ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނައިބް ރައީސް ދެވަނަ ޑޯޒް ޖައްސަވައިފި

Apr 12, 2021

ނައިބް ރައީސް ފައިސަލް ނަސީމް، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި އެވެ.

ނައިބް ރައީސް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައި ވަނީ މިއަދު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު އެ މަނިކުފާނު ވަނީ ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފްސާއި އާއިލާއާއި ގާތްއެކުވެރިންގެ ރައްކާތެރިކަމަށްޓަކައި ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

"ކޮވިޑް-19 ދިފާޢު" ކެމްޕޭން ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ރަސްމީ ގޮތުން ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައިވަނީ އޭޕްރީލް ތިންވަނަ ދުވަހު އެވެ.

ވެކްސިން ޖެހުމަށް މާލޭ ސަރަހައްދުގައި ނުވަ ސެންޓަރެއް ގާއިމުކޮށްފައިވާއިރު ދެ މޯބައިލް ޓީމުވެސް ވެކްސިން ޖެހުމުގައި ހަރަކާތްތެރިވެ އެވެ. އަތޮޅުތަކުގައި 237 ވެކްސިން ސެންޓަރު ގާއިމުކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 268،459 އަށް ވުރެ ގިނަ މީހުން ޖަހާފައި ވާއިރު، ވެކްސިންގެ ދެވަނަ ޑޯޒް އެޕްރީލް 10 ވަނަ ދުވަހާއި ހަމައަށް 15،294 މީހަކު ޖަހާފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިންއާއި، ފައިޒާ ވެކްސިން ވެސް ބޭނުންކުރެ އެވެ