގައި ވޯޓްލާ ކަމުގެ ހެކި އެބަ ލިބޭ: ޕީޕީއެމް

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި ގާއިމުކޮށްފައިވާ އުސޫލުތައް ފޫދުއްވާލާ އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލުމާއި، އެކެއްގެ ނަމުގައި ތަކުރާރުކޮށް ވޯޓުލަމުންދާ ކަމުގެ ހެކި ލިބެމުންދާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅައި އަދި ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމުގެ އެތައް އަމަލެއް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ ބައެއް ބޭފުޅުން ގުޅިގެން ހިންގަވަމުން ގެންދާ ކަމަށެވެ. އެހެންކަމުން ގައިރު ގާނޫނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި އިންތިހާބީ ހައްގުތައް ނަގާލަން ހިންގާ ކަންކަން މިހާރުން މިހާރަށް ތަހުގީގު ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފަ އެވެ.

ވޯޓުލުން ފެށިގެން ކުރިއަށް ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަނީ ތާއީދު ހޯދުމާ ކެމްޕޭން ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ރާއްޖޭގެ ގައުމީ މީޑިއާ މެދުވެރިކޮށް ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ކެމްޕޭނު ކޮށްދެއްވާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެމްޑީޕީގެ ރައީސްއާއި އެ ޕާޓީގެ އިސް ވެރިންނާ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާ ހިލާފަށް ކެމްޕޭން ހިންގާ އިންތިހާބަށް ނުފޫޒު ފޯރުވައި ވޯޓުލާންދާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުކޮށް ހިންގި ކަމަށްވެސް ބަޔާނުގައިވެ އެވެ.

"...އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި ގާއިމުކޮށްފައިވާ އުސޫލުތައް ފޫދުއްވާލާ އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލުމާ އެކެއްގެ ނަމުގައި ތަކުރާރުކޮށް ވޯޓުލަމުންދާ ކަމުގެ ހެކި އަޅުގަނޑުމެންނަށް ދަނީ ލިބެމުން. އަދި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން އެކި ވޯޓުފޮށި ތަކުގެ ގާތުގައި ތިބުމަށް އައްޔަނުކޮށްފައިވާ އޮބްޒާވަރުންނަށް އޮބްޒާވްކުރުމުގެ ހައްގު ގެއްލުވާލައި ވޯޓުލުން ކުރިއަށްދާ ގޮތް މޮނިޓާކުރުމަށް ދަތިކޮށް ވޯޓުގެ ސައްހަކަމާ އިތުބާރު ގެއްލޭނެ އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ އޮބްޒާވަރުގެ ފަރާތުން ދަނީ ލިބެމުން،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.