ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ނުކޮށް ބައެއް ވިޔަފާރިތަކުންނާއި ބައެއް ގޭބިސީތަކުން ވަގުތާއި ހާލަތުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެ ވެމްކޯ އިން އެކަން ކުށްވެރިކޮށްފަ އެވެ.
ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ. އެފަދަ ކުންޏަކީ ވެމްކޯ އިން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތި ކުނިކަން ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ވެމްކޯ އިން މާލޭގެ އިމާރާތްތަކުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް މިވަގުތު ފޯރުކޮށްދެމުން ދަނީ މާލޭގައި މިވަގުތު އޮތް ކޮވިޑް 19ގެ ކޮމިއުނިޓީ ސްޕްރެޑާ ގުޅިގެން ހިދުމަތް ހޯދާ އެންމެންގެ ރައްކާތެރިކަމަށް ބެލުމަށްފަހު ކަމަށެވެ.
"ކަންމިހެން ހުރުމާއި އެކު ވެސް މިދެންނެވުނު ހާއްސަ އުސޫލުގެ ނާޖާއިޒު ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާ ކަން މިކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި މިފަދަ އަމަލަކީ މިކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ވެމްކޯގެ ބަޔާނުގައި ވަނީ ރޯދަ މަހު އަޅުކަމުގައި ތިބޭއިރު ގޭބިސީތަކުން ދައްކަންޖެހޭ އުޖޫރަ ދެއްކުމަށް ވެސް ހަނދާންކޮށްދީފަ އެވެ. އަދި ހިދުމަތް ހޯދުމަށް ރަޖިސްޓްރީވުމަށާއި ބަރާބަށް ފީ ދެއްކުމަށް ވެސް ހަނދާންކޮށްދީފައިވެ އެވެ.
ވެމްކޯ އިން ބުނީ ރަމަޟާން މަހަކީ އާންމު މަސް ތަކާއި ހިލާފަށް ކުނި ގިނަވާ މަހަކަށް ވާތީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ރޯދަ މަހު ކުނި ނަގާނީ ރޭގަނޑު 10:00 އިން 11:00 އަށް ކަމަށެވެ. ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ހާއްސަކޮށްގެން ވެމްކޯ އިން "ކެޕްސް"ގެ ނަމުގައި ފޯރުކޮށްދޭ ޕިކަޕް ހިދުމަތް ވެސް އިތުރު ފުރިހަަމަކަމަކާއި އެކު ހަފްތާގެ ކޮންމެ ދުވަހަކު ލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
"ވީމާ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ އިސްވެ ބަޔާން ކުރެވުނު ކަންކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.