ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު ހަވީރު

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު ހަވީރު އިއުލާނު ކުރަަން ފެށޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ މިވަގުތު ވެސް ހަތަރު ވޯޓެއް މުޅީން ގުނާ ނިމިފައިނުވާ ކަމަށާއި ހުރިހާ ވޯޓްފޮއްޓެއް ގުނާ ނިމި މަރުކަޒުގައި ނަތީޖާ އިއުލާނު ކުރުމަށް ފަހު ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިއަދު ހަވީރުގެ ވަގުތަށް ފަހު، ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށުމަށެވެ.

އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން

  • އެމްޑީޕީ - 826 ކެންޑިޑޭޓުން
  • ޕީޕީއެމް - 647 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ - 115 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ - 28 ކެންޑިޑޭޓުން
  • އެމްޑީއޭ - 20 ކެންޑިޑޭޓުން
  • އެމްއާރްއެމް - 15 ކެންޑިޑޭޓުން
  • އެމްއެލްއެސްޑީޕީ - 4 ކެންޑިޑޭޓުން
  • ޑީއާރުޕީ - 1 ކެންޑިޑޭޓް
  • އަމިއްލަ ގޮތުން - 609 ކެންޑިޑޭޓުން

އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރި ކެންޑިޑޭޓުން

  • އެމްޑީޕީ - 650 ކެންޑިޑޭޓުން
  • ޕީޕީއެމް - 499 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ - 46 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ - 25 ކެންޑިޑޭޓުން
  • އެމްޑީއޭ - 19 ކެންޑިޑޭޓުން
  • އެމްއާރްއެމް - 4 ކެންޑިޑޭޓުން
  • އަމިއްލަ ގޮތުން - 427 ކެންޑިޑޭޓުން

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އިރުއޮއްސުމުގެ ކުރީން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށަން. އިރާދަ ކުރެއްވިއްޔާ ހަވީރުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިހާރު ގުނާ ނިމި ވޯޓް މަރުކަޒުގައި ނަތީޖާ އިއުލާނު ކުރެވިފައި ނުވަނީ ގދ ގެ ދެ ފޮއްޓަކާއި މާލޭގައި ބެހެއްޓި ދެ ވޯޓް ފޮއްޓެއް ކަމަށެވެ.