(9 އޭޕްރިލް 2021 އާ ގުޅޭ)
ނާއިކުގެ ފަހަތުގައި ހުރީ ހަމުގެ ކުލަ އަލި، ފަލަ ޒުވާން އަންހެނެކެވެ. ބުރުގާ އަޅައިގެން ހުރި އެ އަންހެން މީހާ އަކީ ނާއިކަށް ދެކި، ފަރިތަ މޫނެކެވެ.
"ރީޝާ.." ދެލޯ ބޮޑުކޮށްލަމުން ނާއިކު ބުނެލިއެވެ.
"ހެހެ. ހައިރާން ވެއްޖެ ދޯ!" ރީޝާ ހީނލިއެވެ. ރީޝާ އަކީ އައިޝާގެ އެންެމެ ގާތް ރަޙުމަތްތެރިޔާއެވެ. ނާއިކަށް އެންމެ ފަހުން ރީޝާ ފެނިފައި ވަނީ މީގެ 3 ވަރަކަށް އަހަރު ކުރިންނެވެ. ނާއިކު ބޭރަށް ދިޔުމުގެ 1 އަހަރު ކުރިން ރީޝާ، އޭނާގެ ޢާއިލާއާ އެކު ލަންކާއަށް ބަދަލުވިއެވެ.
"ކޮން އިރަކު އަައިސް ތިއުޅެނީ؟ އާޝާއަށް އެނގޭތަ އައިސް އުޅޭކަން؟" ނާއިިކު ހައިރާންކަން މަތީ އިނދެ އަހައިލިއެވެ.
"ނޫނޭ! ނޭނގޭނެ. އަދި ނުބުނަން. އިއްޔަގަ އައީވެސް. މިއަދު މިއުޅެނީ ސަޕްރައިޒެއް ދޭން ކަމަށް. ކޮންމެވެސް ނުބުނައްޗޭ އަހަރެން އައިސް އުޅޭ ވާހަކަ.." ރީޝާ ހުއްޓިލައިގެން ހުރީ ނާއިކުގެ ކުރިމަތީގައެވެ.
"ނާއިކު.." ރީޝާ އާއި ނާއިކަށް އެއްކޮށް ބަލައިލެވުނީ އެމީހުންގެ ގާތަށް އައި މީހާ އަށެވެ. ނާއިކުގެ ހިތުގެ ވިންދު އަވަސް ވިއެވެ. ވާހިދާ އައި ގޮތަށް އައިސް ހުއްޓުނީ ނާއިކުގެ ގާތުގައެވެ.
"ސާބަސް! ވޮލެޓު ބާއްވާފަ ތި ނުކުތީ.. މިއޮތީ ވޮލެޓު.." ނާއިކުގެ އަތަށް ވޮލެޓު ދިއްކޮށްލުމަށްފަހު، ވާހިދާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ރީޝާއަށް ވަގުތުން ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ރީޝާގެ ލޯ ކުރިމަތީގައި މިވީ ކަންތަކާ މެދު ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް އޭނާގެ ސިކުނޑިން އުފެދެން ފެށުނެވެ. ރީޝާގެ މޫނުމައްޗަށް އެރި ކުލަވަރުތައް ދެނެގަންނާކަށް ނާއިކަށް އުނދަގޫ ކަމަކަށް ނުވިއެވެ.
"އެއީ ޔޫތު މިނިސްޓަރު. ވާހިދާ.. އޮފީސް މީޓިންގއެއް ނިންމާލާފަ ވޮލެޓު ނުލައި މި ނުކުމެވުނީ.." ރީޝާ އިތުރު ސުވާލެއް ނުކުރަނީސް، ނާއިކު ދިނީ ކަންވީ ގޮތުގެ ތަފުސީލެކެވެ.
"އެހެންތަ؟ އަހަރެން ދެން ގޮސްލީ އިނގޭ! މިރޭ ދާނަން ތިގެއަށް.." ރީޝާ އެހެން ބުނެ، ނާއިކު ފަސްދީ ހިނގައިގަތެވެ.
***
"ތީ ބޮޑުވަރު ދަރިފުޅާ! މިވަރު ވާއިރު ޚަބަރެއް ނުވީމަ ބައްޕަމެން ވެސް ކަންބޮޑު ވާނެ." ނާއިކު ގެއަށް ވަނުމާ އެކ، އޭނާއާ ކުރިމަތި ލާން ޖެހުނީ އޭނާގެ ބައްޕައާ އެވެ. އެއްވެސް އެއްޗެއް ނުބުނެ ނާއިކު ހުރީ ހިމޭނުންނެވެ. މަންމައަށް ކަންތައްް ދިމާވި ގޮތް އެނގުމުން ނާއިކު ވަރަށް ބޮޑަށް ދެރަވިއެވެ.
"ސޮރީ ބައްޕާ.."
"މަންމާ! މިހާރު ރަނގަޅު ދޯ؟ ދެން އިރާދަކުރެއްވިިއްޔާ މިފަދަ ކަމެއް ތަކުރާރެއް ނުވާނެ. ކިތަންމެ މުހިންމު މީޓީންގއެއް ވިޔަސް، އަހަރެން ބަލާނަން ބައްޕަމެން ގުޅީމަ ކޮންމެ ވެސް ގޮތަކަށް ޚަބަރެއް ވާން.." ހާއިދުގެ މޫނަށް ބަލައިލުމަށްފަހު، ނާއިކުގެ ދެއަތުން އޭނާ ފިރުމަން ފެށީ ރަޝީދާގެ ކޮނޑުގައެވެ.
ނާއިކު ގެއަށް އައުމުގެ ކުރިން ދާއިން އޮތީ ހުރިހާ ވާހަކައެއް ނާއިކަށް ކިޔާދީފައެވެ. އައިޝާ ދާއިން އަށް ކުރިމަތި ކުރުވި ސުވާލުތައް ނާއިކަށް ކިޔާާދީފައި ވުމުން، ނާއިކުގެ ސިކުނޑި ވަނީ އައިޝާ ކޮށްފާނެ ސުވާލަކަށް ތައްޔާރުވެފައެވެ.
ދުވާލުގެ ދަންފަޅި ނިމި، ރޭގަނޑަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އެއްވެސް އެއްޗެއް ނުބުނެ، އައިޝާ އޮތީ އެނދުގައި ޖައްސައިލައިގެންނެވެ.
"ކިހިނެއްވެފަ ތިއޮތީ؟" ވަގުތު ކޮޅަކެއްގެ ހިމޭން ކަމަކަށްފަހު، ނާއިކު އެހެން އަހައިލީ އައިޝާއަށް ބަލައިލަމުންނެވެ.
"ބޮލަށް ތަދުވާތީ.." އައިޝާ ފުންކޮށް ނޭވާއެއް ދޫކޮށްލަމުން، މޫނުމަތީގައި ބާލިސް އަޅައި އެއް އަރިއަކަށްވާ ގޮތަށް ޖައްސައިލިއެވެ.
"އެއްކަލަ އާޝާ.. އަހަރެންނަށް އެނގޭ ތިވެގެން އުޅޭ ގޮތެއް.." ނާއިކު ގޮސް އައިޝާގެ އަތުގައި ހިފައިލިއެވެ. އަދި މަޑުމަޑުން އައިޝާގެ ގާތުގައި އިށީންނެވެ.
"ބަލާބަލަ އަހަންނަށް!" އައިޝާގެ މޫނު މަތީގައި އަޅައިފައިވާ ބާލިސް ނަގަމުން، ނާއިކު ބުންޏެވެ. އަދި ވަރަށް ލޯބިން އައިޝާގެ އަތުގައި ހިފައި، އައިޝާ ކޮޅަށް ތެދުކުރުވިއެވެ.
"އާޝާ.. ތިކަހަލަ ބޭކާރު ކަންތަކާ ތި ބޯގޮއްވަނީ.. މިހާރު އެވްރިތިންގ އޯކޭއެއްނު؟ އަހަރެން މީޓިންގަ އިނީމަ ފޯނު ނިއްވާލެވުނީ.. މީޓިން އޮތީ މިނިސްޓަރުގެ ގޭގަ. އަހަރެންނާ އެކު، އޮފީހުގެ އިތުރު 3 ސީނިއާރ މީހަކު ވެސް ހުރި.. މިނިސްޓަރު ވަކިވާ އިރު ވަރަށް ގިނަ ޗޭންޖެސްތައް އަންނާނެ ދޯ؟" ނާއިކުގެ ގަޔާ އައިޝާ ގާތްކޮށްލަމުން ނާއިކު ވާހަކަދެއްކިއެވެ.
"އަހަރެން ކަންބޮޑުވީ މަންމަ އެފަދަ ޙާލެއްގައި އޮތް އިރު، އަހަރެން އެކަނި ވީމަ. މެސެޖެއް ވެސް ކޮށްލާފަ ވާނުވާ އަންގާލީމަ ވެސް ހިތަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެއްނު!" އައިޝާ ބަލައިލީ ނާއިކުގެ މޫނަށެވެ.
"އައި އަންޑަސްޓޭޑް.. އަސްލުވެސް ވަރަށް ރަނގަޅު ވާހަކައެއް އާޝާ ތިބުނީ. މިހާރު މިދެނީ ޔަޤީންކަން. މިކަން ނުވާނެ ރިޕީޓެއް.." ނާއިކު ހިނިތުންވެލަމުން އެހެން ބުނުމާއި އެކު، އައިޝާގެ ތުންފަތުން ވެސް އުފާވެރިކަމުގެ ނިޝާންތައް ފެނިގެން ދިޔައެވެ.
***
"ބައްޕީ.. އާދޭ ކާން.." ކޮޓަރީގެ ދޮރު ހުޅުވައިލަމުން، ލައިބާ ބަލައިލީ އެނދުގައި އޮށޯވެގެން އޮތް އޭނާގެ ބައްޕައަށެވެ. ލަބީބު ނިކަން އަވަހަށް އެނދުން ތެދުވީ ދަރިިފުޅުގެ ކުރިމަތީގައި ލަބީބުގެ ބަލިކަން ނުދެއްކުމުގެ ބޭނުމުގައެވެ. ލަބީބު ޙަޤީޤަތުގައި އޮތީ ވަރަށް ބަނޑު ހައި ވެފައެވެ. ނަމަވެސް ކާހިތެއް ނެތެވެ. އެކި ޚިޔާުލު ތަކާއި ފިކުރުތަކުން ލަބީބުގެ ސިކުނޑި ވަނީ ފަޅައިގެންދާ ވަރު ވެފައެވެ.
"ބައްޕީ އާދޭ!" ލައިބާ ތަކުރާރުކޮށް ލަބީބުގެ ގާތުން ކާން އައުމަށް އެދުމާ އެކު، ލަބީބު މިސްރާބު ޖެހީ ކާގެއާ ދިމާލަށެވެ. ލައިބާގެ އަތުގައި ހިފައިގެންނެވެ.
ލަބީބު ކާގެއަށް ވަތް އިރު، ބޮޑު ތަށްޓަކަށް ބަތް އަޅައިގެން ޖަންނަތު އިނީ ކާންށެވެ. ޖަންނަތުގެ ކައިރީގައި ލައިބާގެ ބަތްތަށި އިނެވެ.
"ލަބީބުގެ ރަންދަރިގެ އަރުން މި ބަތް ކޮޅު ނުދިރެގެން ލަބީބު ތި ގެނައީ.." ޖަންނަތު ވައްކަޅިން ލަބީބަށް ބަލައިލަމުން، ރުންކުރު ގޮތަކަށް ބުނެލިއެވެ.
"ގޮސް އަމިއްލައަށް ބަތް އަޅައިގެން ކާލާ!" ޖަންނަތު އެހެން ބުނެ، ކެއުމައިގެން ކުރިއަށް ގެންދިޔައެވެ.
***
ގޭގެ ދޮރުގައި ޓަކި ދޭން ފެށި އަޑަށް އައިޝާ ވަރަށް އަވަހަށް ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ.
"ސަޕްރައިޒް.." ދޮރުން ބޭރުގައި ހުރީ އައިޝާގެ ބެސްޓު ފުރެންޑު ކަމަށްވާ ރީޝާއެވެ.
"ރީޝާ.." އައިޝާއަށް އުފަލުން ވީ ގޮތް ވެސް ނޭނގުނެވެ. ވަރަށް ބާރަށް ރީޝާގެ ގައިގައި އޮޅުލައިގަންނަމުން، އައިޝާ އަށް އުފަލުން ހިނިތުން ވެވުނެވެ.
"އަޅޭ! ނުވެސް ބުނެ.... އަހަރެން.. ވަރަށް އުފާ ވެއްޖެ.. އެއްކޮށް ޗޭންޖު ވީތަ؟" އައިޝާއަށް އުފަލުން ވާހަކަ ދެކެވެނީ ވެސް ހަމަ ކިރިޔާއެވެ.
"ނޫނޭ.. ކޮއްކޮއަށް ޗުއްޓީއެއް ލިބުނީމަ މި ޖައްސާލީ.. ކޮއްކޮ ވެސް ކިޔަވާ ނިންމައިގެން އެކޮޅުގަ ވިއްޔާ ވަޒީފާ އަދާ ކުރަން ފެށީ.." ރީޝާގެ ހުރިހާ ދަތްޕިލައަށް ދައްކައިގެން އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. އައިޝާއާ އެކު ރީޝާ ވެސް ގޮސް އިށީންނީ ސޯފާގައެވެ.
"މިހުރީ ހަދިޔާތައް.. ދޫނި އަށް ވީ.. ދެން މީ އައިޝާއަށް.."
"މި ކޮތަޅުގަ ހުންނާނެ ނަފީސައްތައާ ހާއިދު ބެއަށް ވީ ހަދިޔާ.. ދެން މީ ނާއިކަށް.. ހެހެ." ރީޝާ ގެނައި ހަދިޔާތައް ވަކިވަކިން ދައްކައިލަމުން، އޭނާ ބުނެލިއެވެ.
"ތެންކިއު ވަރަށް ބޮޑަށް.. ދެން އަޅެ ނުގޮސް މާލޭގަ މަޑުކޮށްބަލަ!" އައިޝާ ހިފައިލީ ރީޝާގެ އަތުގައެވެ.
"އާނ! ތިގޮތޭ އަހަރެން ވެސް ބޭނުން ވަނީ.. އަހަރެން ވެސް ބޭނުން ދެން ރާއްޖެ ބަދަލު ވާން. އެކަމު ކޮއްކޮ އުޅެން ބޭނުން ވަނީ ލަންކާގަ. ކޮއްކޮގެ ޚިޔާލުގަ ވެސް ނެތް ރާއްޖެ ބަދަލު ވާކަށް.." ރީޝާ ވާހަކަދައްކަމުން ދިޔައީ އައިޝާއަށް ބަލަހައްޓައިގެން އިނދެއެވެ. އެގޮތުގައި އެދެމީހުން ވެސް ގެންދިޔައީ އެކަކު އަނެކަކާ ހީ ސަމާސާ ކޮށް ވާހަކަދައްކަމުންނެވެ.
***
ދުވަސްތައް ވޭތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ. ދުވަހަކަށް ފަހު، ދުވަހެއް ވޭތުވަމުން ދިޔައެވެ. އެގޮތުގައި 1 މަސް ވޭތުވެގެން ގޮސްފިއެވެ.
އާދައިގެ މަތިން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށްފަހު، އައިޝާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
"ނާއިކު.. ހިނގާ ސައިބޯން!" ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ރީތި ވަމުން ދިޔަ ނާއިކަށް ބަލައިލަމުން، އައިޝާ ބުނެލިއެވެ.
"އާނ މިދަނީ.." ނާއިކު ވަރަށް އަވަސްކޮށް ބުންޏެވެ. އައިޝާ ކޮޓަރީގައި މަޑުކޮށްލީ ނާއިކާ އެކު ސައިބޯން ދިިޔުމުގެ ބޭނުމުގައެވެ. އެގޮތަށް އައިޝާ މަޑުކޮށްލައިގެން ހުއްޓައި، އަނެއްކާ ވެސް ނާއިކަށް މެސެންޖާއިން ކޯލެއް އަންނަން ފެށިއެވެ. ހަމަ ކުރިން ވެސް ގުޅި މަލާކުގެ އައިޑީއިންނެވެ. ވަރަށް އަވަސް އަރުވާލަމުން، ނާއިކު ފޯނު ކަނޑައިލިއެވެ.
"ކިހިނެއްވީ؟ ލަސްވެގެން ދޯ؟" އައިޝާ ވަރަށް މަޑުން އަހައިލިއެވެ. ޖަވާބުގައި ނާއިކު ހީނލަމުން އައިޝާގެ އަތުގައި ހިފައިލީ، ކުރިއަށް ފިޔަވަޅެއް ނަގަމުންނެވެ. ކާގެއާ ދިމާލަށް ދިޔުމަށެވެ. ނަމަވެސް އެޅި ފުރަތަމަ ފިޔަވަޅާ އެކު އައިޝާ ހުއްޓުނެވެ. އަނގަ މަތީގައި އަތް އަޅައިގެން އައިޝާ ދުވެފައި ވަނީ ފާޚާނާއަށެވެ. މޭނުބައި ކުރުވައިގެން އައިޝާ ފެށީ ހޮޑު ލާންށެވެ. (ނުނިމޭ)