ބޮލީވުޑް

އާމިރު އާއި އަރާރުންވި ކަމަށް ބުނާ ވާހަކަ ސަލްމާން ދޮގުކޮށްފި

Nov 6, 2015

ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާން، އާމިރް ޚާން އަދި ސަލްމާން ޚާންގެ ދެމެދުގައި ދޭތެރެ ދޭތެރެއިން މައްސަލަޖެހި، ތިން ޚާނުން ހާޖާނު ހިންގާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.

ގިނަ ދުވަސްތަކެއް ވަންދެން މިތިން ތަރިންގެ މެދުގައި ރުޅިވެރިން އުފެދިފައި އޮތުމަށްފަހު، ދާދިފަހުން މިތިން ޚާނުންގެ މެދުގައި އަނެއްކާވެސް ވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފަ އެވެ.

އެހެން ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ސަލްމާން ޚާނާއި އާމިރް ޚާންގެ އެކުވެރިކަމަށް ބުރޫ އަރައި، މިދެތަރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

މިދެތަރިންގެ ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން އެއްފަރާތް ކުރުމަށްފަހު، އަލުން ގާތް އެކުވެރިންނަށްވީތާ ދުވަސްކޮޅެއްގެ ތެރޭގައި އަރާރުންވެ، ދެމީހުންގެ ދެމެދުގައި ނުތަނަވަސްކަން ވެރިވާން ފެށީ މިދެތަރިން "ޑާންގާލް" އާއި "ސުލްތާން" ކުޅެން ސޮއިކުރި ހިސާބުންނެވެ.

މިދެފިލްމަކީ ވެސް ރެސްލިންގެ މައްޗަށް އުފައްދާ ފިލްމަކަށް ވުމުގެ އިތުރުން ދެފިލްމު ވެސް ރިލީޒްކުރާނީ އަންނަ އަހަރު އެވެ. އެގޮތުން ސަލްމާންގެ ފިލްމު ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އާމިރްގެ ފިލްމު ރިލީޒްކުރާނީ އަހަރުގެ ފަހުކޮޅު އެވެ.

އާމިރް "ޑަންގާލް" ކުޅެން ތައްޔާރުވި ހިސާބުން ފެށިގެން މިދެތަރިންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުވެ، ޒުވާބުތައް ހިނގާފައިވާ ކަމަށްވާއިރު، މިފަހުން އާމިރް ބޭއްވި ޕާޓީއެއްގައި ސަލްމާންގެ އެންމެފަހުން ރިލީޒްވި ފިލްމު "ބަޖްރަންގީ ބައިޖާން" އަށް އިންތިހާއަށް ތައުރީފުކޮށް، ސަލްމާން ކުޅެފައިވާ ބައެއް ފިލްމުތަކަށް ވަނީ ފާޑުކިޔާފަ އެވެ.

އެގޮތުން އާމިރް ސަލްމާން ކުރެން ކެރިއަރުގެ ކުރީކޮޅު މިފަދަ މޮޅު ފިލްމު ކުޅުނު މިއަދު ތަންކޮޅެއް ބޮޑަށް ކާމިޔާބުވީސް ކަމަށް ބުނުމުން އެވާހަތަކާއި ސަލްމާން ގަޔާނުވެ ރުޅިގަދަވެ، ހަޅޭލަވަމުން ޕާޓިން ނިކުމެގެން ދިޔަ ކަމަށް ބުނެ ނޫސްތަކުގެ ފަލަ ސުރުހީއަށް މިވާހަތައް ވަނީ އަރާފަ އެވެ.

މިކަމެއް ހިނގިތާ މިހާރު އެތަކެއް ދުވަހެއްވެފައިވާއިރު، ސަލްމާން ވަނީ އޭނާ އާއި އާމިރްއާ ދެމެދު އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ނޫސްތަކުގައި ކޮންމެ ފަދަ ވާހަކަތަކެއްވެސް ލިޔެފާނެ ކަމަށް ބުނެފަ އެވެ.

އާމިރް އާއި ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ބުނެ ވާހަކަ ދައްކަމުން ސަލްމާން ވަނީ އެދެމީހުން ވެސް ކުޅެނީ ހަރްޔަންވީ އަށް ނިސްބަތްވާ ރެސްލިންތަޅާ މީހެއްގެ ރޯލު ކަމަށް ވިޔަސް ދެފިލްމުގެ ވާހަކަ މުޅިން ތަފާތު ކަމަށެވެ.

"ޑަންގާލް" އަކީ ބައްޕަ އަކާއި އޭނާގެ ދެއަންހެންދަރިންގެ ކާމިޔާބު ރެސްލިން ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް. އަހަރެންގެ ފިލްމު "ސުލްތާން" އަކީ ލޯބީގެ ފިލްމެއް. ރެސްލިންތަޅާ މީހަކު އޭނާގެ ހަޔާތް އަނބުރާ ހޯދަން ކުރާ މަސައްކަތް ފެނިގެންދާނެ ފިލްމެއް" ދެފިލްމުގެ ވާހަކަ ތަފާތު ކަމަށް ބުނަމުން ސަލްމާން ބުނެފައިވެ އެވެ.

މިދެފިލްމު އަޅާކިޔައި މިހާރު ވެސް ތަފާތު އެކި ހަބަރުތައް ފަތުރަމުން އަންނާތީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސަލްމާން ވަނީ އޭނާ އާއި އާމިރް އެމީހުންގެ މަސައްކަތް ވަރަށް އިހްލާސްތެރިކަމާއެކު ކުރާނެ ކަމަށާއި އެމީހުންގެ ބޭނުމަކީ އަންނަ އަހަރު ބެލުންތެރިންނަށް ފެންވަރު ރަނގަޅު ދެފިލްމެއް ގެނެސްދިނުން ކަމަށެވެ.

ސަލްމާން އާއި ޝާހްރުކް އަދި އާމިރްގެ އެކުވެރިކަމުގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދީގެން އެވާހަކަތައް ދައްކާތީ ސަލްމާން ވަނީ އެތިން މީހުންގެ އެކުވެރިކަމުގެ ވާހަކައަށް ވުރެން ދެއްކުން މާ ރަނގަޅު ވާހަކަތައް އިންޑިއާގައި އެބަހުރި ކަމަށެވެ.

ސަލްމާން މިހާރު އަންނަނީ މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ އެންމެ ފަހުގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކުރަމުންނެވެ.