ދުނިޔެ

"ފުކުޝިމާ ރޭޑިއޯއެކްޓިވް ފެން ނައްތާލާ ގޮތާ މެދު ކަންބޮޑުވޭ"

ޖަޕާނުން ފުކުޝިމާ ރޭޑިއޯއެކްޓިވް ފެން ނައްތާލުމުގައި ޒިންމާދާރު ވުމަށް ޗައިނާއިން ގޮވާލައިފި އެވެ. ޗައިނާއިން ބުނީ ރޭޑިއޯއެކްޓިވް ފެން ނައްތާލަން ކަނޑަށް އެޅުމަކީ ނުތަނަވަސްކަން ބޮޑު ކަމެއް ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއާ ހަވާލީ "ޕީޕަލްސް ޑެއިލީ" ނޫހުން ބުނީ ފުކުޝިމާ ރޭޑިއޯ އެކްޓިވް ފެން ނައްތާލުމުގައި ޖަޕާނުން އަމަލު ކުރަން ވިސްނާ ގޮތާ މެދު ޗައިނާއިން ކަންބޮޑުވާކަން ރަސްމީކޮށް އަންގާފައި ވާނެ ކަމަށެވެ.

ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓުން ލީކުވާ ރޭޑިއޯއެކްޓިވް ފެން މިހާރު ރައްކާ ކުރަނީ ތާންގީތަކެއްގަ އެވެ. ރޭޑިއޯއެކްޓިވް ފެން ނައްތާނުލެވި މިއަދާ ހަމައަށް ދިގުލާފައި ވަނީ ނައްތާލާނެ ރައްކާތެރި ގޮތެއް ނުފެނިގެނެެވެ. އަނެއްކޮޅުން ކަނޑަށް އެޅުމާ މެދު ތިމާވެށި ބަލަހައްޓާ މީހުންނާއި މަސްވެރިން ވަރަށް ބޮޑަށް ދެކޮޅެވެ.

ޗައިނާގެ އިތުރުން ސައުތު ކޮރެއާއިން ވެސް ވަނީ ރޭޑިއޯއެކްޓިވް ފެން ކަނޑަށް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.

ރޭޑިއޯއެކްޓިވް ފެން ކަނޑަށް އެޅުން ހުއްޓުވުމަށްޓަކައި ގްރީންޕީސްއިން އަންނަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. މިހާތަނަށް 183،754 ވަނީ ސޮއިކޮށްފަ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ޝުގާ ވިދާޅުވީ ރޭޑިއޯއެކްޓިވް ފެން ދެން އިތުރަށް ބެހެއްޓެން ނެތް ކަމަށާއި ނައްތާލުމަށްޓަކައި ކޮންމެވެސް ގޮތެއް އިހުތިޔާރު ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަނޑަށް އެޅުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ސައިންސްވެރިން ވިދާޅުވާ ކަމަށާއި އިންޓަނޭޝަނަލް އެޓޮމިކް އޭނާޖީ އޭޖެންސީން ވެސް ބުރަވަނީ ކަނޑަށް އެޅުމަށް ކަމަށެވެ.

ފުކުޝިމާ ރޭޑިއޯއެކްޓިވް ފެން މިހާރު ވެސް ހުރީ ވަރަށް ބޮޑަށް ދިޔާކޮށްފަ އެވެ. އެހެން ނަމަވެސް ނައްތާލާނެ ގޮތެއް ސައިންސްވެރިންނަށް އަދި އެނގިފައި ނެތް މާއްދާތަކެއް ތާންގީތަކުގައި ހުރި ފެނުގައި މިހާރު ވެސް އެބަ ހުއްޓެވެ.

ޖަޕާނުން ބުނަނީ ކަނޑަށް އެޅުމުގެ ކުރިން އަދި ވެސް ރޭޑިއޯއެކްޓިވްގެ ބާރުދަށް ކުރާނެ ކަމަށާއި އެކަމަކު ރޭޑިއޯއެކްޓިވްގެ އަސަރު މުޅިން ނައްތައި ނުލެވޭނެ ކަމަށެވެ. ޖަޕާނުގެ ވިސްނުން ހުރީ ފުކްޝިމާ ރޭޑިއޯއެކްޓްވް ފެން ކަނޑަށް އަޅާ ގޮތަށެވެ.