ވެމްކޯ

މާލެ ސަރަހައްދުގައި ވެމްކޯ އިން ނަގާ ގޭޓްފީ ކުޑަކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގައި ޓްރާންސްފާ ސްޓޭޝަންތަކަށް ނަގާ ގޭޓްފީ ކުޑަކޮށްފި އެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ 750 ރުފިޔާ އެވެ.

ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150 ރުފިޔާގެ ގޭޓް ފީ ވެސް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށް ވެމްކޯ އިން ބުނެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލާފައިވާ ކަމަށްވެސް ވެމްކޯ އިން ބުނެފައިވެ އެވެ.