ހަބަރު

ނައިބު ރައީސްކަމުން އަދީބު ވަކިކޮށްފި

މެންބަރުންގެ ބޮޑު އަޣުލަބިއްޔަތުން އަހުމަދު އަދީބު އަބްދުލް ޣަފޫރު ނައިބު ރައީސް ކަމުން މިއަދު ވަކިކޮށްފި އެވެ.

އަދީބު މިއަދު ނައިބު ރައީސްކަމުން ވަކި ކޮށްފައިވާއިރު އޭނާ ވެވަޑައިގެންފައިވަނީ ރާއްޖޭގައި އެންމެ ކުރު މުއްދަތަކަށް ނައިބު ރައީސްކަން ކުރެއްވި ބޭފުޅާ އަށެވެ. އެއީ 107 ދުވަހެވެ.

އަހުމަދު އަދީބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނައިބަކަށް އައްޔަންކުރެވިގެން ދިޔައީ ނައިބު ރައީސަކަށް އޭރު ހުންނެވި މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނެގުމަށް ފަހު، މި އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ.

ނައިބު ރައީސް ކަމަށް އަދީބު ގެންނަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައި ވަނީ 70 މެމްބަރުންގެ ތާއީދާ އެކުގަ އެވެ.

މިއަދު އެމަނިކުފާނު ނައިބުކަމުން ވަކިކޮށްފައި ވަނީ އަދީބުގެ އިތުބާރުނެތްކަމުގެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. ވޯޓުގައި އެމްޑީޕީން ބައިވެރިއެއް ނުވެ އެވެ.

ނައިބު ރައީސްކަމަށް ވަޑައިގެންނެވިތާ ތިން މަސް ފަހުން އަދީބު ހައްޔަރުކޮށްފައި ވަނީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ސިންގަޕޫރުގައި މަޑުކުރެއްވުމަށް ފަހު މާލެ ވަޑައިގެންނެވިތަނުންނެވެ. އަދީބުގެ މައްޗަށް ދައުލަތުން ކުރި ތުހުމަތަކީ ގައުމަށް ގައްދާރުވުމެވެ. އެއީ ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ސަބަބުން ގައުމަށް އެންމެ ބޮޑު ޚިޔާނާތް ވިކަމުގެ ދައުވާ އެވެ.

ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ، ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީން ވައްދާފައި ވަނީ 52 މެމްބަރުންގެ ސޮޔާ އެކު މިދިއަ މަހުގެ 27 ވަނަ ދުވަހު އެވެ. މި ވޯޓް ކާމިޔާބު ކުރުމަށް މަޖިލީހުގައި ބޭނުން ވަނ 57 މެންބަރުންގެ ވޯޓެވެ. މި ތިން ޕާޓީގެ ޕީޖީ ގްރޫޕް އެކުވުމުން ލިބޭނީ 59 ވޯޓެވެ. މިއަދު މި މައްސަލަ އެޖެންޑާ ކުރި އިރު ނައިބު ރައީސަށް ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް ވެސް ވަނީ ފޮނުވާފަ އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ގަރާރުން ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި އެ މުއްދަތު ވަނީ ހަތް ދުވަހަށް ކުރުވެފަ އެވެ.