ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޖެހުން މަޑުޖައްސާލަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފި އެވެ. އެފްޑީއޭއިން މި އަމުރު ނެރުނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުމުން ލޭ ގަނޑުވާ ކަމަށް ބުނެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިން ފުރިހަމަކުރަން ޖަހަން ޖެހެނީ ވެސް އެއްޑޯޒެވެ.
ސެންޓާސް ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު މަސައްކަތް ކުރަނީ އެޑްވައިޒަރީ ކޮމިޓީ އޮން އިމިއުނައިޒޭޝަން ޕްރެކްޓިސަސް (އޭސީއައިޕީ) ގެ ބައްދަލުވުމެއް ބޭއްވުމަށެވެ. ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިނާ މެދު އަމަލު ކުރާނެ ގޮތް މި ބައްދަލުވުމުގައި ނިންމާނެ ކަމަށް އެފްޑީއޭއިން ބުނެ އެވެ.
އެފްޑީއޭއިން ބުނީ ބައްދަލު ވުމުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެފްޑީއޭގެ ސައިންސްވެރިން ވެސް ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިން ތަހުލީލް ކުރާނެ ކަމަށެވެ.
"ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިނާ މެދު މިހާރު ހުރި ކަންބޮޑުވުންތައް ވަކި ގޮތަކަށް ނިމެންދެެން ވެކްސިން ޖެހުން މަޑުކޮށްލަން އަންގަން،" އެފްޑިއޭގެ ބަޔާނުގައި ބުނެފައި ވެއެވެ. އެފްޑީއޭއިން ބުނީ ފިޔަވަޅު އަޅަން ޖެހުނީ އާންމުންގެ ސިއްހަތާ ގުޅިފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަށް ވެސް ހަމަ މި މައްސަލަ ވަނީ ދިމާވެފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގައި މި ވެކްސިން ދިނުން ވަނީ ހުއްޓުވާފަ އެވެ. ދުނިޔޭގެ އެހެން ގައުުތަކުން ވެސް އެސްޓްރަޒެނެކާ ވެކްސިންގައި މައްސަލަ އުޅޭ ކަމަށް ވަނީ ބުނެފަ އެވެ. އެސްޓްރަޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވެ ލޮލަށް ލޭ އަރާ މައްސަލައާ ބެހޭ ގޮތުން އަންނަނީ ބަހުސް ކުރެވެމުންނެވެ.