ލަންކާ ޕާލަމެންޓް މެމްބަރު ވިޖަޔަދާސާ ރާޖަޕަކްސެ އަށް ރައީސް ގޮތަބަޔާ ރަޖަޕަކްސާ ފޯނު ކުރައްވައި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި މުޚާތަބުކުރެއްވި ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ. އެމްޕީ ވިޖަޔަދާސާ ވިދާޅުވީ ރައީސް އެބީދައިން ވާހަކަފުޅު ދައްކަވާނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރައްވާ ކަމަށެވެ. އެމްޕީ ވިދާޅުވީ އެއީ ހަގީގަތް ހާމަކުރައްވާތީ ބިރު ދައްކަވަން ކުރެއްވި ކަމެއް ކަމަށެވެ.
އެމްޕީ ވިޖަޔަދާސާ ނޫސްވެރިންނަށް ވިދާޅުވީ ޕޯޓް ސީޓީއާބެހޭ ގޮތުން އޭނާ ކުރީ ދުވަހަކު ދެއްކެވި ވާހަކަތަކާ މެދު ރައީސް ހިތްޕުޅު ހަމަޖެހި ވަޑައިނުގަތީ ކަމަށެވެ. އޭނާ ވިދާޅުވީ ކޮލޮމްބޯގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލް" އާ ބެހޭ ގޮތުން ދެތިން އެއްޗެއް އޭނާ ވިދާޅުވި ކަމަށެވެ. ބިލާބެހޭ ގޮތުން އޭނާ އެ ދުވަހު ވިދާޅުވީ އަވަސް އަރުވާލައިގެން ބިލް ފާސް ކުރަން ހަދައިގެން ގައުމިއްޔަތު ގެއްލިދާނެ ކަމަށެވެ.
ލަންކާގައި ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލް މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ދެކޮޅަށް ފާޑުކިޔާ މީހުން ބުނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްފި ނަމަ އެެއީ އަދުއްވުނަށް ފުރުސަތު ހުޅުވާލެވުނީ ކަމަށެވެ. އެއްކޮޅަށް ވާހަކަދައްކާ މީހުން ބުނަނީ މި ބިލްގެ ސަބަބުން ސިންގަޕޫރާ އެއްހަމައަކަށް ލަންކާ އުފުލޭނެ ކަމަށެވެ. ސަރުކާރުން ބުނަނީ ސްޕްރީމް ކޯޓުން ގޮތެއް ނިންމައިފި ނަމަ އެއީ ރަނގަޅު ގޮތް ކަމަށެވެ. ސަރުކާރުން މިހެން ބުނެފައި ވަނީ ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ސްޕްރީމް ކޯޓަށް ޕެޓިޝަންތަކެއް ހުށަހަޅަން އުޅޭ ކަމަށް ބުނެވޭ ދަނޑިވަޅެއްގަ އެވެ.
މިބިލަށް ފާޑުކިޔާ މީހުން ބުނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްފި ނަމަ ޕޯޓް ސިޓީ ވާނީ ޗައިނާގެ އިސްތިއުމާރީ ބާރަކަށް ކަމަށެވެ. އެތަނުގައި ވެރިކަން ކުރާނީ ޗައިނާއިން ކަމަށެވެ.
ވިޖަޔަދާސާ މިމޭރުމުން ނޫސްވެރިންނަށް މައުލޫމާތުދެއްވި ނަމަވެސް ފޯނުކޯލާ ބެހޭ އިތުރު މައުލޫމާތެއް ނުދެއްވަ އެވެ. އަދި އެއީ ހަގީގަތުގައި ވެސް އެކަން ހިނގި ގޮތްކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ވެސް ނުދައްކަވަ އެވެ. މިކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ބަހެއް ނުބުނެ އެވެ. ލަންކާ ނޫސްތަކުން ބުނަނީ ގުޅުން ހުރި ބަޔާނެއް ރައީސް އޮފީހުން ނެރުން ކައިރި ކަމަށެވެ.
އެމްޕީ ވިޖަޔަދާސާ ކޮލޮމްބޯގައި ނޫސްވެރިނާ ބައްދަލު ކުރައްވައި ބިލަށް ފާޑުވިދާޅުވަމުން ވިދާޅުވީ މިހާރު ބިލް އޮތް ގޮތުން ލަންކާ ޕޯޓް ސިޓީ މިނިވަން ދައުލަތަކަށް ޝަރުތުހަމަވާ ކަމަށެވެ. އެތަން ވާނީ ޗައިނާގެ އާބާދީއަކަށް ކަމަށެވެ. ގައުމުން ބޭރު މަހުޖަނުންނަށް އެތަނުން ބިން ގަނެ ވިއްކޭނެ ކަމަށެވެ.
ޕޯޓް ސިޓީގައި މުއާމަލާތް ކުރެވޭނީ ބޭރު ފައިސާއިން ކަމަށް ވިޖަޔަދާސާ ވިދާޅުވި އެވެ. ލަންކާ މީހުން އެތަނުން މުދަލާއި ތަކެތި ގަތުން ވާނީ ބޭރު ގައުމަކުން އެއްޗެހި ގަތުން ކަހަލަ ކަމަކަށް ކަމަށެވެ. އަދި ޕޯޓް ސިޓިގައި އޮންނާނީ މިނިވަން ގާނޫނެއް ކަމާށައި އެއިން އެއްވެސް މުއާމަލާތެއް މައި ސަރުކާރަށް އެނގެން ނުޖެހޭނެ ކަމަށެވެ.
އެމްޕީ ވިޖަޔަދާސާ ތަމްސީލް ކުރައްވަނީ ސަރުކާރު ހިންގާ ޕާޓީ "އެސްއެލްޕީޕީ" އެވެ. ސަރުކާރު ފަޅީގައި ހުންނަވައިގެން ސަރުކާރަށް ފާޑު ކިޔުއްވުމަށް ވުރެ ހުރި ނުތަނަވަސްކަން މަޝްވަރާ މޭޒުދޮށުން ހައްލު ކުރުން ބުއްދިވެރި ކަމަށް ކެބިނެޓް މިނިސްޓަރުން ވެސް ވަނީ އެމްޕީ ވިޔަދަދާސާއަށް ދަންނަވާފަ އެވެ. ބެލެވޭ ގޮތުގައި ރައީސް ކޯފާ އިސްކުރެއްވީ މިސަބަބާ ހެދި އެވެ.