ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ދެ ޑޯޒާއެކު އަންނަ ޓޫރިސްޓުންނަށް ލުއި ދެނީ

Apr 16, 2021

ކޮވިޑް-19 އިން ރައްކާތެރިވަން ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި އަންނަ ޓޫރިސްޓުންނަށް އެއްކޮށް ލުއި ދޭން ނިންމައިިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އުސޫލުގައިވާ ގޮތުން ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖެ އިން ބޭރުން އަންނަ މީހުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ދެ ހަފްތާވެފައިވާ ނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަރަންޓީންވާކަށް ވެސް ނުޖެހޭނެ އެވެ. މި އުސޫލަން އަމަލު ކުރަން ފަށަނީ މިމަހުގެ 20 އިން ފެށިގެންނެވެ.

ނަމަވެސް މި އުސޫލު މިގޮތަށް އޮތް ނަމަވެސް ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތް ކުރާ މީހުނާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން އަދި ސުކޫލުތަކުގައި މަސައްކަތް ކުރާ މީހުން އަދި
ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން މިހާރު ވެސް އޮންނަ އުސޫލުން ޕީސީއާރު ނެގެޓިވްއެއް ޓެސްޓެއް ބޭނުންވާނެ އެވެ.

ކޮވިޑް-19 ގެ ބަލި ރާއްޖޭގައި ފެނުމާއެކު ބޯޑަރު ބަންދުކޮށް އަލުން ޖުލައި 15 ގައި ހުޅުވިފަހުން ރާއްޖެއަށް ޓޫރިސްޓުން އައުމުގެ 72 ގަޑިއިރު ކުރީގެ ޕީސީއާރު ނެގެޓިވްއެއް ގެންނަން ޖެހެ އެވެ. ރާއްޖޭގެ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރުން މަތިވީނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުން މި ބައްޔަށް ޕޮޒިޓިވްވާ ނިސްމަތް ދަށެވެ. މިހާރު ޓޫރިސްޓުންގެ ޕޮޒިޓިވް ރޭޓް އުޅެނީ 0.25 ޕަސެންޓުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް އައިސްފައިވަނީ 345،261 މީހުންނެވެ. އަދި މިދިޔަ އަހަރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން މީހުން ގެނައުމެވެ.