ޅ. ނައިފަރުން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ނައިފަރުން ޕޮޒިޓިވްވީ ރ. އުނގޫފާރު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ މީހެކެވެ. އެއާ ގުޅިގެން އެޗްޕީއޭ އިން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އެރަށުގައި ކޮވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރުނުތާ މަހެއްވާއިރު އަދިވެސް ރަށުގެ ހާލަތު ރަގަޅު ނޫވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވެ އެވެ.
ޖައުފަރު ވިދާޅުވީ ރޯދަމަސް ފެށުމާއެކީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް އުވައިލައިފައިވާ ކަމަށެވެ. ނަމަވެސް ރަށުތެރެއަށް މީހުން ނުކުމެ ނޫޅޭ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކަށް ރަށުގެ ރައްޔިތުން އަހުލުވެރި ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
"މާސްކް އަޅައިގެން ބޭރަށް ނިކުންނަނީ. ރަށުގެ މީހުން މިހާރު ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަހުލުވެރިވެފައި. ފިޔަވަޅުތައް އުވައިލި ނަމަވެސް ހަމަ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަނީ" ޖައުފަރު ވިދާޅުވި އެވެ.
އަތޮޅު ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް ނައިފަރުން ޖުމްލަ 224 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 128 މީހުންނެވެ. 95 މީހަކު މިހާތަނަށް ވަނީ ބަލިން ރަގަޅު ވެފަ އެވެ.
ޖައުފަރު ވިދާޅުވީ މިވަގުތު ރަށުން ޕޮޒިޓިވް ވަނީ ކަރަންޓީނުގައި ތިބޭ މީހުނާއި ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ތިބި މީހުން ކަމަށެވެ. ރެންޑަމް ސާމްޕަލް ނެގުން މިވަގުތު ހުއްޓިފައިވީ ނަމަވެސް ރޯދަމަހުގެ މެދެއްހާ ހިސާބުގައި އަލުން ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށެވެ.
ނައިފަރުން މިހާތަނަށް ޖުމްލަ 2206 ސާމްޕަލް ވަނީ ނަގާފަ އެވެ. ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި ނައިފަރުގެ ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
އެޗްއީއޯސީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް އެ ރަށުން 258 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ އަދަދަކީ އެރަށު ކްލަސްޓާ އާއި ގުޅުންހުރި އެހެން ރަށްރަށު މީހުން ލައިގެން ގުނާފައިވާ އަދަދެކެވެ.
ރޯދަމަސް އައިއިރު އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ރަށު ރައްޔިތުންނަށް މުދާ ލިބުމުގައި އެއްވެސް ދައްޗެއް ނާންނާނެ ކަމަށް އެރަށުގެ ވިޔަފާރިވެރިން ބުނެ އެވެ.