ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައުުރުގެ މެދުން ލިބުނީ ބޮޑު ކާމިޔާބެއް: ރައީސް

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި އެއީ މީގެ ކުރިން ދައުރުގެ މެދުތެރެއިން ބޭއްވި އިންތިހާބެއްގައި އެއްވެސް ސަރުކާރަށް ލިބިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މިހާތަނަށް ގުނާ ނިމުނު 92 ޕަސަންޓް ވޯޓަށް ބަލާއިރު އެމްޑީޕީއަށް 49 އިންސައްތަ ވޯޓު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ހިތުން މިޑް ޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބީއެއް އަދި މިހާތަނަށް އެއްވެސް ސަރުކާރެއްގައި ހާސިލްކުރެވިފައެއް ނެތް. މިޑް ޓާމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބު ފާހަގަކުރުމާއެކު އަޅުގަނޑު މިދެންނެވީ ކަންބޮޑުވުންތަކާ އެކީގައި ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން" ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގައި އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް މާލެއިން ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންޖެހި އެވެ. އެކަން ރައީސް ވަނީ ގަބޫލުފުޅު ވެސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މާލެއަކީ އެމްޑީޕީގެ "ހާއްޔެއް"ގެ ގޮތުގައި އެތައް ޒަމާންތަކެއް ވަންދެން އޮތުމަަށް ފަހު މާލެ ސިޓީގެ އަގުލަބިއްޔަތު އެމްޑީޕީއަށް ގެއްލިގެން ދިޔައީ މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތެރެއިން ކަންކަން ރަނގަޅު ކުރަންޖެހޭ ކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށާއި އެކަމުގައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

މާލެ ފަދައިން އަބަދުވެސް އެމްޑީޕީން އަގުލަބިއްޔަތު ހޯދަމުން ދިޔަ ރަށްތަކެއްގެ އަގުލަބިއްޔަތު ނިމިގެން ދިޔަ އިންތިހާބުގައި ގެއްލިފައިވާ ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެކަމަކު އެމްޑީޕީން ފަސްޖެހުމެއް ނެތި ކުރިއަށްދާނެ ކަަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ވަރުގަދަކޮށް އެމްޑީޕީގެ ވިސްނުން ގަބޫލު ކުރާ ކަންތައްތަކެއް އެބަހުރި. އެ ވެލިއުތައް އަޅުގަނޑުމެން އިސްކޮށް އެއާގެން ކުރިއަށް ދިޔައިމަ އެމްޑީޕީއަށް އޮންނާނީ ކުރިއެރުން،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވުރެއް ކަމަށްވާތީ ވަކި ޕާޓީއެއް ބެލުމެއް ނެތި އަލަށް އިންތިހާބުވި ކައުންސިލްތަކަށް ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ. އަދި ނިމިގެން ދިޔަ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ރައީސް ވަނީ ޝުކުުރު އަދާކުރައްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެމްޑީޕީއަށް ކުރިން ހިދުމަތް ކުރެއްވި އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އާންމު ބައެއް މެންބަރުން އެ ޕާޓީއަށް ލިބުނު ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އަދި ނަތީޖާ އަށް ފަހު ވަނީ އެމްޑީޕީއަށް ވަަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.