ކްރިސްޓިއާނާ ރޮނާލްޑޯ

"އެންމެ މޮޅީ އަހަރެންކަން ޝައްކެއް ނެތް"

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަކީ އޭނާ ކަމަށް ޕޯޗުގަލް އާއި ރެއާލް މެޑްރިޑުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ބީބީސީ އަށް ދިން އިންޓަވިއުގައި 30 އަހަރުގެ ޕޯޗުގަލްގެ ކެޕްޓަން ބުނީ އެންމެ މޮޅު ކުޅުންތެރިއަކީ އޭނާކަން ތަފާސް ހިސާބުތަކުން ސާބިތުކޮށްދޭނެ ކަމަށެވެ.

"އަހަރެން ނުޖެހޭ ބުނާކަށް ފުޓްބޯޅައިގެ ތާރީހަކީ އަހަރެން ކަމަށް. އަހަންނަކީ ލެޖެންޑެކޭ. ހިސާބުތަކުން ހުރިހާ އެއްޗެއް ފެންނާނެ،" ކެރިއަރުގައި މިހާތަނަށް 760 މެޗު 504 ގޯލު ޖަހާދީފައިވާ ފޯވަޑް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 80 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވި ރޮނާލްޑޯ ބުނީ ފާއިތުވެދިޔަ އަށެއްކަ އަހަރު ތެރޭގައި އޭނާ އަށް ވަނީ ހީނުކުރާހާ ކުރިއަށް ދެވިފައި ކަމަށާއި މިހާރު ބޭނުންވަނީ ކުރިއަށްއޮތް ފަހެއް ނޫނީ ހައެއްކަ އަހަރު މި ފެންވަރުގައި ހިފަހައްޓާލަން ކަމަށެވެ.

"އިތުރަށް ކުރިއެރުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަރެން ބޭނުންވަނީ މި ފެންވަރުގައި ހިފަހައްޓާލަން. އެއީ އަހަރެން ދެކޭ ގޮތުގައި މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް އެންމެ އުނދަގުވާނެ ކަމަކީ،" 82 ގޯލު ޖަހައިގެން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ ބުންޏެވެ.

މެސީ އަށްވުރެ ވެސް މޮޅީ އަހަރެން

ރޮނާލްޑޯ ވަނީ މިހާތަނަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފަ އެވެ. އެއީ މެންޗެސްޓާގައި 2008ގައި އަދި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ރެއާލް މެޑްރިޑުގަ އެވެ. އޭނާ އަށްވުރެ ގިނައިން މި އެވޯޑް ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާ ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީ އެވެ. ކެރިއަރުގައި މިހާތަނަށް 492 މެޗުން 418 ގޯލު ޖަހާފައިވާ މެސީ ވަނީ ހަތަރު ފަހަރު އެވޯޑް ހޯދައިފަ އެވެ. ނަމަވެސް ރޮނާލްޑޯ ބުނީ މެސީ އަށްވުރެ މޮޅީ އޭނާ ކަމަށެވެ.

"އަހަރެން ވިސްނުމުގައި އަހަންނަކީ އަބަދުވެސް އެއްވަނަ. އަހަރެންގެ ފަރުވާލެއްނެތް އެހެން މީހުން ބުނާ އެއްޗަކާމެދު. އަހަރެން ދެކޭ ގޮތުގައި ވަކި މިއަހަރަކުނޫން ހުރިހާ އިރެއްގައި ވެސް އަހަރެން އެންމެ މޮޅީ. ދެން މެސީއާ ބެހޭ ގޮތުން ބުނާނަމަ އެއީ އޮޕްޝަނެއް. އަހަރެން އިހުތިރާމްކުރަން އެއޮފްޝަނަށް. ފަހަރެއްގައި ކަލެ އަށް އަހަންނަށްވުރެ މެސީ މޮޅުވެދާނެ. އެކަމަކު އަހަރެން ދެކޭގޮތުގައި މެސީ އަށްވުރެ އަހަރެން މޮޅު. މިއީ ވަރަށް ފަސޭހަކަމެއް،" ރޮނާލްޑޯ ބުންޏެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުމުން ދެރަވޭ

ރޮނާލްޑޯ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްދޭ ރަންބޯޅަ ނުވަތަ ބެލޮންޑީއޯ ނުލިބޭ ކޮންމެ ފަހަރަކު ވެސް އޭނާ ދެރަވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ދެރަވޭ ބެލޮންޑީއޯ އަހަންނަށް ނުލިބޭ ކޮންމެ ފަހަރަކު. މިއީ ހަގީގަތް. އަހަންނަކީ ފޭކް މީހެއްނޫން. އަހަރެން ދެރަވާކަން ފޮރުވާކަށް ބޭނުމެއްނޫން. އަހަރެން އެކަމާ ދެރަވަން،" ރޮނާލްޑޯ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އެވޯޑް ލިބުން އޮންނަނީ އޭނާގެ ބާރުގެ ދަށުގައި ނޫން ކަމަށާއި އެއީ ގިނަ ވޯޓުން ލިބޭ ކުޅުންތެރިޔާއަށް ލިބޭނެ އިނާމެއް ކަމަށެވެ.

"އަހަރެން އެކަމާ ޝަކުވާ ކުރަނީއެއްނޫން. އަހަރެން ތިން ފަހަރު ހޯދައިފިން އެވޯޑް. އަހަރެން ނުވިސްނަން އެންމެ ފަހަރަކު މި އެވޯޑް ހޯދާކަށް. ވީ އެންމެގިނައިން ހޯދަން ބޭނުންވަނީ. ތިން ފަހަރު ލިބިފައިވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އަހަންނަށް އިތުރަށް ބޮޑަށް ހިތްވަރުދީ މި އެވޯޑް ހޯދަން އިތުރަށް މަސައްކަތް ކުރަން. އަހަރެން އަދި ފުޓްބޯޅަ ކުޅެން ބައިވަރު އަހަރު އެބައޮތް،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ މެސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހުރުމަށް މެސީގެ ސަބަބުން އަބަދުވެސް އޭނާ އަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެދާނެތަ؟

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ޔުނައިޓެޑާ ރޮނާލްޑޯ ގުޅުނީ 12.2 މިލިއަން ޕައުންޑަށް 2003 ވަނަ އަހަރު އެވެ. އެކުލަބަށް ކުޅުނު 292 މެޗުގައި ރޮނާލްޑޯ ވަނީ 118 ގޯލު ޖަހާފަ އެވެ. އެއަށްފަހު ރެއާލް އަށް ކުޅެދިން 314 މެޗުގައި 326ޖެހި ކުޅުންތެރިޔާ ބުނީ މެންޗެސްޓާ ޔުނައިޓެޑް ދުނިޔޭގެ ފެންވަރުގައި ވާދަނުކުރާތީ ދެރަވާ ކަމަށެވެ.

"އަހަންނަށް މެންޗެސްޓާ ކުރީގެ ފެންވަރުގައި ނެތްތަން ބަލަން ވަރަށް އުނދަގޫ. ސަބަބަކީ އެއީ އަހަރެން ލޯބިވާ ކުލަބަކަށްވާތީވެ. އަހަރެން ބޭނުން މެންޗެސްޓާ އެންމެ މަތީ ފަންތީގައި ވާދަކުރާތަން ބަލަން. އަހަރެން ކުޅުނުއިރު މެންޗެސްޓާ އޮތް ފެންވަރަށް އަންނަން އެމީހުން އަދި މަސައްކަތްކުރަން ޖެހޭ. މި ސީޒަނުގައި މެންޗެސްޓާ ގޯހެއްނޫން،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން މީގެ ކުރިން އެތައް ފަހަރަކު ބުނެފައިވާނެ ފަދައިން އެއްވެސް މީހަކަށް ކުރިމަގުގައި ވާނެގޮތެއް ނޭނގޭނެ. މިވަގުތު އަހަރެން މިހުރީ މެޑްރިޑުގައި ވަރަށް އުފަލުން. ތި ސުވާލަށް ބުނަންޖެހޭނީ ކުރިމަގުގައި ވާނެ ގޮތް ނޭނގޭނެއޭ،" ރޮނާލްޑޯ ބުންޏެވެ.

މޮރީނިއޯ އަށް ކާމިޔާބީ ލިބުމަށް އެދެން

ރޮނާލްޑޯ ބުނީ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އަކީ އޭނާ ފަދައިން ޕޯޗުގަލް މީހެއް ކަމަށާއި މިހެންވުމާއެކު ވެސް މޮރީނިއޯ އަށް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.

"ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެދާނެ. އަހަރެން (ޗެލްސީ މިހާރުގެ ނަތީޖާތަކާމެދު) ހައިރާނެއްނުވަން. އޭނާ އަކީ އަހަންނާއެކު ދެ އަހަރު މަސައްކަތްކުރި އަހަރެންގެ ކޯޗެއް. އަހަރެން ޕޯޗުގަލް މީހެއް. އޭނާ އަށް ކާމިޔާބު ލިބުމަށް އަހަރެން އެދެން. އޭނާ އަކީ ޗެލްސީ ރަނގަޅު ހިސާބަކަށް ގެންދެވޭނެ ކޯޗެއް. އެހުރިހާ ކޮލިޓީއެއް ހުރި މީހެއް. އަހަރެން އެދެނީ މި އުނދަގޫ ވަގުތުން އަހަރައިގަނެ އޭނާ އަށް ކާމިޔާބު ލިބުން،" ރޮނާލްޑޯ ބުންޏެވެ.