މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށައިފި އެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ގައިދީންނަށް ވެކްސިން ދޭން ފެށީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ވެކްސިން ދޭން ފެށީ މާލެ ޖަލާއި ހުޅުމާލެ ޖަލުގައި ތިބޭ ގައިދީންނަށެވެ.
"މާލެ ޖަލާއި ހުޅުމާލެ ޖަލުގައި ތިބި އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީ މިހާރު ވަނީ ނިންމާލާފައި،" އޮފިޝަލް ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެ ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ދަމަނަވެށީގައި މަސައްކަތް ކުރައްވާ ސިއްހީ އެހީތެރިންގެ އެހީތެރިކަމާ އެކު އެވެ.
ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވީ މާފުށި ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދޭން ފަށާނީ މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. އެންމެ ގިނަ ގައިދީން ބަންދުކޮށްފައި ތިބޭ މާފުށި ޖަލުގެ ގައިދީންނަށް ވެކްސިން ދޭން ނިންމާފައިވަނީ މާފުށި ސިއްހީ މަރުކަޒާ ގުޅިގެންނެވެ.
ހިންމަފުށި އައްސޭރި ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދެވޭނެ ދުވަހެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އައްސޭރި ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދިނުމަށް ހަމަޖައްސާފައިވަނީ ހިންމަފުށި ސިއްހީ މަރުކަޒާ ގުޅިގެންނެވެ.
"ގައިދީންގެ ތެރެއިން ވެކްސިން ޖެހުމަށް އެއްބަސްވާ ގައިދީންނަށް އަޅުގަނޑުމެން ވެކްސިން ޖަހައިދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ.
ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިނާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ.