ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ވައްޑޭ ކުރީ ޖިނާއީ ކުށެއް، ފިޔަވަޅު އަޅަންޖެހޭ"

ގިސާސް ހިފުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދެއްކެވީ ޖާހިލު ވާހަކަތަކެއް ކަމަށް ސިފަކުރައްވާ އެ ވާހަކަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމެއްގައި ވާހަަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ "ސިކު" ބައެއް ކަމަށް ވަހީދު ސިފަކޮށްފައިވާ ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާ އެ ވާހަކަތައް ދައްކާ ވީޑިއޯއެެއްވެސް ވަނީ އާންމުކޮށްފައެވެ.

ދީނީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި އަދި އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވީ ގިސާސް ހިފުމާ ގުޅޭގޮތުން މެންބަރު ވަހީދު ދެއްކެވީ ޖާހިލް ވާހަކަތަކެއް ކަަމަށެވެ. އަދި އޭނާ ކުރައްވާފައިވަނީ ޖިނާއީ ކުށެއް ކަމަށާ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ވަހީދުގެ ސަބަބުން މުޖްތަމައުގައި ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ގިސާސް ހިފުމާ ގުޅޭގޮތުން މެންބަރު ވަހީދު ދެއްކެވީ ޖާހިލް ވާހަކަތަކެއް. މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ގައުމެއްގައިވެސް ދޭ އަދަބެއް. ވައްޑޭ ކުރީ ޖިނާއީ ކުށެއް، ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ. އޭނާގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން އުފެދުން ބޮޑު،" ޖަމީލް ވިދާޅުވިއެވެ.

ވަހީދަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އޭނާގެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީގެ ރޭ ނެރުނު ބަޔާނުގައި ވަނީ ވަހީދުގެ ވާހަކާގައި ފާހަގަކޮށްފައިވާ ނުކުތާ އަމާޒު ކޮށްފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫން ކަމަށް ބުނެފައެވެ. އޭނާގެ ވާހަކަ އަމާޒު ކޮށްފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށާ އަދި އެ ވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ މީހުން އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން ވަހީދުގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ކަމަށެވެ.

"...މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއާ ޑޮކްޓަރު އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައި. ތަހުގީގުތަކުން ދައްކާގޮތުގައި ޑޮކްޓަރު އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިން. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވޭ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.