ލަ ލީގާ

އެތުލެޓިކޯ އެއްވަރުވެ އިތުރަށް ފޯރިގަދަ ވެއްޖެ

ރެއާލް ބެޓިސް އާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރު ވުމުން، ލަލީގާ ހޯދުމުގެ ރޭސް އިތުރަށް ފޯރި ގަދަ ވެއްޖެ އެވެ.

މެޗު 1-1 ން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު، އެތެލެޓިކޯއަށް ލީގް ގެއްލިދާނެ ކަމުގެ ބިރު ވެސް މިހާރު އޮތީ ކުރިމަތި ވެފަ އެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމުގެ މެދުގައި ފަރަގު ކޮށް ދެނީ ކޮންމެ ޓީމަކާ ދެމެދު އޮތް އެއް ޕޮއިންޓްގެ ފަރަގެވެ. އެތުލެޓިކޯއަށް 67 ޕޮއިންޓެވެ. ވާދަވެރި ރެއާލް މެޑްރިޑަށް 66 ޕޮއިންޓެވެ. އެފްސީ ބާސެލޯނާއަށް 65 ޕޮއިންޓެވެ. އެންމެ ކުރީގައި އޮތް ތިން ޓީމަށް ވެސް ލީގް ހޯދުމުގައި އެއްވަރުގެ ފުރުސަތެއް ވެސް އެބައޮތެވެ.

އެތުލެޓީގެ ސުޓާ ފޯވަޑް، ލުއިސް ސުއަރޭޒްއަށް އަނިޔާ ވެފައި ވުމުން ލަނޑު ޖެހުމުގެ މައްސަލަ އެ ޓިމަށް އޮތީ ކުރިމަތިވެފަ އެވެެ. އެހެންނަމަވެސް ބެޓިސްގެ ބެނިޓޯ ވިލަމަރިން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އެތުލެޓިކޯއިންނެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ޔަނިކް ކަރެސްކޯ ލަނޑު ޖެހީ އޭންހަލް ކޮރެއާ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ބެޓިސްއިން ނަތީޖާ ހަމަހަމަ ކުރީ، 20 ވަނަ މިނެޓްގައި ކްރިސްޓިއަން ޓެލޯގެ ލަނޑުންނެވެ.

މެޗުގެ ފަހު ކޮޅުގައި، ކޮރެއާއަށް ލިބުނު ދެ ފުުރުސަތުވެސް ބެޓިސްގެ ކީޕަރު ކުލައުޑިއޯ ބްރާވޯ ދިފާއު ކުރި އެވެ.