"އިންޑިއަން އައިޑޮލް 12" ނިމުމަކާ ހަމައަށް އައިސްފައިވާއިރު މި ޝޯ އަކީ މިއުޒިކް ރިއަލިޓީ ޝޯ ތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޝޯ އެވެ. ފާއިތުވީ 12 ވަރަކަށް އަހަރުއްސުރެ މި ޝޯ ދައްކަމުންދާއިރު ކޮންމެ ސީޒަނަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
އަދި މިފަހަރުގެ ސީޒަން ވަރަށް ގިނަ ގޮތްގޮތުން އެހެން ސީޒަން ތަކާ ޚިލާފެވެ. ސަބަބަކީ މިފަހަރުގެ ޝޯގައި ބައިވެރިވެފައިވާ ލަވަކިޔުންތެރިންގެ ހުނަރު އާދަޔާޚިލާފަށް މަތިވީމަ އެވެ. ކޮންމެ ބައިވެރިޔަކު ވެސް ލަވަ ކިޔާއިރު ހީވަނީ ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއް ހެނެވެ.
އަދިތުޔާ ނާރަޔަން ހޯސްޓްކުރާ މި ޝޯގެ ޖަޖުންނަކީ ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ވިޝާލް ދަދްލާނީ އާއި ހިމޭޝް ރޭޝަމްޔާ އެވެ. މި މީހުން ޝޯގައި ބައިވެރިވާން ނަގާ އަގު އެނގުނަސް މީހެއްގެ ސިކުނޑި ގޮވާވަރު ވާނެ އެވެ.
ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން "އިންޑިއަން އައިޑޮލް 12"ގެ ކޮންމެ އެޕިސޯޑެއް ހޯސްޓްކޮށްދެނީ 2.50 ލައްކަ ރުޕީސް އަށެވެ. އަދިތުޔާއަށް ކޯވިޑް ޖެހިގެން ވަގުތީ ގޮތުން މި ޝޯ ހޯސްޓްކުރުމުގެ މަސައްކަތާ މިހާޜު ހަވާލުވެފައިވަނީ ޓީވީ އެކްޓަރު ރިތުވިކް ދަންޖާނީ އެވެ.
ޝޯގެ ހަމައެކަނި އަންހެން ޖަޖް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ އިންޑިއަން އައިޑޮލްގެ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިޔާ ކޮންމެ އެޕިސޯޑަކަށް ފަސް ލައްކަ ރުޕީސް ޗާޖްކުރެ އެވެ.
ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ އަށް ކޮންމެ އެޕިސޯޑަކުން 4.5 ލައްކަ ރުޕީސް ލިބޭއިރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ހިމޭޝް އަށް އެޕިސޯޑަކުން ހަތަރު ލައްކަ ރުޕީސް ލިބެ އެވެ.