ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް މިނިސްޓްރީން ދެންމެ ބުނީ މިއަދު ހަވީރު ހަތަރެެއް ޖެހިއިރު އައިޖީއެމްއެޗަށް ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާ ގެނައިިރުވެސް ހެއެއް ނެތެވެ. އެއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހަވީރު 4:20 ގައެވެ.
އޭނާގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 69 އަށް އަރާފައެވެ.
ކޮވިޑް ޖެހި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުވެސް މީހަކު މަރުވިއެވެ. ހެނދުނު މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެެއް ކަމަށެވެ. އޭނާ މަރުވީ ހެނދުނު 11:12 ގައެވެ. އެ މީހާ މަރުވީ ކޮވިޑް-19 ގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތަގެ 11 ވަނަ ފްލޯގައި ގާއިމުކޮށްފައިވާ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިހާތަނަށް ރާއްޖެއިން މަރުވީ 61 ދިވެހިންނާއި 8 ބިދޭސީންނެވެ.
މި އަހަރު ފެށުނީއްސުރެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހު ކޮވިޑްގެ ނަންބަރުތައް ދަނީ ދަށްވަމުންނެވެ. މިއަދު ޕޮޒިޓިވްވީ 82 މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 26،000 ވުރެ މައްޗަށް ގޮސްފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،584 މީހުންނެވެ. މިހާތަނަށް 23،360 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 68 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.