ވާހަކަ

ވޭންތަކުން ދިން

(12 އޭޕްރިލް 2021 އާ ގުޅޭ)

ނާއިކު ވަރަށް އަވަހަށް ކާގެއަށް ވަދެ، ފެން ތަށްޓެއް އަޅައިގެން އައިސް އައިޝާގެ އަތަށް ދިއްކޮށްލިއެވެ.

"އާޝާ.. ފެން ފޮދެއް ބޯލާ!" ނާއިކު ހައިރާންކަން މަތީ ބަލަން ހުރީ އައިޝާގެ މޫނަށެވެ. ނާއިކު އުއްމީދުކޮށްގެން ހުރީ އޭނާގެ ލޯކުރިމަތިން ފެންނަމުން ދަނީ އުފާވެރި ކަމެއްގެ ކުލަވަރު ކަމަށެވެ. އަނގަ އާއި މޫނު ދޮވެލަމުން އައިޝާ ފެން ފޮދެއް ބޮއިލިއެވެ.

"ނާއިކު.. އަހަންނަށް ހީވަނީ އަހަރެން ބަނޑު ބޮޑުހެން.." އައިޝާގެ ދުލުން ބޭރުވި ބަސްތައް ނާއިކުގެ ކަންފަތުގައި ޖެހުމާ އެކު އޭނާއަށް އުފަލުން ހިނިތުންވެވުނެވެ.

"ކީކޭ؟ ބަނޑު ބޮޑުހެންނެޭ.." ނާއިކަށް ލިބުނު އުފަލާ އެކު، އޭނާ ގޮސް އައިޝާ އުރައިލިއެވެ.

"ގަމީސް ރޫޖެހި ދާނެ." އައިޝާ އެހެން ބުނެލީ ނާއިކަށް ބަލައިލަމުންނެވެ. ނާއިކު ވަރަށް ލޯބިން އައިޝާ ކޮޅަށް ބަހައްޓަމުން، އޭނާގެ މަންމަ އާއި ބައްޕައަށް ގޮވަން ފެށީ އެ އުފާވެރި ޚަބަރު ދޭށެވެ.

"އަސްލުތަ؟ ހާދަ އުފާވެއްޖޭ! އަލްޙަމްދުﷲ.. ދަރިފުޅު ދޭ އޮފީހަށް. މަންމަމެން ދާނަން އައިޝާ ގޮވައިގެން ހޮސްޕިޓަލަށް.. ޓެސްޓު ހަދަން.." ހުރިހާ ދަތްތަކެއް ދިއްލައިގެން ނަފީސާ ހެވި ދިލިފައި ހުރެ ބުނެލިއެވެ.

"ނޫން މަންމާ.. އަހަންނަށް ހެޔޮ ގަޑި ޖެހުނަސް... އަހަރެން ވެސް ބޭނުން އާޝާއާ އެކު ދާން.." ނާއިކު ދަރިއަކު ބޭނުން ވެފައި ހުރިލެއް ބޮޑުކަން އޭނާއަށް ބަލައިލި ކޮންމެ މީހަކަށް ވެސް ޔަޤިން ވާނެއެވެ.

***

ކޮޓަރީގެ ދޮރު ތަޅުލުމާ އެކު، ޖަންނަތުގެ ބަޑި ފަޅައިގެން ދިޔައެވެ. ޖަންނަތަށް ވަނީ ހަމަ ޙަޤީޤަތުގައި ވެސް ވަރަށް ފުން ހިތްދަތި އަސަރެއް ކުރުވާފައެވެ. ހިތް ފުރޭ ވަރަށް ރޯލަން މިއަދު ޖަންނަތު ބޭނުން ވެއެވެ. ފިރިމީހާ ޑިއުޓީ ގައި ކަމުން، މުޅި ކޮޓަރި ވަނީ ޖަންނަތުގެ ހިތާމަތަކަށް ޖާގަ ދީފައެވެ. ދިރިއުޅުމުގައި ޖަންނަތަށް މި ބަރުދާސްތު ކުރަން ޖެހުނީ އޭނާ ދުވަހަކު ވެސް ވިސްނައިގެން ހުރި ފަދަ ކަމަކާ އެއް ނޫނެވެ. މިވާހަކަތައް ދައްކާނެ މީހެއް، ޖަންނަތުގެ ނެތެވެ. މަންމަ ގާތު ބުނެފި ނަމަ، ޖަންނަތު ގެއިން ނެރެެލާނެއެވެ. ލަބީބަށް އެނގިއްޖެ ނަމަ، މުޅި ދުނިޔެއަށް ޖަންނަތު ވާނީ ފަޟީހަތެވެ. އުޅެވޭ ގޮތާ މެދު ނުވިސްނުމުގެ ހިތި ރަހަ، ޖަންނަތުގެ ކަރު ބުޑުގައި ފުރަތަމަ ފަހަރަށް ހަމަ ރަނގަޅަށް ވެސް ލައިފިއެވެ. ޖަންނަތު އެންމެ ދެރަވީ، ޒަހީންގެ ފަރާތުން އިވުނު ބަސްތަކުންނެވެ.

މި ވޭތުވެގެން ދިިޔަ 1 މަސް ތެރޭގައި ޖަންނަތާއި ޒަހީން އެކުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަ ކުރިއެވެ. ޒަހީނަށް ލިބޭ ކޮންމެ ހުސް ވަގުތެއް އޭނާ ހުސްކުރީ ޖަންނަތުގެ ފަރާތުން ވަގުތީ އަރާމާއި އުފާ ހޯދުމުގައެެވެ. އެ އުފާތަކުން ނުކުމެދާނެ ނަތީޖާއަކަށް އެދެމީހުން ވެސް ނުވިސްނައެވެ. ދެލޮލުން ކަރުނަ ފޮހެލަމުން، ޖަންނަތު އަނެއްކާ ވެސް ގެއިން ނުކުމެގެން ޒަހީންގެ ގާތަށް ދިޔުމަށް ނިންމިއެވެ. ޒަހީން ކޮންމެ އެއްޗެއް ބުންޏަސް ޖަންނަތަށް ވަރިހަމައެވެ. ޖަންނަތު ބޭނުން ވަނީ ޒަހީންގެ ގާތަށް ގޮސް ރޮއި އާދޭސް ކުރާށެވެ. ސަލާން ޖަހާށެވެ.

***

"މަރުޙަބާ.. އައިޝާ ބަނޑު ބޮޑު.." ޑޮކްޓަރު ރިޕޯޓު ދިއްކޮށްލުމާ އެކު އައިޝާއަށް އުފަލުން ނާއިކުގެ ގައިގައި އޮޅުލައި ގަނެވުނެވެ. ނަފީސާއި ހާއިދު އުފަލުން ހެވިދިލިފައި، އައިޝާ އާއި ނާއިކުގެ ބުރަކަށީގައި ފިރުމަމުން ގެންދިޔައެވެ.

ނާއިކު ލަސްނުކޮށް އައިޝާ ބަނޑު ބޮޑު ޚަބަރު އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ދާއިންއަށް ދިނެވެ. ދާއިން ވެސް ނިކަން އުފާވެފައި ދަޢުވަތު ދިނީ ކޮފީއަކަށެވެ. "އިރުކޮޅަކުން ޑިއުޓީއަށް މިއަރަނީ.." ކަމަށް ބުނެ ނާއިކު ފޯނު ބޭއްވިއެވެ. އައިޝާ ވެސް އޭނާގެ މަންމަ ރަޝީދާއަށް ގުޅައި ލިބެން އުޅޭ ދެވަނަ މާމަ ދަރީގެ އުފާވެރި ޚަބަރު ދިނެވެ. ރަޝީދާގެ ބަރުވެފައިވާ ސިކުނޑިއަށް އެ ޚަބަރުން އުފާވެރިކަން ގެނުވިއެވެ. މާތްﷲއަށް ޚަމުދުކޮށް ރަޝީދާ ވެސް އޭނާގެ ދަރިފުޅުގެ އުފަލުގައި ބައިވެރިވިއެވެ.

***

"ޓޮއްޓޮއް.." ދޮރުގައި ޓަކި ދޭން ފެށި އަޑަށް ޒަހީން ވަރަށް އަވަސްކޮށް ދޮރު ހުޅުވައިލިއެވެ.

"ޖަންނަތު؟ އަނެއްކާ!" ޒަހީން ހިތްހަމަ ނުޖެހިފައި އަހައިލިއެވެ. ޖަންނަތު ބަލާކަށް ނުހުރެ ކޮޓަރިތެރެއަށް ދެމިގަތެވެ. އަދި ޒަހީންގެ އަތުގައި ހިފައިލިއެވެ.

"އާދޭސްކޮށްފަ މިބުނީ.. ހެޔޮނުވާނެ ތިހެން ނުހަދާ އަހަންނަށް.." ޖަންނަތު ރޮމުން ވާހަކަދައްކަން ފެށިިއެވެ.

"އަހަރެން ބުނެފަ އޮންނާނީ އަހަރެންގެ ނިންމުން.. އަހަންނަށް ނެތް ތިކަމާ ހަވާލުވެވޭކަށް.." ޒަހީން ވާހަކަދައްކަމުން ދިޔައީ ރުޅިވެރި ކަމާ އެކުގައެވެ.

"ތިހެން ނުބުނޭ.. ސަލާން ޖަހާފަ މިބުނީ.. އަހަރެން މި ލަދުން ސަލާމަތްކޮށްދީ.." ޒަހީންގެ ފައި ދަށަށް ޖަންނަތު ތިރިވިއެވެ.

"އަހަރެން ކިހިނެއް ޖަންނަތު ބުންޏަސް ޖަންނަތާ އިންނާނީ؟ ތީ އެހެން ނޫނަސް މީހެއްގެ އަންބެއް. ހަމަ ޑަމީ އެއްޗެއް ޖެއްސޭނެ ދޯ؟ އެހެނޭ ކިޔާފަ އަހަރެންނަށް ހަމަ ކުއްލިއަކަށް ޖަންނަތާ ކައިވެންޏެއް ނުކުރެވޭނެ ދޯ! އެކަން ސެންސް މޭކެއް ނުވެއެއްނު!" ޒަހީންގެ ވާހަކަތަކުން ޖަންނަތު ރުޅި އަންނާކަށް މާ ލަހެއް ނުވިއެވެ.

"ގޮތްކުޑަ މީހާ.. ކަލޭ ތީ ހާދަ ނުލަފާ މީހެކޭ.. ބަލަ އަހަރެންގެ ބަނޑުގަ މިއޮތީ ކަލޭގެ ނަޙަލާލު ދަރިއެކޭ.." ޖަންނަތު ދަތްކުނޑި ވިކައިލަމުން އެހެން ބުނެލި އިރު، އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.

"އަހަރެން ކައިރީ ފުއްޕަން ނުހަދާ، އަހަރެން ކުރިމަތިން ރައްކާވޭ! ކުރި ކަމެއް ކޮށްފަ އޮންނާނީ ކަލޭ ބޭނުން ވެގެން. ކަލޭ އެދިގެން. ކަލޭ ކިޔާ ވަރުން. ދެން ކޮންވާހަކައެއް ދައްކާކަށް؟" ޒަހީން ރުޅި އައިސްފައި ހިފައިލީ ޖަންނަތުގެ އަތުގައެވެ.

"އަދި ބުނަން! އަހަރެންގެ ނެތް ހަނދާނެއް، އަހަރެންނަށް ތިވަރުގެ ކަމެއް ކުރެވުނު ކަމެއް. ވެދާނެ ތީ ލަބީބުގެ ދަރިއެއް ކަމަށް ވެސް.. ނޫނީ އެހެން މީހެއް.." ޒަހީން އެހެން ބުނުމާ އެކު ޖަންނަތު އޭނާގެ އަތް ނެގީ ޒަހީންގެ މޫނުމަތީގައި ހޫނު ތަފާލެއް އެޅުމުގެ ބޭނުމުގައެވެ.

"ހެހެ! އަތް އިސްކޮށްފިއްޔާ އަހަރެންނަށް ވެސް ކުރެވޭނެ ކަންކަން އޮންނާނެ! ކަލޭ ދެން ވެސް ބަލާ، ކަލެއަށް މިކަމުން ސަލާމަތް ވެވޭނެ ގޮތެއް." ޖަންނަތު އިސްކުރި އަތުގައި ހިފައި ވާން ކޮށްލަމުން ޒަހީން ބުނެލިއެވެ. ލޮލުގެ ހިމަކޮޅުން ޒަހީނަށް ބަލައިލަމުން ޖަންނަތު އެ ކޮޓަރިން ނުކުތެވެ.

***

"ބްރޯ! ކައެ ވަރަށް އުފާވެފަ ދޯ؟" ދާއިން އިނީ ނާއިކަށް ޚާއްޞަކޮށްފައިވާ ކެބިންގައެވެ. ނާއިކު އުފަލުން ހުރެ ބޯޖަހައިލީ "އާނއެކޭ" ބުނަމުންނެވެ.

"ހެހެ! ދެން އެއްކަލަ ކަންތައް މަދު ވާނެ ދޯ؟" ދާއިން ހިނިގަނޑެއް ޖަހައިލަމުން އެ ސުވާލުކޮށްލީ ނާއިކު ހިންގާ އަންހެންކުދިންގެ ކުޅިވަރަށް އިޝާރަތް ކޮށްލަމުންނެވެ.

"ނޫން ބްރޯ! އެއީ މުޅިން އެހެން ކަމެއްނު؟ ބަސްޓެއް ނުވާނޭ ބްރޯ. ކައެ އެކަމާ ހާސް ނުވެބަލަ!" ނާއިކު ހަމަޖެހޭ ކަން ދައްކަމުން ބުނެލިއެވެ.

***

ރޭގަނޑުގެ 8 ޖަހާ ބޮޑުވި ފަހުން، ލަބީބު ޑިއުޓީ ނިންމައިގެން ގެއަަށް އައިސް ވަތް އިރު ލައިބާ އާާއި ރަޝީދާ އިނީ ސިޓިންގރޫމްގައެވެ.

"ޑެޑީ.." ލައިބާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ލަބީބުގެ ގައިގައި ބައްދައިގަތެވެ.

"ބައްޕިގެ ލައިބާ.. ކިހިނެއްތަ؟ ކޮބާ މަންމި؟" ލަބީބު ނިކަން ލޯބިން ލައިބާގެ ކޮލުގައި ހިފައިލަމުން އަހައިލިއެވެ.

"މަންމި ކޮޓަރީގަ." ލައިބާ އެހެން ބުނުމުން، ލަބީބު މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ލައިބާ ގޮސް އިށީީންނީ ސޯފާގައި، ރަޝީދާއާ ޖެހިގެންނެވެ.

ކޮޓަރީގެ ދޮރު ހުޅުވައިލުމާ އެކު، ލަބީބުގެ ދެލޯ ބޮޑުވިއެވެ. ހުރި ފިޔަވަޅު މަތީގައި ލަބީބަށް ހުއްޓުން އެރުނެވެ. ފެނުނު މަންޒަރަކީ ހުވަފެނެއް ބާއޭ، އޭނާގެ ހިތް އަހަން ފެށިއެވެ. އަނގަ ހުޅުވަން އުޅެފައި ވެސް، ލަބީބުގެ ދުލުގައި ހީވީ ގޮށެއް ޖެހުނުހެންނެވެ. ޖަންނަތާ އެކު ކައިވެނިކޮށްގެން މިއުޅުނެ އަހަރުތަކުގައި ވެސް ލަބީބަށް ފެނިފައި ނުވާ މަންޒަރެއް ފެނުމުން އޭނާ ހައިރާން ވީއެވެ.

ނަމާދަށް އިން ޖަންނަތު ސަލާމް ދިނުމަށްފަހު ބަަލައިލީ ލަބީބުގެ މޫނަށެވެ. އޭރު ވެސް ލަބީބު ހުރީ ޖެހި ބުދެއްހެން ފެންނަމުންދާ މަންޒަރު ޤަބޫލު ކުރަން ދަތިވެފައެވެ. (ނުނިމޭ)