ފުވައްމުލަކުގައި ވަކި ދާއިރާއެއްގެ ގޮތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ހަރަކާތްތައް ފުޅާކޮށް ސްމާޓް ސިޓީއެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީ ކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ މަސައްކަތް ކަމުގައި އެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިސްމާއިލް ރަފީގު (އިއްސެ) ވިދާޅުވެއްޖެ އެވެ.
އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިއްސޭ ވިދާޅުވީ އޭނާއަކީ ޓެކްނޮލޮޖީއަށް ހާއްސަ ލޯތްބެއް އޮތް މީހަކަށް ވެފައި، އެ ދާއިރާގައި މުހިއްމު ތަޖުރިބާ ތަކެއް ކުރައްވާފައިވާތީ ރާއްޖޭގެ ޓެކްނޮލޮޖީގެ ހަބަކަށް ފުވައްމުލަކު ހެދުމަކީ ކުރައްވާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ފާހަގަކުރެވޭ މީހުން ތިބީ ފުވައްމުލަކުގައި ކަން ފާހަގަ ކުރައްވަމުން އިއްސެ ވިދާޅުވީ ސަރުކާރާއި ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މިރަށުގެ ޒުވާނުން އެބަ ހަރަކާތްތެރިވޭ މެލޭޝިއާގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގައި. ރަށުގައި ވެސް ފާހަގަކޮށްލެވޭ މި ދާއިރާގެ ކުދިން އެބަ މަސައްކަތް ކުރޭ. ޒުވާނުންނަށް ބޭނުންވާ ކަމާގުޅޭ ނޮލެޖާއި ތަޖުރިބާ ލިބޭނެ ގޮތްތަކެއް އެބަ ހޯދައިދޭންޖެހޭ. އެ ފުރުސަތު ހޯދައިދެވިއްޖެނަމަ މިއީ މިރަށުގައި ވިޔަފާރި އުސޫލުން ކުރިއެރުވޭނެ އިންޑަސްޓްރީއެއް. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑު މިހުރީ އެކަމުގައި ކުރިއަށް ދާން،" އައިޓީ ދާއިރާގައި 17 އަހަރު މަސައްކަތް ކުރައްވާފައިވާ އިއްސެ ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ފުވައްމުލަކުގައި ގައުމީ ޔުނިވާސިޓީގެ އައިޓީ ފެކަލްޓީއެއް ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އޭނާ ފުވައްމުލަކު މޭޔަރު ކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި އެ ފެކަލްޓީ ފުވައްމުލަކުގައި ގާއިމު ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ބާރު އެޅުއްވުން ހިމެނޭނެ ކަމަށެވެ.
ފުވައްމުލަކުގެ މޭޔަރު ކަމުުގައި ހޭދަކުރައްވާ ފަސް އަހަރުގެ ތެރޭގައި އެ ސިޓީން ފޯރުކޮށް ދޭ މައިގަނޑު ހިދުމަތްތައް އަވަހަށް އަދި ފަސޭހަކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކަމާ ގުޅޭ އޮންލައިން ޕްލެޓްފޯމްތައް ގާއިމުކުރައްވާނެ ކަމަށާއި ދުރު ރާސްތާ ޕްލޭނަކީ ފުވައްމުލަކު ސިޓީ، ސްމާޓް ސިޓީ އަކަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަަސައްކަތްތައް ފަށައިގަނެ ފައިސާ އާއި ވަސީލަތްތައް ފަހިވާ ވަރަކުން އެ މަސައްކަތް ފުޅާކުރުން ކަމަށް ވިދާޅުވި އެވެ.
"ފުވައްމުލަކީ ބޮޑު ރަށެއް. ވެހިކަލް ޓްރެފިކެއް އެބައޮތް. ރަށް ވެސް ނިސްބަތުން ބޮޑު. ނުރައްކާތެރި ބައެއް އެކްސިޑެންޓްތައް ވެސް ރަށުގައި ހިނގާފައި އެބަހުރި. ބައެއް ކަހަލަ ކުށްތައް ވެސް ކުރަމުން ދޭ. މިކަން ހައްލު ކުރުމަށްޓަކައި ސީސީޓީވީ ގާއިމުކޮށް، ވެހިކަލްތަކުގެ ސްޕީޑް ދެނެގަތުމާއި، މީހުންގެ އަމަލުތައް ހުންނަ ގޮތް ޓެކްނޮލޮޖީގެ ޒަރީއާ އިން ބަލައި ގޯހެއް ހަދަން އުޅޭ މީހުން ދުރާލައި ދެނެގަންނަން އެބަޖެހޭ. ފުލުހުންނާ ވާހަކަ ދައްކައިގެން މި ހުންނަނީ ޓެކްނޮލޮޖީގެ ޒަރީއަތް ކުރެވޭނެ މަސަައްކަތްތައް،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ފުވައްމުލަކަކީ ގިނަ އަދަދެއްގެ ހާފިޒުން ވެސް ތިބި ރަށަކަށްވާތީ އެ ރަށުގައި ޤުރުއާނާ ބެހޭ މަރުކަޒެއް ގާއިމު ކުރުމަކީ ސަރުކާރުން ކޮށްދޭން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ މަރުކަޒު އަވަހަށް ހުޅުވާ، ހިދުމަތް ދޭން ފެށުމަކީ އޭނާ ދެކެވަޑައިގަންނަވާ ހުވަފެނެކެވެ.
އިއްސެ ވިދާޅުވީ އޭނާއާ ބައްދަލު ނުވާނެ، ވާހަކަ ނުދެއްކޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި އޭނާއަކީ އެމްޑީޕީގެ މެންބަރަކަށްވީ ނަަމަވެސް ފުވައްމުލަކުގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެން އެއްވެސް ރައްޔިތަކާމެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.
އިއްސެ އެންމެ ގިނަ ދުވަހު މަސަައްކަތް ކުރެއްވީ ދިރާގުގަ އެވެ. އެގޮތުން އެ ކުންފުނީގެ އާދައިގެ ވަޒީފާ ތަކުން ފެށިގެން ގޮސް މެނޭޖްމަންޓް ލެވަލްގައި ވެސް ވަނީ މަސައްކަތް ކުރައްވާފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެ ދާއިރާ އިން ވެސް ތަޖުރިބާތަކެއް ހޯއްދަވާފައިވެ އެވެ. ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރި ކުރުމަށް އައިބޭގެ ނަމުގައި ގިނަ ބަޔަކު ބޭނުން ކުރާ ވެބްސައިޓަކީ ވެސް އިއްސެ އުފައްދައި ހިންގާ ވިޔަފާރި ވެބްސައިޓެކެވެ. އޭނާ އަކީ ކުރީގެ ހައުސިން މިނިސްޓަރު އިބްރާހިމް ރަފީގާއި ހަވީރުގެ ކުރީގެ އެޑިޓަރު އަދި ޑރ. އަލީ ރަފީގުގެ ކޮއްކޮ އެވެ. އަދި ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިނަކީ އޭނާގެ ބޮޑު ބޭބެ އެވެ.