ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ގިނަ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ މިއަދު އިއުލާނު ކުރާނެ

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ އިއުލާނު ކުރަން ފަށާފައިވާއިރު ގިނަ ދާއިރާއެއްގެ ވަގުތީ ނަތީޖާ މިއަދު އިއުލާނުކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން އެކި ފަހަރު މަތިން ކޮމިޝަނުން ވަނީ މަަސައްކަތް ކޮށްފައެވެ. އެގޮތުން އާދިއްތަ ދުވަހު ހަވީރު އަދި ހޯމަ ދުވަހުގެ ރޭވެސް ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށަން މަސައްކަތް ކުރިއެެވެ. އެކަން ނުވެ އޮތީ އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ހުރުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ އިއުލާނު ކުރަން ފަށާފައިވާއިރު ގިނަ ދާއިރާއެއްގެ ވަގުތީ ނަތީޖާ މިއަދު އިއުލާނުކޮށް ނިމޭނެ ކަމަށެވެ.

ކޮމިޝަނުން ވަނީ 18 ފޮއްޓެއް އަލުން ގުނަން ނިންމާފައެވެ. އެއީ ނަތީޖާ ޝީޓްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުމުންނެވެ.

މީގެ އިތުރުން އެމްޑީޕީން މިއަދު ވަނީ ހަ ވޯޓް ފޮއްޓެއް ގުނަން ހުށައަޅާފައެވެ. އެއީ ޕާޓީން ބުނީ އަލުން ވޯޓް ފޮށިތައް ގުނައިފިނަމަ މާލެ އާއި އައްޑޫ ސިޓީން އިތުރު ގޮނޑިތަކެއް ލިބޭނެ ކަމަށެވެ.

މިދިޔަ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑު ނާކާމިޔާބެއް ލިބުނީ މާލޭ ސިޓީންނެވެ. މާލޭސިޓީއަށް އިދިކޮޅު ކޯލިޝަނުން ކުރިމަތިލި 14 ކެންޑިޑޭޓުންވެސް އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯދާފައިވާކަން މިހާތަނަށް އާންމުކުރި ނަތީޖާތަކުން ވަނީ ހާމަވެފައެވެ. މާލޭގެ މޭޔަރު ކަމަށް އިންތިހާބުވީވެސް އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒު އެވެ.
އަައްޑޫ ސިޓީ ކައުންސިލްގެ ސާފު މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. ނަމަވެސް މުޅި އިންތިހާބުން އެމްޑީޕީން ހޯދި ކާމިޔާބު ރަނގަޅެވެ.