ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ހަ ވޯޓު ފޮއްޓެެއް އަލުން ގުނައިދިނުމަށް އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ހަ ފޮއްޓެއް އަލުން ގުނައިދިނުމަށް މިއަދު ހުށަހަޅާފައި ވަނީ އާދަޔާ ހިލާފަށް ބާތިލް ވޯޓުތައް ގިނަވެފައި ވާތީ ކަމަށެވެ. މީގެ ކުރީގެ ކައުންސިލް އިންތިހާބުތަކާ އަޅާ ބަލާއިރު މިފަހަރު ބައެއް ދާއިރާތަކުގެ ބާތިލް ވޯޓު 100 އިން މަތީގައި ހުރި ކަން ހަސަން ވަނީ ފާހަގަކުރައްވާފަ އެވެ.
ހަސަން ވިދާޅުވީ ވޯޓު ކަރުދާސް ބާތިލް ކުރުމުގައި އީސީ އިން ތަފާތު ގޮތްތަކެއް ގެންގުޅެފައިވާ ކަމަށެވެ. އެގޮތުން މޭޔަރު ވޯޓުގެ އެއް ބޭފުޅަކަށް ފާހަގަ ޖެހުމަށްފަހު ކައުންސިލަރުންގެ ގޮޅީގައި އެއްވެސް ފާހަގައެއް ނުޖެހުމުން މުޅި ވޯޓު ކަރުދާސް ބާތިލް ކަމަށް ނުބަލާ، އެއް ކަރުދާހުގައި ތަފާތު ވޯޓު ހުންނައިރު ވަކި ވޯޓެއްގައި ނުރަނގަޅު ފާހަގައެެއް ލުމުން މުޅި ކަރުދާސް ބާތިލް ކޮށްލާފައި އެބަހުރި ކަމަށެވެ.
އިތުރު މިސާލަކަށް ވިދާޅުވީ ބައެއް ގޮޅި ގޮޅީގައި ކުރަހާފައި ހުންނަ ކަމަށާއި ކައުންސިލަރުންނަށް ރަގަޅަށް ވޯޓު ދިނުމަށްފަހު މޭޔަރު ގޮޅީގައި ކުރަހާފައި އެބަހުރި ކަމަށެވެ. އެގޮތަށް ހުންނަ ވޯޓުގެ މުޅި ކަރުދާސް ބާތިލް ކޮށްފައި އެބަހުރި ކަމަށް ފާހަގަކުރެއްވި އެވެ.
"...އޭގެ މާނައަކީ މޭޔަރު ގޮޅީގައި ކުރެހުމުން ކައުންސިލަރުންގެ ވޯޓަށް އަސަރު އެބަ ކުރެޔޭ. ބަތީލް ވޯޓު ބެލުމުގައި އެކި ގޮތްގޮތަށް އެބަހުއްޓޭ އިލެކްޝަންސް ކޮމިޝަނުން ނިންމާފަ. މިދެންނެވި ޝަކުވާތައް ހުރުމުން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން މި އެދުނީ ހަ ފޮށި އަލުން ގުނައިދިނުމަށް." ހަސަން ލަތީފް ވިދާޅުވި އެވެ.
އެމްޑީޕީ އިން އަލުން ގުނައިދިނުމަށް އެދުނު ފޮށިތައް
- ޓީ ތިނެއް - މެދު ހެންވޭރު ދާއިރާ: 82 ބާތިލް ވޯޓު
- ޓީ ހަތަރެއް - ހެންވޭރު ދެކުނު ދާއިރާ: 93 ބާތިލް ވޯޓު
- ޓީ ފަހެއް - ހެންވޭރު ހުޅަނގު ދާއިރާ: 103 ބާތިލް ވޯޓު
- ޓީ 10 - މައްޗަންގޮޅި އުތުރު ދާއިރާ: 69 ބާތިލް ވޯޓު
- ޓީ 14 - މާފަންނު އުތުރު ދާއިރާ: 181 ބާތިލް ވޯޓު
- ޓީ 16 - މާފަންނު ހުޅަނގު ދާއިރާ: 124 ބާތިލް ވޯޓު