ޖުމްހޫރީ ޕާޓީއަށް އާ ލީޑަރަކާއި ހިންގުންތެރި ލީޑާޝިޕެއް ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު ކަމަށް ޖުމްހޫރީ ޕާޓީން ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީއަށް އާ ލީޑަރަކާއި ހިންގުންތެރި ލީޑާޝިޕެެއް ބޭނުންވާ ކަމަށެވެ. ސައީދު ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ޖޭޕީގެ ލީޑާޝިޕަށް އަވަސް ރަނގަޅު ބަދަލެއް އަންނަން މަޖުބޫރު ކަމަށެވެ.
"މިއަދު ގައުމަށް ބޭނުންވަނީ ސިޔާސީ ކަންކަމުގައި ބަސްބުނެ ގޮތް ނިންމުމުގައި އައު ލީޑަރުން. ރައީސް މައުމޫނާއި ރައީސް ސޯލިހް އަދި ރައީސް ނަޝީދާއި އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހިމް ފަދަ ލީޑަރުން އެ ތިއްބެވީ ފެއިލްވެފައި. ސިޔާސީ ކަންކަމުން ދުރަށްވަޑައިގަންނަވަން ވެއްޖެ. މީ މިއަދު ރައްޔިތުން ދެކޭ ގޮތް،" ސައީދު ވިދާޅުވިއެވެ.
ނިމިދިޔަ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ނެރެފައިވަނީ 168 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާބޮޑު މަސައްކަތްތަކެއް އެ ޕާޓީގެ ލީޑާޝިޕުން ކޮށްފައެއް ނުވެއެވެ. ނަމަވެސް އުފަން ރަށް މާމިގިލީގައި ހުންނެވި ޖޭޕީގެ ލީޑަރު ވަނީ މާމިގިލީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. ގާސިމް މެންބަރުކަން ކުރައްވާ މާމިގިލީގެ ފަސް ގޮނޑިވެސް ޖުމްހޫރީ ޕާޓީން ވަނީ ނަގާފައެވެ. މާލެ ސިޓީންވެސް އެއް ގޮނޑި އެ ޕާޓީއަށް ލިބިފައިވާކަން މިހާތަނަށް ޔަގީން ކުރެވިފައިވެއެވެ. ނަމަވެސް އެ ދާއިރާގެ ވޯޓްފޮށިތައް އަލުން ގުނަން އެމްޑީޕީން ވަނީ ހުށައަޅާފައެވެ.