ކަލިއަރީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސެރީއާ ގެ ތައްޓާ ކައިރިއަށް އިންޓަ މިލާން ޖެހިލައިފި އެވެ.
މެޗުގައި އިންޓަގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، ޑިފެންޑަރު މަޓާއޯ ޑާމިއަން އެވެ. މެޗުގައި ކލިއަރީ ބަލިވިޔަ ނުދިނުމަށް އެ ޓީމުގެ ކީޕަރު ގުލިއޭމޯ ވިކާރިއޯ ވަނީ ވަރަށް ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި ޑާމިއަން ލަނޑު ޖަހައި އިންޓަ ލީޑް ނެގި އެވެ.
އިންޓަގެ ކުޅުންތެރިންނާއެކު ކޮންޓޭ ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ. އިޓަލީގެ ލީގް އިންޓައަށް ކާމިޔާބު ނުވާތާ 11 އަހަރު ވެއްޖެ އެވެ. އެންމެ ފަހުން އެ ޓީމުން ލީގް ކާމިޔާބު ކުރީ ހޯޒޭ މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން 2010 ވަނަ އަހަރު އެވެ.
އިންޓަ އެއް ވަނައިގައި އޮތީ، 11 ޕޮއިންޓްގެ ލީޑެއްގަ އެވެ. ރޭ ޖެނޯއާގެ މައްޗަށް 3-1 ން މޮޅުވެ، މިދިޔަ ހަތް އަހަރުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ ދެ ވަނައިގައި އޮތް އޭސީ މިލާން އާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބު ކުރީ ޑޖެން ކުލުސްވްސްކީ، އަލްވާރޯ މޮރާޓާ އަދި ވެސްޓޮން މެކީން އެވެ.