މި އަހަރުގެ ރޯދަ މަހަށް މިއޮތީ އެއް ދުވަހަށް ވެފައެވެ. މިއަދު މިއީ މާހެފުމުގެ ސީޒަންވެސް ނިމޭ ދުވަހަކީ މިއަދެވެ. ރޯދަމަސް މިހާ ކައިރިވެފައި އޮއްވާ ކިތަށް މާހެފުމަށް ގޮސްފިންތަ؟ ވަކި ހާއްސަ ދިވެހި ބާވަތްތަކެއް އަމިއްލަ އަށް ތައްޔާރުކޮށްގެންނާއި އޯޑަރު ދީގެން މާހަފާ މިއަހަރަށް ނިންމާލާ އިރު އަސްލު މާހަފަނީ ކޮން ސަބަބަކާއި ހެދިކަން އިނގޭތަ؟
އެންމެ އިހުއްސުރެ މާ ހެފުމަށް ކާން ބޭނުން ކުރަނީ ހާއްސަ ބާވަތްތަކަކެވެ. މާ ބޮޑު ކެއްކުމެއް ނޯވެއެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެހިއެވެ. އަހަރުމެންގެ ހަނދާނުގައި ވެސް ހުންނަނީ އެ ހަނދާނެއެވެ. އަވެލި އާއި މާ ފުށް މޮޑެއެވެ. ކުޅި ފާރޮއްޓާއި ފޮނި ފާރޮށި ހަދައެވެ. މަހާއި ކާއްޓާއި ވަޅޯމަހާއި އެކު މާހެފުން ބާއްވާއެވެ. އާއިލާގެ އެއްމެން އެއްވެލާ ރޯދައިގެ ކުރިން މި ކެއުން ކާލާ އުފާވެރި ވަގުތު ކޮޅެކެވެ.
ކަނޑުގެ ދަރިންތަކެއް އުޅޭ ޖަޒީރާ ދިވެހިރާއްޖޭގައި މަސްވެރިކަމާއި ދިރިއުޅުމުގެ ހުރިހާ ކަމެއް އޮންނަނީ ގުޅިފައެވެ. މާހެފުމާއިވެސް ގުޅުމެއް އޮވެއެވެ. އެއީ އިހު ޒަމާނުގައި ދަރު އުނދުނުން ކައްކާއިރު ބަދިގެ އޮންނަނީ ދުން ހިފައި ކަޅުވެފައެވެ. ރޯދައަށް ތައްޔާރުވުމަށް މުޅި ބަދިގެ ސާފު ކުރެއެވެ. މަސްވެރި ދިރިއުޅުމުގައި ލިބޭ މަސް ދިލަޖައްސައި ކައްކާ ހަދާއިރު މިގޮތަށް ހަޑިވެފައިވާ ތަންތަން ކޮންމެ ރޯދައަށް ދޮވެ ސާފުކުރުމަކީ ދިވެހިންގެ އާދައެވެ.
"ދިވެހި ދިރިއުޅުން" ނަމުގައި ލިޔެފައިވާ ފޮތެއްގައި މާހެފުމުގެ ފެށުނުގޮތް ތަފްސީލުކޮށްފައި އިރު ބުނެފައިވަނީ ކޮންމެ ޝައުބާން މަހެއްގައި 29 ވަނަ ދުވަހު ގޭގެ ބަދިގެ ރޯދައަށް ތައްޔާރު ކުރުމަށް ފަށައެވެ. އިހުގެ ބަދިގެއަކީ ދަރުއުނދުން ބޭނުން ކުރާ ތަނެއް ކަމުން ދުންއަރާ ގެދަބުޅި ޖަހާ ބޯވެފައިވާ ދުމަށިތައް ދޮވެ ސާފުކޮށް އުދުން ނައްޓާލާ އަލުން އުނދުން ހަދައެވެ. އަޅިން ހަދާ އުނދުން ހިކެން ގިނަ ވަގުތުދާނެއެވެ. އަދި އެ ދުވަހު އާއްމުކޮށް ބަދިގޭގައި އުނދުން ބޭނުންކޮށްގެން ކައްކާ އެއްޗެހި ގެއެއްގައި ކެއްކުމަށް ދަތިވެއެވެ. އެންމެ އަވަހަށް ފަސޭހައިން ހެދޭ އެއްޗެހި ކެއުމަށް ތައްޔާރުކުރުއެވެ. މިގޮތުން ބަލާއިރު ފަސޭހަކަމާއި އެކު ހަނޑޫ، ޒުވާރި ދޮނަޅަ ފަދަ އެއްޗެހީގައި މާލައްވައެވެ. ދެން ކާއްޓާއި. މަހާއި ކަދުރު އަދި ކާއްޓެވެ. ހުންޏާއި ދިޔާހަކުރު އަޅައިގެން މޮޑެގެންވެސް މާހެފުން އޮވެއެވެ.
މިކަން ސަގާފަތަށް ބަދަލުވެ އަހަރުމެންގެ ރަހަތަކަށް އައިސްފައިވާ ބަދަލާއި އެކު މާހެފުމުގެ އާދަކާދަ އަދިވެސް އަހަރުމެންގެ ތެރޭގައި އެބައޮތެވެ. އޭރު މާ ހަފަން މި ޖެހެނީ ހާލަތުގެ ގޮތުންނެވެ. ކެއްކެން ނެތުމުންނެވެ. ވަގުތު ސަލާމަތްކޮށްލަންށެވެ. މިހާރުގެ މާހެފުން މި އޮންނަނީ އެހެން ހުރިހާ ކަމެއް ހުއްޓާލާ ކަމާކަން ފަށާ ރޯދައަށް މާހެފުމެއް އޮންނަ ކަހަލަ ސަގާފަތެކެވެ. އަދި ދުރާލާ ތަކެތި ތައްޔާރު ކުރުން އޮވެއެވެ.
މަސްވެރިކަމާއި ގުޅިފައިވާ އަދި އަހަރުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮންނަ މިކަން މިހާރު މިއީ އާދައިގެ ފަސޭހަގޮތެއް ނޫނެވެ. އިތުރު މަސައްކަތަކާއި ހަރަދެއްކޮށް ކޮންމެ އާއިލާއަކުން ރައްޓެހި ގުރޫޕެއްގެ އަދި އޮފީސް މާހައުލެއްގައި މާހެފުން އޮވެއެވެ.
ސޯޝަލް މީޑިއާ ނަަަގާ ފޮޓޯއަކަށްޓަކައި އެއްފާޑުގެ އެއްޒާތުގައި މާ ގިނަ ބާވަތްތަކެއް އެއްފަހަރަކާ މާ ގިނައިން އޯޑަރުކޮށް ނޫނީ ހަދައިގެން ގެނައުމުން ނުކެވި އިސްރާފަށް އުކާލަންވާ ބޮޑެވެ. މާހެފުމުގެ ސަގާފާތުން އާއިލީ އިޖުތިމާއީ ގުޅުން ބަދަހިވީ ކަމުގައިވެސް މިހާރުގެ މާހެފުންތަކުގައި އިސްރާފު ބޮޑެވެ. ކުރިން ހާލަތާއި ގުޅިގެން އަހަރުމެންގެ ސަގާފަތަކަށް މިކަންވެފައިވާ އިރު މިހާރު މާހެފުން ބާއްވަނީ ކުރަން ހުރި ހުރިހާ ކަމެއް ދޫކޮށްލާ މާހެފުމަށް ވަގުތު ހުސްކޮށްގެންނެވެ. މާހެފުމުގެ ސަގާފަތް ސަޅިއެވެ. އެހެންނަމަވެސް އިސްރާފު ސަޅިއެއް ނޫނެވެ.