ރަޝިއާއިން ކްރައިމިއާގެ ބައެއް ޖަހަގައިނެ އަމިއްލަ ބިމެއް ކަމަށް ދައުވާކުރި ނަމަވެސް ތުރުކީން އެކަން ގަބޫލު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. އުރުދުޣާން މިހެން ވިދާޅުވީ ތުރުކީއަށް މިހާރު ވަޑައިންގެން އުޅުއްވާ ޔުކްރޭންގެ ރައީސް ވޮލޮޑިޑިމިއާ ޒެލެންސްކީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.
"ޔުކްރޭނަށް ބިމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް ތުރުކީ ގަބޫލު ކުރޭ،" އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން ވިދާޅުވީ ރަޝިއާއިން ކްރައިމީއާގެ ބައެއް ވެރިކުރުން ކުށްވެރިކުރާ ކަމަށާއި ތުރުކީގެ ނިންމުމަކީ ކްރައިމިއާއަކީ ޔުކްރޭންގެ ހައްގެއް ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ކްރައިމިއާގެ މިނިވަންކަމަށް ޔުކްރޭނުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވާ ކަމަށާއި ކްރައިމިއާގައި ދިރިއުޅޭހާ ބަޔަކަށް އެންމެ ފައިދާ ބޮޑު ގޮތަކީ ވެސް އެއީ ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ސަރަހައްދީ މަސްލަހަތަށް ތުރުކީ އިސްކަންދޭ ކަމަށާއި ކަޅު ކަނޑަކީ ހަމަޖެނުން ބޮޑު މައިދާނަކަށް ވާންޖެހޭ ކަމަށެވެ.
ކްރައިމިއާގައި އަދި ހާއްސަކޮށް ސެވާސްޓޮޕޯލް ގައި ގިނައީ ރަޝިއާ މީހުންނެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެ ސަރައްދުގައި ހިނގަންޖެނީ ރަޝިއާގެ ގާނޫނެވެ. ފެބްރުއަރީ 2014 ގައި ޔުކްރޭންގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކަށް ފަހު އުފެއްދި އިދާރާތައް، ސެވާސްޓޮޕޯލްގައި ދިރުއުޅޭ އާންމުން ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.
ކްރައިމިއާ އާއި ސެވާސްޓޮޕޯލްއިން މާޗް 11، 2014 ގައި މިނިވަންކަމަށް ގޮވާލައި، މާޗް 16، 2014 ގައި އާންމު އިންތިހާބެއް ބޭއްވި އެވެ. އެއީ އުކްރޭނުން ވަކިވެ ރަޝިއާއާ ގުޅެން ފެނޭތޯ ބެލުމަށެވެ.
ވޯޓުގެ ނަތީޖާއިން ދެއްކީ ކްރައިމީއާގެ 96.77 ޕަސެންޓް މީހުން ރަޝިއާއާ ގުޅެން އެދޭ ކަމަށެވެ. އަދި 95.6 ޕަސެންޓް ސެވާސްޓޮޕޯލް މީހުން ވެސް ބުރަވީ ރަޝިއާ ގުޅުމަށެވެ. މިއުސޫލުން އެކުލަވާލި މުއާހަދާގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ސޮއިކުރެއްވީ މާޗް 18، 2014 ގަ އެވެ.
ޔުކްރޭނުން މިއެއްބަސްވުން ގަބޫލެއް ނުކުރެ އެވެ. އަދި ރަޝިއާގެ ބައެއް ގޮތުގައި ކްރައިމިއާ ދެމިއޮތުން ވެސް ގަބޫލެއް ނުކުރެ އެވެ.