ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 68 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެެއް ކަމަށެވެ. އޭނާ މަރުވީ ހެނދުނު 11:12 ގައެވެ. އެ މީހާ މަރުވީ ކޮވިޑް-19 ގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތަގެ 11 ވަނަ ފްލޯގައި ގާއިމުކޮށްފައިވާ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 68 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މަރުވީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ.

މިއީ މަހުގެ ފުރަތަމަ ކޮވިޑް މަރެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަަރުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެ ދުވަހު މަރުވީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.

މި އަހަރު ފެށުނީއްސުރެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހު ކޮވިޑްގެ ނަންބަރުތައް ދަނީ ދަށްވަމުންނެވެ. އިއްޔެ ޕޮޒިޓިވްވީ 95 މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 25،939 އަށް އަރާފަ އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،621 މީހުންނެވެ. މިހާތަނަށް 23،242 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 58 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.