ހަސަން ލަތީފް

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު އެބައޮތް: އެމްޑީޕީ

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެމްޑީޕީގެ އިތުބާރު އެބައޮތް ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން ފާހަގަކުރެވޭ ބައެއް މައްސަލަތައް އީސީ އަށް ހުށަހެޅުމަށްފަހު އެމްޑީޕީގެ ފަރާތުން މިއަދު ވަނީ ނޫސްވެރިނާ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އަދި މިހާތަނަށް އިސީގެ ފަރާތުން ގާނޫނާ ހިލާފު އަމަލެއް ހިންގި މަންޒަރު ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އީސީގެ ފަރާތުން އެފަދަ އަމަލެއް ނުފެންނަހާ ހިނދަކު އެޕާޓީގެ އިތުބާރު އީސީ އަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރަންވީ ސަބަބަބެއް އަދިއެއް ނެތް. އަޅުގަނޑުމެންނަކަށް އަދިއެއް ނުފެނޭ އިލެކްޝަންސް ކޮމިޝަނަކުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރާ ތަނެއް. އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މިސާލަކަށް ވޯޓު ކަރުދާސް ބާތިލްވީ ގޮތް ބަލައިދޭން އެދުނީމާ ދެން އެއީ އެބޭފުޅުން ބައްލަވައިދޭން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީން އީސީ އަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތުތަކަށް ވެސް ހަސަން ލަތީފް ވަނީ ޖަވާބު ދެއްވާފަ އެވެ. ވިދާޅުވީ އެމްޑީޕީން އެއްވެސް އިރެއްގައި އީސީއަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި އަދި ނުވެސް ފޯރުވާނެ ކަމަށެވެ.

"މިއައީ ޝަކުވާ ހުށަހަޅާފައި. އައިސް އެންމެ ފުރަތަމަ ވެސް މި ބައްދަލުކުރީ ތިބޭފުޅުންނާ [ނޫސްވެރިންނާ]. ބައްދަލުކޮށް އަޅުގަނޑުމެން ހުށަހެޅި ޝަކުވާތަކުގެ މައުލޫމާތު މިދެނީ. އެމްޑީޕީގެ އެއްވެސް ނުފޫޒެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯންނާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ވަނީ ހަ ފޮއްޓެއް އަލުން ގުނައިދިނުމަށް އެދި އީސީ އަށް ހުށަހަޅާފަ އެވެ. އެ ޕާޓީން މާލެ ސިޓީގެ ހަ ފޮއްޓެއް އަލުން ގުނަން އެދުނީ އާދަޔާ ހިލާފަށް ބާތިލް ވޯޓު ހުރުމުން ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. ބާތިލް ވޯޓުގެ އަދަދު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އިތުރު ކަން ވަނީ ފާހަގަކުރެވިފަ އެވެ.