ހަބަރު

އެމްޑީޕީން ވަކިވި ކަމަށް ގަބޫލެއް ނުކުރަން، ޕްރައިމަރީގައި ވެސް ވާދަ ކުރާނަން: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކި ކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން، ނިންމި ނިންމުމަށް އިސްތިއުނާފް ކޮމިޓީން ތާއީދު ކުރި ނަމަވެސް އޭނާ ޕާޓީން ވަކިވީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ފިޔަވަޅު އަޅާ ކޮމިޓީން މޫސަ ޕާޓީން ވަކި ކުރަން ނިންމީ ރަނގަޅަށް ކަމަށް އިސްތިއުނާފް ކޮމިޓީން ރޭ ނިންމުމުން މޫސަ މިއަދު "އަވަސް" އަށް ވިދާޅުވީ އެ މައްސަލަ އެ ކޮމިޓީން ނިންމާފައި ވަނީ ކޮމިޓީގައި އޭނާ ފާހަގަ ކުރި ގިނަ ވާހަކަތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. އަދި އެމްޑީޕީގެ ކޮންމެ ގުނަވަނަކީ ވެސް މިހާރު "ރަބަރު ތައްގަނޑު" ޖަހާ ތަނަކަށް ވެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އެ މައްސަލަ އެ ކޮމިޓީއަށް ލީއިރުވެސް އަޅުގަނޑަށް އެނގޭ މިކަން ދާނީ މިހެންކަން. ފިޔަވަޅު އަޅާ ކޮމިޓީގައި ފަސް މެންބަރުން ތިބޭ ތަނުން ތިން މެންބަރުން އަޅުގަނޑު ވަކި ކުރަން ވޯޓް ދިނީ. އެކަމަކު އިސްތިއުނާފް ކޮމިޓީގެ އެންމެން އެކަމަށް ތާއީދު ކުރި. މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން. މިކަމަކީ މިހެން ގަވާއިދާ ހިލާފަށް ހިނގާ ކަމެއްކަން ރެކޯޑަށް ޓަކައި ސާބިތުކޮށްދޭން އަޅުގަނޑު މިކަން ލީވެސް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީން ވަކިކުރަން ނިންމި މައްސަލަ މިހާރު އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު އިންތިޒާރު ކުރަނީ ކޮމިޝަނުން ނިންމާ ނިންމުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. މޫސަ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ މެންބަރުންގެ ދަފްތަރުން އޭނާގެ ނަން އުނިނުކުރާހާ ހިނދަކު ޕާޓީން ވަކި ކުރި ކަމަށް ގަބޫލު ކުރާނެ އެއްވެސް ޖާގައެއް ނެތެވެ. އަދި ޕާޓީގެ މެންބަރުން އޭނާ ދޫކޮށްނުލާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މިއީ ބައެއްގެ ޒާތީ ހަސަދަ އާއި ނުފޫޒުން ކޮށްގެން އުޅޭ ކަމެއް. އެކަމަކު މި [އެމްޑީޕީ] ޕާޓީގެ މެންބަރުން އަޅުގަނޑު ދޫކޮށެއް ނުލާނެ. އެކަން އެހެން ވިޔަކަ ނުދޭނެ. އަޅުގަނޑު ހަމަ ޕްރައިމަރީގައި ވެސް ވާދަ ކުރާނަން. އެކަމަކަށް ހުރަހެއް ނޭޅޭނެ. ޕާޓީން އަޅުގަނޑު މިގޮތަކަށް ވަތްކެއް ވެސް ނުކުރެވޭނެ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީން މޫސަ ވަކި ކުރަން ނިންމީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސެއިނާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު މުއުތަސިމް އަދުނާން އެ ކޯޓުގެ ފަނޑިޔާރު ކަމުން ބޭރު ކުރަން މަޖިލީހުގައި ނެގި ވޯޓަށް މޫސަ ހާޒިރުވެ ވަޑައިނުގަތުމާއި އެމްޑީޕީން ނެރުނު ބައެއް ވިޕްލައިންތަކާ އެއްގޮތަށް އޭނާ ވޯޓު ދެއްވާފައި ނުވާތީ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޮވި ވަޑައިގަތް ފަހުން މޫސައާ ސަރުކާރާ ގާތްގުޅުންތަކެއް ބާއްވާ ކަމަށް އެ ޕާޓީން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް މޫސަ އެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވަ އެވެ. މޫސަ ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ކޮންމެ ގޮތަކުން ވެސް އެމްޑީޕީގައި ދެމި ހުންނެވުމަށް ކަމަށެވެ. ސަބަބަކީ އެ ޕާޓީއަށް ޓަކައި އޭނާ ގިނަ ހަރަދުތަކާއި ގުރުބާނީތައް ވެވަަޑައިގެންފައި ވާތީ އެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް އެންމެ ފުރަތަމަ ބޭއްވީ ވެސް ސީދާ އޭނާގެ އަމިއްލަ ޖީބުން ހަރަދުކޮށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް މޫސަ ވިދާޅުވި އެވެ.

"އެހެން ވީމާ އަޅުގަނޑަށް މި ހުރީ ލައްކަ މަސައްކަތް ކުރެވިފައި. އެހެން ވީމާ މި ޕާޓީއާ ދުރަށް ދިޔުމަކަށް އަޅުގަނޑު ބޭނުމެއް ނުވޭ. މި ޕާޓީގައި ހުރެވޭތޯ އަޅުގަނޑު މި ބަލަނީ. އެކަމަކު ޒާތީ ހަސަދަޔަކުން އަޅުގަނޑު ބޭރުކޮށްލަން މި އުޅެނީ. މި ނޫން އެހެން ކަމެއް އޮވެގެނެއް ނޫން މިކަން މި ކުރަނީކީ،" މޫސަ ވިދާޅުވި އެވެ.