ދުނިޔެ

ޖަރުމަނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު އިތުރުުކުރަނީ

ޖަރުމަނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު އިތުރު ކުރައްވާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅު ވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޖަރުމަނަށް ކުރައްވާ ފުރަތަމަ ތަދުތުރުފުޅުގައި، ޖަރުމަންގެ ޑިފެންސް މިނިސްޓަރު އެނެގްރެޓް ކްރަމްޕް ކަރަންބަވާއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.

ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އޮސްޓިން ވިދާޅުވީ އަދި އިތުރު 500 ސިފައިން ޖަރުމަނަށް ޖަމާ ކުރައްވާނެ ކަމަށާއި، ޖަރުމަނާއެކު އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ރައީސް ބައިޑަން އެދިވަޑައިގަންނަވާ ކަމަށެވެ.

ޑިފެންސް ސެކްރެޓަރީ އޮސްޓިން ވިދާޅުވީ ޖަރުމަނުގައި ދާއިމީ އަސްކަރީ ފައުޖެއް ގާއިމުު ކުރައްވާނެ ކަމަށާއި ޖަރުމަނަށް ދަތުރުފުޅެއް ކުރައްވައި ކުރެއްވުނު މަޝްވަރާތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގެންފި ކަމަށެވެ.

އަލަށް ޖަމާ ކުރާ ފައުޖުން މައިގަޑު ގޮތެއްގައި ނޭޓޯއަށް އެހީތެރި ވާނީ ސައިބާ އިލެކްޓްރޯނިކް ވާފެއާއިންނެވެ. އޮސްޓިން ވިދާޅުވީ އުންމީދަކީ އިތުރު ކުރާ ފައުޖުތަކުގެ ސަބަބުން ޔޫރަޕްގެ ދިފާއީ ކުޅެދުންތެރިކަން ވަރުގަދަކުރުން ކަމަށެވެ. އަދި ހަނގުރާމަތައް ކާމިޔާބު ކުރަން އާ އުކުޅުތައް އީޖާދު ކުރުން ކަމަށެވެ.